 
										
			އަތޮޅުތަކުގެ 12ރަށެއްގެ ސިއްހީ މަރުކަޒު، ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. ހެލްތް މިނިސްޓްރީން ވިދާޅުވީ މިބަދަލުގެންނާނީ މުޅިން އާ ޢިމާރާތްތަކާއެކުކަމަށެވެ.
މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވީ އަލަށް ހޮސްޕިޓަލްތަރައްޤީކުރުމަށް ނިންމާފައިވާ ރަށްތަކަކީ ހއ.އިހަވަންދޫ، ހއ.ހޯރަފުށި، ހދ.ހަނިމާދޫ، ށ.މިލަންދޫ، ނ.ވެލިދޫ، ނ.ކެނދިކުޅުދޫ، ބ.ތުޅާދޫ، ޅ.ހިންނަވަރު، ފ.ނިލަންދޫ، ތ.ވިލިފުށި، އދ.މާމިގިލީ، ގދ.ގައްދޫ ކަމަށެވެ.
މި ހޮސްޕިޓަލްތަލްތައް ފަރުމާކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާކަމަށާ، މިކަމަށް ހިންގާނެކަމަށް ލަފާކުރާ ޚަރަދުތަކާ ގުޅޭ ދިރާސާތައްވެސް ނިމިފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. ހޮސްޕިޓަލްތަކުގެ ކުރެހުންތަކާ ބީއޯކިއު، ހިލޭސާބަހަށް ތައްޔާރުކޮށްދެއްވީ ށ.މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާގެ އެހީތެރިކަމުގައިކަން ހެލްތު މިނިސްޓްރީން ފާހަގަކުރައްވައެވެ. 
		
 
										 
										
			ރާއްޖޭގައި މިވަގުތު ހުރި ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ސަރުކާރުންވަނީ ފަށާފައެވެ. އަދި އަތޮޅުތަކުގައި ހުރި ސިއްހީ މަރުކަޒުތަކީވެސް ރަށުފެންވަރުގައި އެކަށީގެންވާ ފަރުވާ ލިބޭނެ ތަނަކަށް ހެދުމުގެ މަސައްކަތްތައްދަނީ ކުރަމުންނެވެ. 
އަތޮޅުތަކުގެ ސިއްހީ ޚިދުމަތް ތަރައްޤީކުރުމަށް ކުރިއަށްގެންދާ އެންމެމުހިންމު މަސައްކަތަކީ ރާއްޖޭގެ 5 ސަރަޙައްދެއްގެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މިމަސައްކަތަކީ ސިއްހީ ޚިދުމަތް ހޯދުމަށް މާލެ އަންނަންޖެހޭ އައުމަށް ނިމުމެއް ގެނެސް، އަމިއްލަ ރަށުގައި ނުވަތަ ސަރަޙައްދުގައި ތިބެގެން ޚިދުމަތްލިބޭނެ މަގު ފަހިކޮށްދިނުމެވެ.