އިދިކޮޅު ޕީޕީއެމް ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފުވެފައިވާތީ 75،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މިފަހަރު ޕީޕީއެމް ޖޫރިމަނާކޮށްފައިމިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މާލޭ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފަށް ޕީީޕީއެމުން ހިނގި ސިޔާސީ ހަރަކާތަކާއި ގުޅިގެން ފުލުހުން އކުލަވާލި ރިޕޯޓަށް ޖަވާބުދާރީވާން ޕީޕީއެމަށް ފުރުސަތުދިނުމަށްފަހުގައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ޖަވާބުދާރީވާން ޕީޕީއެމަށް ދިން ފުރުސަތުގައި އެޕާޓީން ހުށައެޅި ހުށައެޅުން ޤަބޫލުނުކުރާކަމަށް ނިންމީ ކޮމިޝަނުގެ ލީގަލް ޓީމުން އެހުށައެޅުމަށް ބަލައި އެކުލަވާލި ރިޕޯޓަށް ބިނާކުރުމަށްފަހުކަމަށެވެ.
އެހެންކަމުން ޕީޕީއެމް ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފުވެފައިވާކަމަށް ނިންމައި 75،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. ކޯވިޑް-19ގެ ޙާލަތުގައި އެޗްޕީއޭއިން އަންގާ އެންގުންތަކަށް ބޯލެނބުމަކީ ސިޔާސީ ޕާޓީތަކުން ކުރަންޖެހޭ ކަމެއްކަމަށްވާއިރު އެކަމާ ޚިލާފުވުމުން މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައިވެސް 150،000 ރުފިޔާއިން ޕީޕީއެމް ޕީއެންސީވަނީ ޖޫރިމަނާކޮށްފައެވެ.
މީގެ އިތުރުން ކޯވިޑް-19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ މިންގަޑުތަކާއި ޚިލާފްވެފައިވަތީ އިދިކޮޅު ޕީޕީއެމް-ޕީއެންސީވަނީ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްވަރެއްގައި އުޞޫލުތަކާއި ޚިލާފަށް ހިންގާ ސިޔާސީ ހަރަކާތްތައް ހުއްޓުވަން ޤާނޫނީ ޙައްލެއް ގެނައުން މުހިއްމުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވަނީ ވިދާޅުވެއްޖެއެވެ.