ޚަބަރު

މަހިބަދުއާއި ފެލިދޫގެ އައު އިންޖީނުގެ - ޒަމާނީ ރައްކާތެރި ހިތްގައިމު ޢިމާރާތަކަށް


ރަށްރަށުގައި ބާވެފައިހުރި އިންޖީނުގެތަށް ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތްތައް، ކަރަންޓުގެ ޚިދުމަތް ރަށްރަށަށްދެމުން އަންނަ ކުންފުނިތަކުން އަންނަނީ ކުރަމުންނެވެ.

މާލެ ސަރަޙައްދަށް ކަރަންޓު ފޯރުކޮށްދެމުން އަންނަ ސްޓެލްކޯއިން އަތޮޅުތަކުގެ ބައެއް ރަށްރަށަށްވެސް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ރަށްރަށުގައި ދުވަސްވެފައި ހުރި އިންޖީނުގެތަށް އަލުން ޒަމާނީ ފެންވަރަށް ބިނާކޮށް ރައްކާތެރިގޮތުގައި ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތް ދިނުމުގެ މަސައްކަތްތަކެއް އެކުންފުނިން ވަނީ ފަށާފައެވެ. އާ ފަރުމާތަކާއެކު އެންމެ ފުރަތަމަ މަސައްކަތް ފަށާ ދެ އިންޖީނުގެއަކީ އދ.މަހިބަދުއާއި ވ.ފެލިދޫގެ އިންޖީނުގެތަކެވެ.

700 އާ ގާތްކުރާ ޢަދަދެއްގެ މީހުންގެ އާބާދީއެއް އޮންނަ ފެލިދުއަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް މިހާރު ބޭނުންކުރަނީ 670 ކިލޯ ވޮޓްގެ ކެޕެސިޓީގެ އިންޖީނުގެއެކެވެ. މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުންނަ މި އިންޖީނުގޭގެ އުނދަގޫ ކައިރި ސަރަޙައްދުގެ ގެތަކަށް ކުރިމަތިވެއެވެ. ފެލިދޫގެ އާ އިންޖީނުގެ އަޅަނީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައެވެ. އާ އިންޖީނުގޭގެ ޢަމަލީ މަސައްކަތް ފެށުމަށް ފެލިދޫގައި ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ސްޓޭލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙަސަން މުޢުނީއެވެ.

ރަށު ފަތުރުވެރިކަމަށް ފައްކާވެފައިވާ ފެލިދުއަށް، މި މަޝްރޫޢަކީ މުހިންމު މަޝްރޫޢުއެކެވެ. ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރިކަމާއެކު ކަރަންޓުގެ ޚިދުމަތް ދިނުމުގެ އިތުރަށް، މި މަޝްރޫޢާއެކު ރަށުގެ ކަރަންޓުގެ ކެޕޭސިޓީވެސް އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އާ އިންޖީނުގެއަކީ އިތުރުވާ އާބާދީއަށް ބަލައިގެން، 4 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީއާއެކު ހަދާ އިންޖީނުގެއެވެ.

މި އިންޖީނުގެތަކުގެ ފަރުމާއަކީ ޒަމާނުއްސުރެ އިންޖީނުގެތަކާމެދު ދެކެމުން އައިގޮތް ބަދަލުކޮށް، ރަށުގެ ރީތި ނަލަ ލޭންޑް މާކަކަށްވެސް ވެގެންދާގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެކެވެ. އިމާރާތުގެ އެންމެ ތިރީބައި ކަސްޓަމަރުންނަށް ހިދުމަތްދޭން ޚާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާ ޢިމާރާތްކުރާނީ މުވައްޒަފުންގެ ހުނަރު އިތުރު ކުރުމަށް އޮންލައިން ޓްރެއިނިން ދިނުމަށާއި، މީޓިންތައް ބޭއްވޭނެ އިންތިޒާމްތަކާއެކު ހަދާ ތަނަކަށެވެ.

ކޮވިޑްގައި ކުރެވުނު ތަޖުރިބާތަކާއެކު، އެ އިމާރާތުގެ ދެވަނަ ފަންގިފިލާ އިމާރާތްކުރެވޭނީ، ކާރިސާއެއްގެ ހާލަތުގައިވެސް، އެހާލަތަކަށް ތައްޔާރުވެ، މުވައްޒަފުންނަށް ލޮކްޑައުންވެގެން ތިބެވޭނެ ފަދަ ގޮތަކަށެވެ. އަދި އިންޖީނުގެއަކީ އަޑުމަޑު، ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމަށްޓަކައި، ސޯލާ ޕެނަލްތަށް އެ އިމާރާތުގައި ހަރުކުރާނެއެވެ. މީގެ އިތުރުން މުޅި އިންޖީނުގެއަކީވެސް އުސްކޮށް އިމާރާތް ކުރެވި، ވެންޓިލޭޝަން ރަނގަޅު، މަސައްކަތުގެ މާހައުލުގައި ރައްކާތެރިތަނެއްގެ ގޮތުގައި ހަދާނެއެވެ.

ފެލިދުއާ އެއްގޮތަށް އދ.މަހިބަދޫގައި އަޅާ ޒަމާނީ އިންޖީނުގޭގެ ބިންގާވެސްވަނީ އާޅާފައެވެ. އާބާދީގައި 2500އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ މަހިބަދޫއަކީވެސް ހަކަތައިގެ ދާއިރާ ފުޅާކުރަން ޖެހިފައިވާ ރަށެކެވެ. 2100ކިލޯވޮޓްގެ ކަރަޓު ކެޕޭސިޓީގެ މަހިބަދޫގައި ހަދާ އާ އިންޖީނުގެއާއިއެކު ހަކަތައިގެ ކެޕޭސިޓީ 5މެގަވޮޓަށް ބަދަލުކުރުމަށްވަނީ ނިންމާފައެވެ.

މި އިންޖީނުގެއަކީވެސް ރީތި ފަރުމާއެއްގައި، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ޤާއިމުކުރާނެ މަޝްރޫޢުއެކެވެ. އަޑު މަޑު، ތިމާވެއްޓާ ރައްޓެހި ތަނަކަށެވެ. އެގޮތުން އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުންނެވެ. މީގެ އިތުރުން އޮންލައިން މޮނިޓަރިންއާއި، ޓެކްނިކަލް ސަޕޯޓްގެ އިތުރުން، އައު އިންޖީނުގެ ވެގެންދާނީ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށްކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.