ޚަބަރު

ދިއްދޫ އަމާންވެށިން ޕޮޒިޓިވްވި ދެ މީހަކު ށ. އަތޮޅު ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފި


ހއ. ދިއްދޫ އަމާންވެށިން ޕޮޒިޓިވްވި ދެ މީހަކު އިތުރު ފަރުވާއަށް ށ. އަތޮޅު ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފިއެވެ.

ހއ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އުސްމާން އަޝްރަފް ވިދާޅުވީ އިތުރު ފަރުވާއަށް ގެންގޮސްފައިވަނީ އަމާންވެއްޓަށް ގެންދިޔަ 15 ކުދިން ބެލުމަށް އެކުދިންނާއެކު އެތާ ކަރަންޓީނުގައި ތިބި ދެ ކެއަރޓޭކަރުން ކަމަށެވެ.

ދިއްދޫ އަމާންވެށިން މިހާތަނަށް 12 ކުއްޖަކާއި އެކުދިިން ބެލެހެއްޓުމުގައި އުޅޭ 4 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަމާންވެށިން ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނިފައިވަނީ މިމަހުގެ 12 ވަނަދުވަހުއެވެ. އަމާންވެށިން ކުއްޖަކު ޕޮޒިޓިވްވުމާއެކު، އެ ކުއްޖާއާއި ކޮންޓެކްޓްވިި ހުރިހާ އެންމެންގެ ސާމްޕަލްވަނީ ނަގާފަ އެވެ. އަދި މި ސާމްޕަލްތަކުގެ ތެރެއިން މިމަހުގެ 14 ވަނަ ދުވަހު އިތުރު 10 ސާމްޕަލެއް ޕޮޒިޓިވްވިއެވެ.

ހއ އަމާން ވެށިން ޕޮޒިޓިވްވި ހުރިހާކުދިންވެސް ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި އައިސޮލޭޓް ކުރެވިފައިވާ ކަމަށް ދިއްދޫ ކައުންސިލުން ވިދާޅުވެއެވެ. ހއ. އަމާންވެށީގައި ތިބި 15 ކުދިންވެސް ތިބީ ކަރަންޓީނުގައި ކަމުން އެކުދިންނާ ބައްދަލުވެފައިވަނީ އެތާ ތިބި ކުދިންނާ އެކަނިއެވެ. އެދުވަހުން ފެށިގެން އެކުދީންނާއި، އެކުދީން ބަލަހައްޓާ މީހުން ވެސް ތިބީ، އެކުދީންގެ ކަރަންޓީނު މުއްދަތު ހަމަވަންދެން އެތަނުގައި ކަރަންޓީނު ވެގެންކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ދިއްދޫގައި ގާއިމުކުރި ''ހއ. އަމާންވެށި'' ރަސްމީކޮށް ހުޅުވީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ހއ. އަތޮޅުގައި ހުޅުވި އަމާންވެއްޓަށް ތިން ޢާއިލާއަކަށް ނިސްބަތްވާ 15 ކުއްޖަކުވަނީ ބަދަލުކޮށްފައެވެ.