ކުޅިވަރު

މާޒިޔާއިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެހީއަށް އެދިއްޖެ


ލީގު ނުފެށި ލަސްވަމުންދާތީ އެކަމަށް ހައްލެއް ހޯދިއިދިނުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއެޝަނުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެހީއަށް އެދިވަޑައިގަންވައިފިއެވެ.

އޭއެފްސީ ކަޕާއި އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ މާޒިޔާ އާއި ކުލަބް އީގަލްސްއިން ތައްޔާރުވަމުންދާއިރު، މިދެ ކުލަބްއިންވެސްވަނީ ލީގު ނުފެށި ވާދަވެރި މެޗްތަކެއް ކުޅެލަން ނުލިބުމުގެ ސަބަބުން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ ހިމެނޭ ގުރޫޕް ޑީގައި ހިމެނޭ ބަންގްލަދޭޝް، އިންޑިޔާ އަދި ބޫޓާންގެ ޓީމްތަކުން މުބާރާތަށް ތައްޔާރުވަމުންދާއިރު، ރާއްޖޭގެ ޓީމްތަކަށް ވާދަވެރި މެޗްތަކެއް ކުޅުމުގެ ފުރުސަތުވަނީ ގެއްލިފައެވެ. މިދިޔަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން ދިވެހި ޕްރިމިއަރ ލީގް ކުޅުން ވަނީ ހުއްޓާލާފައެވެ. އެފްއޭއެމުން ލީގް ފެށުމަށް އެޗްޕީއޭ އާއި ހެލްތް މިނިސްޓްރީ އަދި ޔޫތް މިނިސްޓްރީއާއެކު ކުރިއަށް ގެންދެވުނު ބައްދަލުވުންތަކަށްފަހު ވެސް ލީގް ފަށާނެ ދުވަހެއް އަދިވަނީ ނުނިންމިފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އެހީއަށް އެދި މާޒިޔާއިން ކުރި ޓްވީޓޭއްގައި ބުނެފައިވަނީ ފުޓްބޯޅަ ކުލަބްތަކާއި ކުޅުންތެރިން މިކަމާއި ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށާއި މިއީ ވަރަށް ގިނަ ޒުވާނުން ޝާމިލްވާ ކަމެއްކަމަށެވެ. އަދި މިއީ ވަރަށް ގިނަ ކުޅުންތެރިން އާމްދަނީ ހޯދުމަށްވެސް ކުރަމުންދާ މަސައްކަތަކަށްވާއިރު، މިކަމަށް ހައްލެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދިވަޑައިގަންނަވާކަމަށް މާޒިޔާއިން ޓްވިޓްކޮށްފައިވެއެވެ.

ލީގް ނުފެށި ލަސްވާތީ ކުޅުންތެރިންނާއި ކުލަބްތަކުގެ އިތުރުން އެފްއޭއެމް އަދި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްވެސްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ކުލަބްތަކުން އޭއެފްސީ ކަޕަށް ބޮޑު ހަރަދުކޮށްގެން ތައްޔާރުވަމުންދާއިރު، އޭއެފްސީ ކަޕްގައި ރަގަނޅު ނަތީޖާއެއް ކުލަބުތަކަށް ނެރެވޭނީ ލީގް ފެށި، ވާދަވެރި މެޗްތަކެއް ކުޅެލަން ލިބިގެންކަމަށް ކުލަބްތަކުން ވަނީ ބުނެފައެވެ.