އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ސާފިން ޓީމު އިންޑިއާއަށް ފުރަފިއެވެ.
މިއަދު ފުރި ޓީމުގައި ޖުމްލަ 9 އެތުލީޓުން ހިމެނެއެވެ. މީގެ ތެރޭގައި 3 ފިރިހެން އެތުލީޓުންނާއި، 3 އަންހެން އެތުލީޓުން އަދި 3 ޖޫނިއަރ އެތުލީޓުން ހިމެނެއެވެ. މިއީ އަންހެން އަދި ޖޫނިއަރ ޑިވިޝަންގެ އެތުލީޓުން އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވާފައި ވަނީ ތައިލެންޑްގެ ފުކެޓްގައެވެ. އޭގެ ފަހުން ދެވަނަ އަދި ތިންވަނަ އަހަރު މި މުބާރާތް ބޭއްވީ ރާއްޖޭގައެވެ. މިއަހަރުގެ މުބާރާތް އޮގަސްޓް 3 އިން 12 އަށް ކުރިއަށްދާނީ އިންޑިއާގައެވެ.
ސާފިން އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި މި މުބާރާތުގައި އަންހެން ޓީމެއް ބައިވެރިވުމާއެކު، ދިވެހި ސާފިންގެ މުސްތަގުބަލަށް އާ އުންމީދުތަކެއް ގެނެސްދޭނެކަމަށެވެ. މިއީ ހަމައެކަނި މުބާރާތެއްގައި ބައިވެރިވުމަށްވުރެ ބޮޑަށް ދިވެހި އަންހެނުންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ފުރުސަތު ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރުވާ ބޮޅެކެވެ.
ގައުމީ ސާފިން ޓީމުގެ އޮފިޝަލް ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކްއެވެ. 2022 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިސްލާމިކް އިން އަންނަނީ ސާފިން އެސޯސިއޭޝަނަށް އެހީތެރިވަމުންނެވެ.
މި ކުޅިވަރުގައި ޒުވާން މޮޅު ކުދިންގެ ހުނަރު ކުރިއެރުވުމަށް އެމްއެސްއޭ އިން ބާއްވާ ނެޝަނަލް ޖޫނިއަރ ސާފިން ޗެންޕިއަންޝިޕަށްވެސް ބީއެމްއެލް އިސްލާމިކްގެ އެހީތެރިކަން ފޯރުކޮށްދެއެވެ.