ޚަބަރު

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވި 115 މީހުންނާއެކު ބަލިޖެހުނު މީހުންގެ އަދަދު 21،000އިން މައްޗަށް


ރާއްޖެއިން އިތުރު 115 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދު 21،034ން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އިން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވީ 115މީހުންނެވެ.

މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 98 މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި 5 މީހުންނެވެ. މީގެ އިތުރުން ރިސޯޓުތަކުން ވަނީ 12 މީހަކު ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 21،034އަށް އިތުރުވެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު 175 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 18،428 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،535 މީހުންނެވެ. ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 165 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިގެން ނިޔާވެފައިވަނީ 64 މީހުންނެވެ. އެއީ 56 ދިވެހިންނާއި 8 ބިދޭސީންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،877 ސާމްޕަލް ވަނީ ނަގާފައެވެ. އަދި ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ އަދަދު މިހާރު ވަނީ 559،713 އަރާފައެވެ.