ދުނިޔޭގެ ވިޔަފާރި

މިއަހަރުތެރޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިޤްތިސާދަކަށް އިންޑިއާ ވެގެންދާނެކަމަށް ލަފާކޮށްފި


މިއަހަރުތެރޭ އިންޑިއާގެ އިޤްތިސާދު އަލުން އާރާސްތުވާން ފަށާނެކަމަށް ލަފާކޮށްފިއެވެ.

ކޯވިޑްގެ ކުރިން ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުން އައީ އިންޑިއާގެ އިޤްތިސާދެވެ. އެހެންނަމަވެސް ކޯވިޑާއި ގުޅިގެން ގާތްގަނޑަކަށް 25 އަހަރަށްފަހު އިންޑިއާގެ އިޤްތިސާދު މިދިޔަ އަހަރުތެރޭ ވަނީ ރިސެޝަންއަކަށް ގޮސްފައެވެ.

އޮގަނައިޒޭޝަން ފޮރ އިކޮނޮމިކް ކޯރޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް، އޯއީސީޑީން ލަފާކުރާގޮތުން މިއަހަރުތެރޭ އިންޑިއާގެ ޤައުމީ އުފެއްދުންތެރިކަން 12.6 އިންސައްތަ ކުރިއަރާނެއެވެ. މިއާއެކު ޗައިނާ ފަހަތަށް ޖައްސާ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިޤްތިސާދަށް އަލުން އިންޑިއާ ވެގެންދާނެއެވެ. ޗައިނާގެ ޤައުމީ އުފެއްދުންތެރިކަން މިއަހަރުތެރޭ ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 7.8 އިންސައްތައިގައެވެ.

ހުސްވި އަހަރުތެރޭ ކޯވިޑާއި ގުޅިގެން އިންޑިއާގެ އިޤްތިސާދު ހުއްޓުމަކަށް އައިިސް ޤައުމީ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެފަހު 3 މަސްދުވަހު އިންޑިއާގެ ޤައުމީ އުފެއްދުންތެރިކަން ވަނީ 0.4 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރު ނިމުނުއިރު އިންޑިއާގެ އިޤްތިސާދު ވަނީ 7 އިންސައްތަ ދަށަށް ގޮސްފައެވެ.

ތަފާސް ހިސާބުތަކަމަށް ބަލާއިރު، އޯއީސީޑީން ލަފާކުރަނީ މިއަހަރުތެރޭ ދުނިޔޭގެ އިޤްތިސާދު 5.6 އިންސައްތަ ކުރިއަރާނެ ކަމަށެވެ. މިއީ މިދިޔަ ޑިސެމްބަރުމަހު އެ ޖަމިއްޔާއިން ލަފާކުރި އަދަދަށްވުރެ 1 އިންސައްތަ އިތުރު އަދަދެކެވެ.