މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޖަޕާނާއެކު މުުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޢަލީ ޝަރީފް، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝީގާމީ ރުމީކޯއާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ދެމެހެއްޓުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ޚާއްޞަކޮށް، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާއިންނާއި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ބެލެހެއްޓުމާ ގުޅޭ އެކި ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.
ޖަޕާނަކީ ޒަމާނުއްސުރެ ރާއްޖޭގެ ތަރައްޤީއަށާއި، ޚާއްޞަކޮށް ތިމާވެށްޓާއި މޫސުމީ ބަދަލުތަކާ ގުޅުންހުރި ކަންކަމުގައި ރާއްޖެއަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ.