ޚަބަރު

ފުލުހުންގެ އައު ޤާނޫނާ އެއްގޮތަށް ޚިދުމަތް ބިނާކުރަން އަތުކުރިއޮޅާލުމަށް ސީޕީ އިލްތިމާސްކުރައްވައިފި


އަލަށް އަމަލުކުރަންފަށާ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތަށް ފުލުހުންގެ ޚިދުމަތް ބިނާކުރުމަށް ހުރިހާ ފުލުހުންނާއި މުވައްޒަފުން އަތުކުރި އޮޅާލުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އިލްތިމާސްކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިކަމަށް އިލްތިމާސްކުރެއްވީ 32ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ ދަސްވެނިވި ހިނގާލުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، މިމަހުގެ 27 ވަނަ ދުވަހު އަމަލުކުރަން ފަށާ ފުލުހުންގެ އައު ޤާނޫނަކީ ދިވެހި މުޖުތަމަޢު އެދޭފަދަ ޒާމާނީ ޑިމޮކްރެޓިކް އުސޫލުތަކާއި، އިންސާނީ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތައި، ދައުލަތުން ފުލުހުންގެ ޚިދުމަތަށް ކުރާ ހޭދައާ ބައްދަލު ޚިދުމަތެއް ފޯރުވައިދީ، އެކަންކަމަށް މުއައްސަސާ ޖަވާބުދާރީކުރުވުމުގެ އިންތިޒާމްތައް ހަރުދަނާކުރުވާނެ ގާނޫނެއްކަމަށެެވެ. އަދި ޤާނޫނަށް އަންނަ ބަދަލުތަކާއި، ސަރުކާރުން ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް އަހަރަކީ ފާހަގަކޮށްލެވޭ އަހަރަކަށް ވެގެންދާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

"ފުލުހުންގެ ގާބިލްކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނާއި ފުލުހުންގެ އިންފްރާސްޓްރަކްޗަރއަށް މިއިން ދުވަހަކު ގެނެވިފައިނުވާ ތަރައްޤީއާއި އެންމެ ޒަމާނީ ޓެކްނޮލޮޖީ ކުރިއަށްއޮތް އަހަރު ތަޢާރަފްކުރެވިގެންދާނެ. އަދި ފުލުހުންނާއި މުވައްޒަފުންގެ ކޮމްޕިޓެންސީ އިތުރުކުރުމަށްޓަކައި ފްރޭމްވޯކްތައް ތަޢާރަފްކުރެވި، ތަޢުލީމާއި ތަމްރީނުގެ އޮނިގަނޑުތައް އެފްރޭމްވޯކްތަކާ ގުޅުވިގެންދާނެ" ސީޕީ ހަމީދު ވިދާޅުވިއެވެ.

އަލަށް އަމަލުކުރަންފަށާ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުން ތަސައްވަރުކުރާ ޚިދުމަތް ރައްޔިތުންނާއި ފުލުހުންގެ ޚިދުމަތަށް އެދޭ އެންމެހާ ފަރާތްތަކަށް ފޯރުވައިދިނުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެވޭނެކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

32ވަނަ ރެކްރޫޓް ޓްރެއިނިންގ ފުރިހަމަކުރި ދަސްވެނިން ވެގެންދާނީ ފުލުހުންގެ ޚިދުމަތުގެ މިފެށޭ އައު ބާބުގެ ތެރެއަށް ވަންނަ އާޖީލެއްގެ ފުލުހުންނަށްކަން ފާހަގަކުރައްވައި، އަދި އައު ޤާނޫނުން ފުލުހުންގެ ޚިދުމަތަށާއި ފުލުހުންގެ ޕްރޮފެޝަން އަލިކޮށް އެއަލިކަން ދެމެހެއްޓުމަށް މަސައްކަތްކުރާނެ ދަރުމަވެރިންނަށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.