ދުނިޔޭގެ ވިޔަފާރި

އެޕަލްއިން އައިމެކް ޕްރޯ އުފެއްދުން ހުއްޓާލަނީ


އައިމެކް ޕްރޯ ކޮމްޕިއުޓަރ އުފެއްދުން ހުއްޓާލުމަށް އެޕަލްއިން ނިންމައިފިއެވެ.

އެޕްއިން ބުނީ އެކުންފުނީގެ ވެބްސައިޓުން މިހާރު ގަންނަން ހުރި އައިމެކް ޕްރޯ ކޮމްޕިއުޓަރުގެ ސްޓޮކް ހުސްވުމަށްފަހު ދެން އިތުރަށް އައިމެކް ޕްރޯ އެކުންފުނިން ނުވިއްކާނެ ކަމަށެވެ. އެޕަލްގެ ވެބްސައިޓުން އައިމެކް ޕްރޯއެއްގެ އަގަކީ 4999 ޑޮލަރެވެ.

އެޕަލްއިން އައިމެކް ޕްރޯ ބާޒާރަށް ނެެރެފައިވަނީ 2017ވަނަ އަހަރުއެވެ. އޭރު އައިމެކް ޕްރޯއަކީ އެކުންފުނީގެ މެކް ކޮމްޕިއުޓަރ މޮޑެލްތަކުގެ އެންމެ ޤާބިލް މޮޑެލްކަމަށް އެޕަލްއިން ބުނެފައިވެއެވެ.

މެކްޕްރޯއެއްގައި 18 ކޯރ ޒިއޮން ޕްރޮސެސަރއެއް ހިމަނާފައިވާ މި ޑެސްކްޓޮޕްގެ މެމޮރީއަކީ 128 ޖީބީ އެވެ. ސްޓޯރޭޖް ކެޕޭސިޓީއަކީ 4 ޓީބީ އެވެ. ފާއިތުވީ އަހަރުތަކުގައި މި މޮޑެލްއަށް އެއްވެސް އަޕްޑޭޓެއް އެޕަލްއިން ގެނެސްފައެއް ނުވެެއެވެ.

މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި އެޕަލްއިންވަނީ 27 އިންޗީގެ އައިމެކްއެއް ބާޒާރަށް ނެރެފައެވެ. މި މޮޑެލްއަށް ކަސްޓަމަރުންގެ ބޮޑު ތަރުޙީބެއްވަނީ ލިބިފައެވެ. އެޕަލްއިން ދަނީ މިއަހަރުތެރޭ އައިމެކްގެ އިތުރު އުފެއްދުންތައް ބާޒާރަށް ނެރުމަށް މަަސައްކަތްކުރަމުންވެެ.