ޚަބަރު

ކުރީގެ ސަރުކާރުން ދޫކުރި ރަށްތަކަށް ފައިސާ ލިބުނުނަމަ ނަގަންޖެހުނު ދަރަނި މަދުވީސް: ރައީސް


ކުރީގެ ސަރުކާރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކަށް ލިބެންޖެހޭ ފައިސާ ދައުލަތަށް ނުލިބުމަކީ ސަރުކާރުގެ މަޝްރޫޢުތައް ހިންގަން އިތުރަށް ދަރަނި ނަގަން ޖެހުނު ސަބަބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ ދަރަންޏާއި ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2018 ވަނަ އަހަރުގެ ނޮވެންބަރުމަހު އެމަނިކުފާނު ސަރުކާރާއި ހަވާލުވިއިރުވެސް ދައުލަތުގެ ޢިގްތިޞާދީ ހާލަތު އޮތީ ވަރަށް ގޯސްކޮށްކަމަށެވެ.

ސަރުކާރުން ވެފައިވާ ވަޢުދުތަކާއި އެއްގޮތަށް މަޝްރޫޢުތައް ހިންގުމަށްޓަކައި އިތުރަށް ދަރަނި ނަގަން ޖެހުނުކަމަށާއި، ފުރަތަމަ 2 އަހަރު ދަރަނި ނަގައިގެން މަޝްރޫޢުތައް ހިންގާނެކަމަށް ކުރިންވެސް ހާމަކޮށް، އެކަން ކުރީ އެނގިގެންކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ސަރުކާރުން ކަންކަން ރާވަމުންދިޔައީ ދައުރުގެ ކުރީކޮޅު ދަރަނި ނެގިނަމަވެސް ދައުރުގެ ފަހު ދެއަހަރު ދައުލަތުގެ ބަޖެޓަށް ކުރިއެރުންތަކެއް އަންނަގޮތަށް ނަމަވެސް ކޯވިޑް-19އާ ގުޅިގެން ދައުލަތުގައި ފައިސާނެތުމުން ކުރިން ޕްލޭންކުރި ކަންކަން ކުރެވިފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކަށް ދައުލަތަން ލިބެންޖެހޭ ފައިސާ ލިބިފައިހުރިނަމަ މިފަދަ ދަނޑިވަޅެއްގައި ދަރަނި ކުޑަކުރުމަށާއި، މަޝްރޫޢުތައް ހިންގަން ފަސޭހަވީސްކަމަށެވެ.

"އެމްއެމްޕީއާރުސީ މެދުވެރިކޮށް އެދޫކުރި ރަށްތަކުގެ ފައިސާވެސް ސަރުކާރުގެ އެކައުންޓަށް ވަދެފަހުރިނަމަ ވަރަށް ރަނގަޅުވީސް. 3 ބިލިޔަނެއްހާ ރުފިޔާ، އެވެސްނެތް ވަދެފައެއް. އެވެސްހުރީ ބޭރުވެފައި. އެރަށްތައްވިއްކާފަ އެލިބުނުއެތިކޮޅުވެސް ހުރިނަމަ އަޅުގަނޑުމެންނަށް ޚަރަދުކުރަން ހުރީސް. އެހެންވެގެން އިތުރަށް ދަރަނި ނަމަގަން މިޖެހުނީ" ރައީސް ވިދާޅުވިއެވެ.

މިހާރު ދަޢުލަތުގެ ދަރަނީގެ އަދަދު އުޅޭނީ 86.5 ބިލިޔަން ރުފިޔާގައިކަމަށާއި، ގެރެންޓީތަކާއި ނުލައި އެއަދަދު އުޅޭނީ 66 ބިލިޔަން ރުފިޔާގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްވަނީ ކޯވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ އިޤްތިޞާދަށް އަންނާނެ ބަދަލުތަކާއި ގުޅޭގޮތުން އެމަނިކުފާނު ކުރިން ހާމަކުރެއްވި އަންދާޒާތައްވެސް މިހާރު ދިމާވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މިއަހަރު ނިމޭއިރު ބޮޑު ބަދަލުތަކެއް އިޤްތިޞާދަށް އަންނާނެކަމަށްވެސް ރައީސް ވިދާޅުވެފައެވެ.

"އަޅުގަނޑުގެ އަންދާޒާ އިރާދަކުރެއްވިއްޔާ ރަނގަޅަށް ދިމާވި. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ޢަދަދު އިތުރުވާނެކަމައި، ރާއްޖޭގެ އިޤްތިޞާދު އަލުން އާރާސްތުވެ ރަނގަޅު ދިމާއަށް މިސްރާބުޖަހާނެކަމަށް ބުނުމުން ވަރަށް ފާޑުކިއުންތައްއައި. އެހެންވެސް ވާނެ ބައެއްފަހަރު، އެހެންވިއަސް އިރާދަކުރެއްވިއްޔާ މިހާރު މިއޮތީ ރަނގަޅަށް މިސްރާބުޖަހާފަ. މިއަހަރު ނިމޭއިރު ބޮޑު ބަދަލުތަކެއް އިޤްތިޞާދަށް އަންނާނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ބޮޑު އިންޓްރެސްޓުގައި ނަގާފައިވާ ދުއިސައްތަ އެތައް މިލިޔަން ޑޮލަރުގެ ލޯނު އަންނަ އަހަރު ދައްކަންޖެހޭކަމަށާއި، އެއީ ސަރުކާރަށް ދިމާވާނެ ވަރަށް ބޮޑު އުނދަގުލެއްކަމަށް ރައީސް ވިދާޅުވިއެވެ. އޭގެއިތުރުން ޖީއެމްއާރަށް ދައްކަން އެމްއެމްއޭއިންވެސް ކުރީގެ ސަރުކާރުން ފައިސާ ނަގާފައިވާކަމަށާއި، އެފަދަ ދެކޮޅު ނުޖެހޭ އެތައްކަމެއް އޭރު ކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެކަންކަން ހައްލުކުރުމުގެ ގޮތުން ފުރަތަމަ ކަމަކަށް އަންނަ އަހަރު ދައްކަންޖެހޭ 200 މިލިޔަން ޑޮލަރު ދެއްކުމުގެ މުއްދަތު އިތުރުކުރުމަށް މާކެޓަށް ސުކޫކެއް ވިއްކުމުގެ މަސައްކަށް ސަރުކާރުން ކުރަމުންދާކަމަށާއި، އެކަން ހަމަޖެހުމުން 200 މިލިޔަން ޑޮލަރު 5 އަހަރަށް ލަސްކޮށްލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ލިބިގެންދާނެ ބޮޑު ފަސޭހައެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ އިންޑިއާއިން ނަގާފައިވާ ލޯނުގެ ތެރެއިން 150 މިލިޔަން ޑޮލަރު މިމަހުގެ ތެރޭގައި ގްރާންޓަކަށް ބަދަލުކުރެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނަށް އޮތްކަން ހާމަކުރައްވާފައެވެ.

މިއާއެކު 2022 ވަނަ އަހަރު ވެގެންދާނީ އިޤްތިސާދީގޮތުން ރަނގަޅު އަހަރަކަށްކަމަށާއި، އެއާއެކު ދަރަންޏާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.