ވިޔަފާރި

10 ރިސޯޓް ފިޔަވައި އެހެން ހުރިހާ ރިސޯޓެއް އަލުން ހުޅުވައިފި


ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ރިސޯޓްތަކުގެ ތެރެއިން 10 ރިސޯޓެއް ފިޔަވައި އެހެން ހުރިހާ ރިސޯޓެއް އަލުން ހުޅުވައިފިއެވެ.

ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އެއިރު ވަނީ އެއްކޮށް ހުއްޓިފައެވެ. ބޯޑަރު ބަންދުކޮށް ފަތުރުވެރިން އައުން ހުއްޓުމުގެ ސަބަބުން މިދިޔަ އަހަރުގެ ތެރޭގައި ހުރިހާ ރިސޯޓެއް ކަހަލަ ގޮތަކަށް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައިމަހު އަލުން ބޯޑަރު ހުޅުވާލުމާއިއެކު އަލުން ފަތުރުވެރިކަން ފެށި ފަތުރުވެރިންނަށް ޙިދުމަތްދޭ ރިސޯޓްތައް ވަނީ އޮޕަރޭޝަނަށް ގެންނަން ފަށާފައެވެ.

ރާއްޖޭގައި އޮޕަރޭޓްކުރާ ގިނަ ރިސޯޓްތައް މިހާރު ވަނީ އަލުން ހުޅުވައި ޙިދުމަތްދޭން ފަށާފައެވެ. އަލުން އޮޕަރޭޝަނަށް ގެނެސްފައިވާ ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓްވެސް މިހާރު އުޅެނީ ފުލްކޮށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މުޅި ޖުމްލަ 159 ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. މީގެތެރެއިން 149 ރިސޯޓް މިހާރު ވަނީ ކޯވިޑަށް ފަހު އަލުން ހުޅުވާފައެވެ. އެހެންކަމުން މިހާތަނަށް ނުހުޅުވާ ހުރި އެންމެ 10 ރިސޯޓެވެ. މިހާތަނަށް ނުހުޅުވާ ހުރި ރިސޯޓްތައް:

  • ޕާމް ބީޗް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
  • ރިހިވެލި އައިލެންޑް ރިސޯޓް އެންޑް ސްޕާ
  • މާޔަފުށި ޓޫރިސްޓް ރިސޯޓް
  • އަލިމަތަ އެކުއެޓިކް ރިސޯޓް
  • ކެނަރީފް ރިސޯޓް މޯލްޑިވްސް
  • ސަންގްރިލާސް ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
  • ވަކަރުފަޅި އައިލެންޑް ރިސޯޓް
  • ފާރުފުށި މޯލްޑިވްސް
  • ސަފާރީ އައިލެންޑް (މެރީނާ)
  • އާވީ ނޭޗާސް ޕެރެޑައިސް

ރާއްޖޭގެ ފަތުރުވެރިކަމުގައި 159 ރިސޯޓް ހިންގަމުންއަންނައިރު ބެޑް ކެޕޭސިޓީއަކީ 37،140 އެވެ. މީގެތެރެއިން މިހާތަނަށް 34،344 އެނދު އަލުން ވަނީ އޮޕަރޭޝަނަށް ނެރެފައެވެ.

ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ރިސޯޓް، ގެސްޓްހައުސް، ސަފާރީ، އަދި ހޮޓެލްގެ 45 ހާހަށްވުރެ ގިނަ އެނދު ކޯވިޑަށްފަހު އަލުން އޮޕަރޭޝަނަށް ގެނެސްފައިވާއިރު މީގެތެރެއިން 76 އިންސައްތައަކީ ރިސޯޓްތަކުގެ އެނދުތަކެވެ. 15 އިންސައްތަ ހިއްސާކުރަނީ ގެސްޓްހައުސްތަކެވެ. 6 އިންސައްތަ ސަފާރީތަކުން ހިއްސާކުރާއިރު 3 އިންސައްތަ އެނދު ހިއްސާކުރަނީ ހޮޓެލްތަކުންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 243979 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ 555494 ފަތުރުވެރިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.