ޚަބަރު

ބައިނަލްއަޤްވާމީ އެއަރޕޯޓަކާއެކު ހުވަދު އަތޮޅުގެ ތަރައްޤީ މެކުހަށް


ހުވަދު އަތޮޅަކީ ރާއްޖޭގެ ދެކުނާއި މުޅި ރާއްޖޭގެ ތަރައްޤީގެ ޗާޓުގައިވެސް މުހިންމު ސަރަޙައްދެކެވެ. މުހިއްމު އެތައް މަސައްކަތްތަކެއް މިހާތަނަށް އެސަރަޙައްދުގައި ކުރެވިފައިވާއިރު ކުރިއަށްވެސް ގިނަ މަޝްރޫޢުތަކެއް ހުރިކަން ސަރުކާރުން ހާމަކުރައްވައެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރަށްވެހިފަތިސް ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ސަރުކާރުން ހުވަދުއަތޮޅަށް ކަނޑައަޅުއްވާފައިވާ ބައެއް މަޝްރޫޢުތަކުގެ ތަފްސީލް ހާމަކުރައްވާފައެވެ. ފާހަގަކުރެވުނު އެންމެ ބޮޑު އެއް މަޝްރޫޢަކީ ހުވަދު އަތޮޅުގައި އަލަށް ތަރައްޤީކުރުމަށް ނިންމާފައިވާ ބައިނަލްއަޤުވާމީ އެއަރޕޯޓުގެ މަޝްރޫޢެވެ.

އެއަރޕޯޓުގެ މަސައްކަތްކަތް ކުރިއަށްގެންދާނެ ވަކި ރަށެއް އަދި ސަރުކާރުން ނިންމަވާފައިނުވިނަމަވެސް އެއަތޮޅާއި ބޭރުގެ ޤައުމުތަކާ ސީދާ ގުޅާލުމަށް ސަރުކާރުން ނިންމަވާފައިވާކަން މިވަނީ ހާމަކުރައްވާފައެވެ.

ވޭތުވެ ދިޔަ 2 އަހަރަކީ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ މަސައްކަތް ރާވައި ކުރިއަށް ގެންދިޔަ 2 އަހަރެވެ. އެހެންނަމަވެސް ކޯވިޑް-19ގެ ސަބަބުން ބައެއް މަސައްކަތްތައް ހުއްޓާލަން މަޖުބޫރުކުރިވިއެވެ. މިއާއެކުވެސް ވޭތުވެދިޔަ 2 އަހަރުތެރޭގައި ހުވަދު އަތޮޅުގައި ސަރުކާރުންވަނީ 169 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގާފައެވެ.

ކޮންމެ މުޖުތަމަޢެއްގެ ތަރައްޤީވެސް އެތަނެއްގެ ޢިލްމީ ފޯރުންތެރިކަމާއި ގުޅިފައިވާތީ މިކަމަށް ދެވުނު އަހަންމިއްޔަތުކަމުގެ ތެރެއިން އެއަތޮޅުގައި ހިލޭ އެހީއާއި ލޯނުގެ ދަށުން ކިޔަވަމުން އަންނަ 409 ދަރިވަރުން އެބަތިއްބެވެ.

ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށްޓަކައި ހުވަދު އަތޮޅަށް ނިސްބަތްވާ 989 ފަރާތަކަށް ސަރުކާރުންވަނީ ވެތުވެދިޔަ އަހަރު 14 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައެވެ. އަދި އަމިއްލަ ވިޔަފާރި ނަގާ ކޮޅަށް ޖެހުމަށް ވެވުނު އެހީތެރިކަމުގައި އެއަތޮޅުގެ 18 މީހަކަށްވަނީ 31 މިލިއަނަށްވުރެ ގިނަ ރުފިޔާ އެސްއެމްއީގެ ގޮތުގައި ދޫކޮށްފައެވެ.

ސަރުކާރުގެ ސްޕީޑު ފެރީ ނިޒާމުގައިވެސް ހުވަދު އަތޮޅަކީ މުހިންމު ހަބެކެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި ހުވަދު އަތޮޅުގެ ރަށްތައް ޤައުމީ ފެރީ ވިއުގައިން ގުޅާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން އެއަތޮޅުގެ ރަށްތަކުގައި ޤާއިމުކޮށްފައިވާ ސިއްޙީ މަރުކަޒުތަކާއި އެއަތޮޅުގެ ރަށްތަކުގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކުރެވޭ އެއް ކަމަކީ އެއަތޮޅު ކަނޑުހުޅުދޫ ސްކޫލްގެ ގުރޭޑު 8 ގައި މިއަހާރު ކިޔަވަމުން އަންނަ 4 ކުދިންގެ ކިޔެވުން މެދުނުކެނޑި އެކުދިންނަށް ތަޢުލީމު ޙާސިލުކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ސަރުކާރުން ހާމަކުރެއްވި ކުރެއްވުމެވެ. މިއާއެކު ރާއްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް ކުއްޖަކު ތަޢުލީމުން މަޙުރޫމުވެގެން ނުދާނެކަމުގެ ޔަގީންކަން މިވަނީ ކަށަވަރުވެފައެވެ.