ޚަބަރު

އޭސީސީގެ އަހަރީ ރިޕޯޓް: މިދިޔަ އަހަރު 961 މައްސަލަ ބެލި، ދަޢުވާކުރަން 15 މައްސަލަ ފޮނުވި


އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިދިޔަ އަހަރު 961 މައްސަލައެއް ބަލައި، ދަޢުވާކުރުމަށް 15 މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ)ގެ 2020ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައެވެ. އޭސީސީގެ އަހަރީ ރިޕޯޓުގައިވާގޮތުން 2020ވަނަ އަހަރު އޭސީސީން އިސްނަގައިގެން ބަލަން ކަނޑައެޅި 82 މައްސަލައާއި އެ ކޮމިޝަނުގައި ރަޖިސްޓްރީ ކުރި 856 މައްސަލަ ހިމެނޭހެން ޖުމްލަ 938 މައްސަލަ އެ ކޮމިޝަނުގައި ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

މިއާއެކު މިދިޔަ އަހަރު އޭސީސީންވަނީ ޖުމްލަ 961 މައްސަލައެއް ބަލައި ނިންމާފައިވެއެވެ. މި ޢަދަދަކީ 2019ވަނަ އަހަރާ
އަޅާބަލާއިރު %35 އިތުރު އަދަދެކެވެ. 2020ވަނަ އަހަރު ދަޢުވާ ކުރުމަށްޓަކައި އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް 15 މައްސަލައެއް ފޮނުވާފައިވާއިރު، މިއީ ފާއިތުވި ތިންއަހަރުތެރޭ އެ ކޮމިޝަނުން ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް މައްސަލަތައް ފޮނުވި އެންމެ ގިނައަދަދުކަން ކޮމިޝަނުން ފާހަގަކުރެއެވެ.

ޕީޖީ އޮފީހަށް ފޮނުވިި މައްސަލަތަކުގެ ތެރޭގައި ތަޙުޤީޤީ އެހެން އިދާރާތަކާ ގުޅިގެން ހިންގި ޖޮއިންޓް އިންވެސްޓިގޭޝަންތަކުން ދަޢުވާ ކުރުމަށް ފޮނުވި 4 މައްސަލައެއްވެސް ހިމެނޭކަމަށާ، ދައުވާކުރުމަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަ ގިނަކަން އޭސީސީން ފާހަގަކުރައްވައެވެ.

ތަޙުޤީޤާއި ދިރާސާ ކަރުދާސްތަކަށްފަހު އިދާރާތަކަށް އިޞްލާޙުކުރުމަށް 341 އެންގުމެއް 2020ވަނަ އަހަރު އޭސީސީންވަނީ އަންގާފައެވެ. އަދި މިދިޔަ އަހަރު 29,158,155.91(ނަވާވީސް މިލިއަން އެއްލައްކަ ފަންސާސް އަށްހާސް އެއްސަތޭކް ފަންސާސް ފަސް ރުފިޔާ ނުވަދިހަ އެއްލާރި) ދައުލަތަށް އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާކަން އޭސީސީން ފާހގަކުރެއެވެ.

މީގެ އިތުރުން 2020ވަނަ އަހަރުގެ ތެރޭގައި ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ގޮތުން 41 ސެޝަނެއް ހިންގައި 1442 މީހަކަށް މައުލޫމާތު އޭސީސީން ވަނީ ދީފައެވެ. އަދި ރިސްކް އެސެސްމެންޓް ހުދު ކަރުދާހާއި ގައިޑްލައިން ގެ މަސައްކަތްތަކުގެ ތެރެއިން 6 ކަރުދާހެއްގެ މަސައްކަތް އޭސީސީން ކޮށްފައިވެއެވެ. އޭގެ ތެރެއިން 3 ކަރުދާހެއްވަނީ މިދިޔަ އަހަރުވަނީ ޝާއިޢުކޮށްފައިވެއެވެ.

އޭސީސީގެ 2020ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވަނީ އެ ކޮމިޝަނުގެ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި، ކޮމިޝަނުން ކޮށްފައިވާ ތަޙުޤީޤުތަކުގެ ތަފްޞީލާއި، ވިޔަނުދިނުމާއި ދިރާސާ ކުރުމަށް ކުރެވިގެން ދިޔަ މަސައްކަތްތަކާއި، ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ އިތުރުން އެ ކޮމިޝަނުން ކޮށްފައިވާ ޚާއްސަ މަސައްކަތްތައް ވަނީ ހިމަނާފައެވެ.