ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރީރަޖިސްޓަރީވުމަށް 26،000 ވުރެ ގިނަ މީހުން ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 10 ވަނަދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ އިންތިޚާބަށް އަލުން ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލީ މިމަހުގެ 02 ވަނަދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ ރީ ރެޖިސްޓްރީކުރުމަށް ހުޅުވާލި ފުރުސަތު މިމަހުގެ 11ވަނަދުވަހު ހަމަވިއިރު އެ ކޮމިޝަނަށް 26،750 ފޯމް ލިބިފައިވާކަމަށެވެ. އޭގެއިތުރުން ފޯކަލް ޕޮއިންޓަތަކަށް އިތުރު ފޯމްތައް ހުށައަޅާފައި ހުރެދާނެކަމަށވެސް ޝަރީފު ވިދާޅުވިއެވެ.
އިންތިޚާބުގައި ވޯޓުލުމަށް ރީރަޖިސްޓަރވުމުގެ ފުރުސަތު އަލުން ދީފައިވަނީ މިދިޔަ އަހަރުގެ އެޕްރީލު މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ނިންމުމަށްފަހު ފަސްކުރި އިންތިޚާބުގައި ރަޖިސްޓްރީކުރި ތަން ނޫން އެހެންތަނަކަށް ވޯޓްލާން ބޭނުންވި ފަރާތްތަކަށެވެ.
Reregistration muhdhathu hama veeiru EC ah husha elhifai vanee 26750 form, adhi focal points athuga Iye ge niyalah huredhaane forms nulai,
— Ahmed Shareef (@ShareefRangondi) March 12, 2021
އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 273128 އެވެ.
މި އިންތިޚާބުގައި ޖުމްލަ 3934 ކެނޑިޑޭޓުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.
ކައުންސިލް އިންތިޚާބަށް ކުރިމަތިލީ ބައެއް ކެނޑިޑޭޓުން ނަން ނެގުމާއި އިންތިޙާބު ކުރަންޖެހޭ އަދަދަށް ވުރެ އިތުރަށް ކެނޑިޑޭޓުން ކުރިމަތިލާފައި ނުވުމުން ކައުންސިލްތަކުގެ 22 މަގާމަކަށް 30 މެމްބަރުންނަށް ވޯޓަކާއި ނުލާ ގޮނޑިވަނީ ކަށަވަރުވެފައެވެ. އޭގެތެރޭގައި 21 ގޮނޑި ވެރިކަންކުރާ އެމްޑީޕީއަށް ލިބުނުއިރު އަނެއް ގޮނޑިތައް ކަށަވަރުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންނެވެ.
މިފަހަރުގެ އިންތިޚާބު އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ބާއްވަންޖެހުމުން ވޯޓްލުމަށް ބަހައްޓަންޖެހޭ ފޮށީގެ އަދަދު އިތުރުވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނި ވިދާޅުވެފައެވެ. އެގޮތުން ކުރިން 532 ވޯޓް ފޮށި ބަހައްޓަން ނިންމި ނަމަވެސް މިއަދަދުވަނީ 735 އިތިރުވެފައެވެ. އަދި ރިސޯޓްތަކުން އެދޭ މިންވަރަކުން މިއަދަދު މައްޗަށް ދިޔުމަކީ އެކަށީގެންވާކަމެއްކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.