ތިމާވެށި

2023ގެ ނިޔަލަށް މުޅި އާބާދީއަށް ފެނާއި ނަރުދަމާ ޔަޤީންވާނެ

2023ގެ ނިޔަލަށް މުޅި ރާއްޖޭގެ އާބާދީއަށް ރައްކާތެރި ފެނާއި ނަރުދަމާގެ ޙިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. މި އަމާޒަށް ވާޞިލުވުމަށްޓަކާ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމަށް މިހާރުވަނީ ބީލަންކޮށް ކޮންޓަރެކްޓަރުންނާއި ހަވާލުކޮށްފައެވެ.

ކޮންމެ އަހަރެއްގެ މާރޗް މަހުގެ 22ވަނަ ދުވަހަކީ ދުނިޔޭގެ ފެނުގެ ދުވަހެވެ. ބައިނަލްއަގުވާމީ ގޮތުން 1993ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގައި އަންނަނީ މިދުވަސް ފާހަގަކުރަމުންނެވެ.

މިދުވަހަކީ ފެނުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް ބާރުއެޅުމަށާއި މިކަމަށް މީހުން ހޭލުންތެރިކުރުމަށް ޚާއްސަ ކުރެވިފައިވާ ދުވަހެކެވެ. މިދުވަސް ފާހަގަކުރަނީ އދ. ގެ އާންމު މަޖިލީހުން ކަނޑައަޅާ ޚާއްސަ ޝިޢާރެއްގެ ދަށުންނެވެ. އެގޮތުން 2021 ވަނަ އަހަރުގެ ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި އ.ދ އިން ކަނޑައަޅާފައިވަނީ "ފެނުގެ އަގުވަޒަންކުރުން" އެވެ.

މި ޝިއާރަކީ ރާއްޖެފަދަ މީރުފެނުގެ ޤުދުރަތީ ވަސީލަތްތައް މަދު ޤައުމުތަކަށް ވަރަށް މުހިންމު ޝިއާރެކެވެ. ގޭބީސީތަކާއި ސުކޫލު މަދަރަސާތަކުގަ އާއި މަސައްކަތު މަހައުލުގައި ފެނުގެ ބޭނުން ކުރަމުންދާއިރު ފެނުގެ އަގު ވަޒަން ކުރުމަކީ، މި މުހިއްމު ވަސީލަތް ދެމެހެއްޓެނެވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިކުރވުވާނެކަމެކެވެ. މިފަދަ ދުވަހެއް ފާހަގަކުރުމަކީ ފެނުގެ އަގު ވަޒަންކޮށް ޤައުމީ ފެންވަރުގައި މިކަމުގެ ހޭލުންތެރިކަން އުފެއްދުމަށް ލިބިގެންދާނެ ފުރުސަތެއްވެސް މެއެވެ.
ފެނަކީ، ދިރިހުރުމަށް ކޮންމެހެން ބޭނުންވާ އަދި ޤުދުރަތީ ގޮތުން ދުނިޔޭގައި ލައްވާފައިވާ އެންމެ މުހިންމު އެއްވަސީލަތެކެވެ.

ރާއްޖެ އުފެދިފައިވަނީ ބިންތިރި ޖަޒީރާ ޤައުމެއްގެގޮތުގައިކަމުން ޤުދުރަތީގޮތުން ލިބެންހުރި މީރުފެނުގެ ވަޞީލަތްތައްވެސް އެހެނިހެން ބައެއް ޤައުމުތަކާއި އަޅާބަލާއިރު ނިސްބަތުން މަދެވެ. ރާއްޖޭގައި ޤުދުރަތީގޮތުން ލިބެން ހުރި މީރު ފެނުގެ ވަޞީލަތްތަކަކީ ވާރޭފެނާއި ބިމުގެ މީރުފެންފަށަލަތަކެވެ. ނަމަވެސް ރަށްރަށުގެ އާބާދީ އިތުރުވެ، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއިއެކު އެކި ބޭނުންތަކަށް ބިމުން ފެން ނެގޭ މިންވަރު ވަނީ އިތުރުވެފައެވެ. މިކަމާއި ގުޅިގެންނާއި ގޭގޭގައި އުފެދޭ ނަޖިހާއި ނަޖިސްފެން ބިމަށް ހިންދުމުގެ ސަބަބުން ފެންފަށަލަތައް ލޮނުވެ ތަޣައްޔަރުވެ ސާފުފެން ލިބުމުގެ ދަތިކަން ވަނީ ގިނަ ރަށްރަށުގައި ކުރިމަތި ވެފައެވެ. ދިވެހީންގެ ދިރިއުޅުމަށް އައިބަދަލުތަކާއި ތަރައްޤީގެ މަގުގައި ކުރިއަށްއެޅިފިޔަވަޅުތަކާއެކު ރާއްޖޭގެ ރަށްރަށުގައި މިހާރުވަނީ ނަރުދަމާ ނިޒާމުތައްވެސް ޤާއިމްކުރަންފަށާފައެވެ. މިގޮތުން ގިނަ ރަށްރަށުގައި ސެޕްޓިކް ޓޭންކްތައް ބޭނުންކުރެވޭއިރު އަނެއްބައި ރަށްރަށުގައި ހޮޅީގެ ވިއުގައެއް ޤާއިމްކޮށް ޓްރީޓްމަންޓު ޕްލާންޓް ބަހައްޓާ ޕަންޕް ސްޓޭޝަންތައްވަނީ ޤާއިމްކުރެވިފައެވެ.

ސާފުބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް ރަށްރަށުގައި ޤާއިމްކުރުމަށްޓަކައި ޚާއްޞަ އިސްކަމެއް ދީގެން ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން 2021 ވަނައަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 71 ރަށެއްގައި ނަރުދަމާ ނިޒާމު ޤާއިމުކޮށް އާބާދީގެ %79 އަށް ރައްކާތެރި ނަރުދަމާ ނިޒާމުގެ ޚިދުމަތް ދަނީ ފޯރުކޮށް ދެމުންނެވެ. ހަމަމިއާއެކު، 2023 ގެ ނިޔަލަށް އާބާދީގެ %100 އިންސައްތައަށް ރައްކާތެރި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފޯރުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެކެވެ.

ރާއްޖޭގެ ރަށްރަށުގައި ފެނުގެ ނިޒާމުޤާއިމް ކުރެވިފައިވާ ގޮތަށްބަލާއިރު 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 39 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމުކޮށް އާބާދީގެ %68 އަށް ފެނުގެ ޚިދުމަތް ދަނީ ފޯރުކޮށް ދެމުންނެވެ. އަދި 2023 ގެ ނިޔަލަށް %100 އަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެނުގެ ނިޒާމުގެ ޚިދުމަތް ޔަޤީންކޮށް ދިނުމަކީވެސް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެކެވެ.

ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި އެ ރަށެއްގެ ފެނާއި ނަރުދަމާގެ ޚިދުމަތް އާންމުގޮތެއްގައި އެއް ޔުޓިލިޓީ ކުންފުނި މެދުވެރިކޮށް ފޯރުކޮށްދެއްވުމަކީ ސަރުކާރުގެ އާއްމު ސިޔާސަތެވެ. މިސިޔާސަތުގެ ދަށުން ރަށްރަށުގައި ޤާއިމްކުރެވޭ ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް ދަނީ ފޯރުކޮށްދެމުންނެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނޫ އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އެކަށީގެންވާ ފެނާއި ނަރުދަމާ ނިޒާމް މީހުން ދިރިއުޅޭ ރަށްރަށުގައި ޤާއިމްކޮށް އޭގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމަށް މިހާރުވަނީ ބީލަންކޮށް ކޮންޓަރެކްޓަރުންނާއި ހަވާލުކޮށްފައެވެ. ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާ ގޮތެއްގައި ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށްޓަކައި ފެނާއި ނަރުދަމާ އާއި ބެހޭ ޤާނޫނު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ތަސްދީގު ކުރައްވާފައެވެ. އަދި ފެނުގެ ޤާނޫނުގެ ދަށުން ހަދަން ޖެހޭ ޤަވާއިދުތައް ވަނީ ހަދާފައެވެ.

މި ދާއިރާ ކުރިއަރުވައި ރައްޔަތުންނަށް އެކަށީގެންވާ ފެންވަރު ރަގަނޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ޤާނޫނުއްގެ ދަށުން ވަނީ ރެގިއުލޭޓް ކުރުމަށް ޔޫޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީގެ ނަމުގައި މުވައްސަސާއެއް އުފައްދަވާފައެވެ. ފެނާއި ނަރުދަމާގެ ޤައުމީ ސިޔާސަތުގެ އެންމެ މުހިންމު އަމާޒަކީ އެންމެނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުންކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ޚިދުމަތް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއްކަމަކީ މިކަމަށް ބޭނުންވާ ޒާމާނީ ވަސީލަތްތަކާއި ނިޒާމުތައް ޤާއިމުކުރުން ކަމަށާއި، އެއަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.