ޚަބަރު

ހުރިހައި ސްކޫލެއްގެ އެއަރކޮންޑިޝަންތަކެއް ތިމާވެއްޓަ ރައްޓެހި ތަކެއްޗަށް ބަދަލުކުރަނީ


ބައެއް ސްކޫލްތަކުގައި ހުރި "އެޗް.ސީ.އެފް.ސީ 22" ގޭސް ބޭނުންކުރާ އެއަރކޮންޑިޝަންތައް އޯޒޯންފަށަލައަށް ގެއްލުންނުލިބޭ ފަދަ ގޭސް ބޭނުންކުރާ އެއަރކޮންޑިޝަންތަކަށް ބަދަލުކުރުމަށް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރޙުސައިން ރަޝީދު ޙަސަނެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ.އާއިޝަތު އަލީއެވެ.

މި އެއްބަސްވުމަކީ މިހާރު ހައިޑްރޯފްލޯރޯކާބަންސް (އެޗް.ސީ.އެފް.ސީ) ގޭސް ބޭނުންކުރާ އޭސީތައް ބަދަލުކުރުމަށްޓަކައި ނިއު ޒިލޭންޑްގެ ސަރުކާރުގެ ފަރާތުން ހިންގާ "ގޯ ގްރީން" ޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާ ދެމެދު ވެފައިވާ ފަހުނަމާއެކެވެ.

އޯޒޯން ފަށަލައަށް ގެއްލުންދޭ އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމަށްޓަކައި ދިވެހިރާއްޖެއިން އެއްބަސްވެފައިވާ ލަނޑުދަނޑިއަށް މިދިޔަ އަހަރު ވަނީ ވާސިލްވެފައިކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ހިންގާ ޕްރޮގްރާމްގެ ސަބަބުން މިހާރު އެޗްސީއެފްސީ ބޭނުންކުރާ އޭސީތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަރަށްބޮޑު އެހީއަކަށްވާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ވިދާޅުވީ ޖައްވު ހޫނުވުމަށް މެދުވެރިކުރާ މާއްދާއެއްކަމުގައިވާ ހައިޑްރޯފްލޯރޯކާބަންސް ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރަންޖެހޭނެ މަސައްކަތްތަކަށް ތައްޔާރުވަމުން އަންނަކަމަށެވެ. މޫސޫމަށް އަންނަބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން ސަލާމަތްވުމަށް އަވަސް ފިޔަވަޅުތަކެއް ނާޅާ ތިބެވޭކަށް ނެތްކަމަށާއި ވެވުނު މިންވަރަކުން މަސައްކަތައް އަވަސްކުރަންޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު 90 ސްކޫލެއްގައި މި ގޭސް ބޭނުންކުރާ 486 އޭސީ އެބަހުރި ކަމަށެވެ. އަދި މިމަޝްރުޢުގެ ދަށުން ސަރުކާރުގެ ސްކޫލުތަކުގައި ހުރި އެޗް.ސީ.އެފް.ސީ 22 ގޭސް އެކުލެވޭ އޭސީތައް ތިމާވެއްޓާއި ރައްޓެހި އަދި އޯޒޯން ފަށަލައަށް ގެއްލުން ނުދޭ މާއްދާއެއް ބޭނުންކުރާ އޭސީތަކަކަށް ބަދަލުކުރެވޭނެކަމަށެވެ.

އެޗް.އެފް.ސީ އަކީ ކާރބޮންޑައި އޮކްސައިޑަށްވުރެ ތިންހާސް ހަތްސަތޭކަ ނުވަދިހަ ގުނަ އިތުރަށް، މޫސުމަށް އޭގެ ނުރައްކާ ބޮޑު މާއްދާއެކެވެ. އެހެންނަމވެސް އެޗް.އެފް.ސީ ޖައްވަށް ބޭރުވާމިންވަރު އަހަރަކު 10 – 15 އިންސައްތަ އަންނަނީ އިތުރުވަމުންނެވެ. އަދި މި މާއްދާ އަކީ ޖައްވުގައި 29 އަހަރު ހަރުލާފައި ހުންނަ މާއްދާއެކެވެ.

2020ވަނަ އަހަރުގެ ނިޔަލަށް އެޗް.ސީ.އެފް.ސީ ބޭނުންކުރުން ހުއްޓާލުމަށް ދިވެހިރާއްޖެއިން ވަނީ އެއްބަސްވެފައެވެ. 2015 އަހަރުން ފަށައިގެން އެޗް.ސީ.އެފް.ސީ ބޭނުންކުރާ ތަކެތި އެތެރެކުރުންވަނީ މަނާކުރެވިފައިއެވެ. އަދި މިހާރު ހުރި އެޗްސީއެފްސީ ބޭނުންކުރާ އާލާތްތަކަށް ބޭނުންވާ މިންވަރަށް އެޗްސީއެފްސީ އެތެރެކުރެވޭނީ 2025 ވަނަ އަހަރު ވަންދެންނެވެ.