ވިޔަފާރި

26 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި އަލުން ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދީފި


ކޯވިޑްޢާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓިގެންދިޔައެވެ. މީގެތެރޭގައި ގެސްޓްހައުސް ސިނާއަތްވެސް ވަނީ މުޅިންހެން ހުއްޓިފައެވެ. ކޯވިޑަށްފަހު އަތޮޅުތެރޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރމަހުގެ 15 ވަނަ ދުވަހުއެވެ. އަދި މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހުއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ 55 ރަށެއްގައި މިވަގުތު ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި މިހާތަނަށް ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ނުދީ ހުރީ 26 ރަށަކަށެވެ. އޭގެތެރޭގައި ހިމެނެނީ:

  • ހއ. ދިއްދޫ
  • ހއ. ހޯރަފުށި
  • ހދ. ކުޅުދުއްފުށި
  • ހދ. މަކުނުދޫ
  • ހދ. ނޮޅިވަރަންފަރު
  • ށ. ބިލެއްފަހި
  • ށ. ކޮމަންޑޫ
  • ނ. ވެލިދޫ
  • ރ. މާކުރަތު
  • ރ. ހުޅުދުއްފާރު
  • ރ. ރަސްގެތީމު
  • ބ. ކެންދޫ
  • ޅ. ކުރެންދޫ
  • ޅ. ނައިފަރު
  • ޅ. އޮޅުވެލިފުށި
  • ވ. ރަކީދޫ
  • މ. މުލި
  • މ. މަޑުއްވަރީ
  • ފ. މަގޫދޫ
  • ދ. ރިނބުދޫ
  • ތ. ވޭމަންޑޫ
  • ތ. ގާދިއްފުށި
  • ގއ. މާމެންދޫ
  • ގއ. ދާންދޫ
  • ގއ. ނިލަންދޫ
  • ގދ. ވާދޫ

ރާއްޖޭގައި މުޅި ޖުމްލަ 585 ގެސްޓްހައުސްއެއް އަންނަނީ ހިންގަމުންނެވެ. މީގެތެރެއިން މިހާތަނަށް 375 ގެސްޓްހައުސް ހުޅުވާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ގެސްޓްހައުސް ސިނާއަތުގެ 6886 އެނދު ވަނީ އަލުން އޮޕަރޭޝަނަށް ގެނެސްފައެވެ.

ކޮންމެ ރަށެއްގެ ގެސްޓްހައުސްއެއް ހުޅުވުމުގެ ކުރިންވެސް ވަކި ހާއްސަ އެސްއޯޕީއެއް، އެ ގެސްޓްހައުސްއަކުން ޓޫރިޒަމް މިނިސްޓްރީއަށް ހުށައަޅަންޖެހެއެވެ. ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދެނީ މި އެސްއޯޕީތަކަށް ބެލުމަށްފަހުގައެވެ.

އެޗްޕީއޭއިން އެންމެފަހުން ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ގޮތުން ރާއްޖޭގެ ގެސްޓްހައުސް ހިންގާ ރަށްރަށުގެ މީހުން ބޭރަށްދާއިރު މާސްކް އެޅުމަކީ މަޖުބޫރުކަމެކެވެ. އަދި ބޭރަށް ނިކުމެއުޅޭއިރު އިޖްތިމާއީ ގައިދުރުކަން އެކަކު އަނެކަކާއި ދެމެދު ބަހައްޓަންޖެހެއެވެ.