ޚަބަރު

އިންވެސްޓަރުންގެ އިތުބާރު އޮންނާނެ- އިކޮނޮމިކް މިނިސްޓަރ


ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން
ކޮށްފައި ވީނަމަވެސް ބޭރުގެ އިންވެސްޓަރުން ރާއްޖެއާއި މެދު ކުރާ އިތުބާރަށް
އެއްވެސް ބަދަލެއް އަންނާނެކަމަށް ޤަބޫލުނުކުރަށްވާކަމަށް އިކޮނޮމިކް މިނިސްޓަރ
މުޙަމައްދު ސައީދު ވިދާޅުވެއްޖެއެެވެ. 



ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން އިކޮނޮމިކް
މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ބޭރުގެ ވިޔަފާރިތަކާއި، އިންވެސްޓަރުންގެ އިންވެސްޓްމަންޓުތަކަށް
ރައްކާތެރިކަން އޮތްކަމުގެ ޔަގީންކަން އެފަރާތްތަކަށް އެބައޮތްކަމަށާއި، އަދި ރާއްޖޭގެ
ވިޔަފާރިތަކަށްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. 

މިގޮތުން ރާއްޖޭގެ ހާލަތާއި ގުޅޭ ފުރިހަމަ މަޢުލޫމާތު ބޭރުގެ އިންވެސްޓަރުންނަށް
އަރުވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވަނީ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ކޯ-ޗެއަރަ އަކަށް ފިޝަރީޒް މިނިސްޓަރ
މުހައްމަދު ޝައިނީ އަދި އެސްއީޒެޑް ބޯޑުގެ ރިޕޯޓް ކުރާ ފަރާތަކީ އިކޮނޮމިކް
މިނިސްޓަރ މުހައްމަދު ސައީދުކަމަށް ހަމަޖައްސަވާފައެވެ. 

މިކަމާއި ގުޅިގެން މިނިސްޓަރ
ސައީދު ވިދާޅުވީ، މި ބަދަލާއި ގުޅިގެން އެސްއީޒެޑް އަދި އިޤްތިޞާދީ ދާއިރާގެ
ހުރިހާކަމެއް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުވެގެން ދާނެކަމަށެވެ. އެހެންކަމުން
އިޤްތިޞާދާއި ގުޅުންހުރި ހުރިހާ ދާއިރާއަކަށް އިތުރު އަވަސްކަމެއް އަންނާނެކަމަށް
ޤަބޫލްފުޅު ކުރައްވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ، މިދަނޑިވަޅުގައި
ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރެއްވުމަކީ ޤައުމާއި
ރައްޔިތުންގެ ސަލާމަތާއި ރައްކަލަށް އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއްކަމަށެވެ.