ކޯވިޑް-19

ކޯވިޑް-19 ދިފާޢު: އިތުރު 2009 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި


ކޯވިޑް-19އިން ދިފާޢުވުމަށް އިތުރު 2009 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަދު މާލެ ސަރަޙައްދުން ވެކްސިން ޖަހާފައިވަނީ 1207 މީހުންނެވެ. އަދި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ވެކްސިން ސެންޓަރުތަކުގައި 802 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް 224،979 މީހުން މިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިން ޖަހާފައިވާ 125،885 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 99،094 މީހުންނެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަން ފަށާފައިވާއިރު، މާލެއާ ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން ގްރޭޓަރ މާލޭ ސަރަޙައްދުގައި 8 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި 2، މޯބައިލް ޓީމުން މާލޭ ސަރަޙައްދުގައި ވެކްސިން ޖަހައިދިނުމަށް ދަނީ ހަރަކާތްތެރިވަމުންނެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ޖެހުން ކުރިއަށްދާ ސަރަހައްދުތަކުގެ ތެރޭގައި ސޯޝަލް ސެންޓަރ، އިސްލާމީ މަރުކަޒު، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ގާއިމްކޮށްފައިވާ ސެންޓަރ، ޓްރީޓޮޕް ހޮސްޕިޓަލު ހިމެނެއެވެ. މީގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު ފިޔަވައި އެހެން ހުރިހާ ސެންޓަރުތަކުގައިވެސް ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެންދުރުފަހު 15:00އާ ހަމައަށެވެ. ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެދުރު 12:00އާ ހަމައަށެވެ. މާލޭގެ އިތުރުން ވެކްސިން ދިނުން ރާއްޖޭގެ އެކި ރަށްރަށުގެ 169 ސެންޓަރެއްގައި ކުރިއަށްގެންގޮސްފައިވެއެވެ.

ރާއްޖޭގައި ޢާއްމުކޮށް ހުޅުވާލައިގެން ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒްޖެހުން ކުރިއަށްގެންދާއިރު، މިދުވަސްވަރު ޚާއްސަ ޙާލަތްތަކާ ގުޅިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ބޭނުންވާ މީހުންނަށް އެ ފުރުޞާތުވެސް ވަނީ ހުޅުވާލާފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ ޚާއްސަ ޙާލަތުގެ ގޮތުގައި ބަލަނީ، ޚާއްސަ ޙާލަތަކާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކޮށް، އަދި ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ވާންވާއިރަށް އެނބުރި ނާދެވޭ މީހުންކަމަށެވެ.