ޚަބަރު

ކޯވިޑް-19 : މިއަދު 186މީހުން ޕޮޒިޓިވް، ބަލިޖެހުނު މީހުންގެ ޢަދަދު 22،000އިން މައްޗަށް


އިތުރު 186 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 22،000ން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވީ 186މީހުންނެވެ.

މީގެތެރޭގައި ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން 151 މީހުން މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައިވާއިރު، މީހުން ދިރިއުޅޭ ރަށްތަކުން 14 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓުތަކުން 20 މީހުން ޕޮޒިޓިވްވެފައިވާއިރު، ސަފާރީތަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 22،147އަށް އިތުރުވެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު 123 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 19،642 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،433 މީހުންނެވެ. ބަލީގައި އެޑްމިޓްކޮށްގެން 121 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިގެން 65 މީހުން ނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 57 ދިވެހިންނާއި 8 ބިދޭސީންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި4،688 ސާމްޕަލް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ އަދަދު މިހާރު ވަނީ 594،582އަށް އަރާފައެވެ.