ޚަބަރު

"ވިމެން އޭޒް ޕީސްބިލްޑަރސް އެންޑް އޭޖެންޓްސް އޮފް ޗޭންޖް އިން ދަ މޯލްޑިވްސް" ރިޕޯރޓް އިފްތިތާޙުކޮށްފި


"ވިމެން އޭޒް ޕީސްބިލްޑަރސް އެންޑް އޭޖެންޓްސް އޮފް ޗޭންޖް އިން ދަ މޯލްޑިވްސް" ރިޕޯރޓް އިފްތިތާޙުކޮށްފިއެވެ.

ޖަޕާނު ސަރުކާރުގެ އެހީގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެން.ސީ.ޓީ.ސީ) އާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން ކޮށްފައިވާ ދިރާސާގެ ރިޕޯޓުގައި ހުށަހަޅާފައިވަނީ ޞުލްޙަ ޤާއިމްކުރުމަށާއި ސިޔާސަތުތައް އެކުލަވާލުމުގައި ދެޖިންސުގެ ބައިވެރިވުން ހިމެނުމުން ވަކިފަރާތަކަށް ޖެހުންހުއްޓުވުމަށާއި، އަންހެނުންނަށް ލިބެންޖެހޭ ޙައްޤުތަކުން އިތުރަށް މަހުރޫމުވުމުން ސަލާމަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެންމެން ޝާމިލްވެގެން އަމާން ވެއްޓެއް ބިނާކޮށް ޞުލްޙަ ޤާއިމްކުރެވޭނެ ގޮތްތަކެކެވެ.

މި ދިރާސާއިން އަންހެނުންނަށް އަސަރުކުރާ ކަންކަމުގައި ގޮތްނިންމާ ސިޔާސަތުތައް ކަނޑައަޅާއިރު، އެންމެ ފުރިހަމަ ގޮތުގައި އަންހެނުން ބައިވެރިކުރާނެ ގޮތްތައް ހޯދިފައިވާނެކަމަށާއި، ހަރުކަށި ފިކުރު ހުއްޓުވުމަށް އަދި އެފަދަ ޢަމަލުތަކުގައި ބައިވެރިވާ މީހުން އަލުން މުޖުތަމަޢަށް ގެނެސް، އެކަންކަމުގައި ވަކާލާތުކުރުމުގައި އަންހެނުންގެ ދައުރު ހޯދުމަށްވެސް މަސައްކަތްކުރެވިފައިވާނެކަމަށް އެންސީޓީސީން ވިދާޅުވިއެވެ.

މި ދިރާސާގެ ހޯދުންތަކުން ހަރުކަށި ފިކުރާއި ދެކޮޅަށް ކުރެވޭ މަސައްކަތާގުޅޭ ޢިލްމީ ޚަޒާނާ މުއްސަނދިވެ، ނިރުބަވެރިކަމާއި ހަރުކަށި ފިކުރު ހުއްޓުވުމަށް ސަރުކާރުން އެކުލަވާލާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ފަރުމާކުރުމުގައި އެހީތެރިވެދޭނެކަމަށްވެސް އެސެންޓަރުން މައުލޫމާތިދެއެވެ.

މި ރިޕޯޓު އިފްތިތާޙުކުރުމަށް ޑިފެންސް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ ހަރުކަށި ފިކުރުގެ ސަބަބުން މަދުބައެއްގެ އަމިއްލަ ފައިދާއަށްޓަކައި ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، ބަދަހި މުޖުތަމަޢުތައް ބައިބައިކޮށްލާކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ، އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވަނީ ޞުލްޙަ ޤާއިމުކުރުމުގައި އަންހެނުން ބައިވެރިކުރުވުމުން އަނިޔާވެރިކަމުން ދުރުކޮށް، ދެމެހެއްޓެނެވިގޮތެއްގައި ޞުލްޙަ ޙާޞިލްކުރެވޭ ކަމަކީ ޤަބޫލުކުރަންޖެހޭ ޙަޤީގަތެކަމަށް ވިދާޅުވެފައެވެ.

މި ދިރާސާގެ އަލީގައި މުސްތަޤްބަލަށް އަމާޒުކޮށްގެން ފަރުމާކުރާ އިސްތިރާޖީތަކުގައި އަންހެނުންގެ ބައިވެރިވުމަށް ބާރުއެޅޭނެކަމަށާއި އަދި ހަރުކަށި ފިކުރު ހުއްޓުވުމަށް ހިންގޭ ހުރިހާ ހަރަކާތެއްގައި އިސްދައުރެއް އަދާކުރުމަށް އަންހެނުންނަށް ފުރުޞަތުދިނުމަށް މަގުފަހިވެގެންދާނެކަމަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވިދާޅުވިއެވެ.