ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށިތާ އަހަރެއްވީއިރުވެސް މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު ދަށަށް ނުދިޔުމުގެ ކަންބޮޑުވުން ކޯވިޑް އޮޕަރޭޝަންސްގެ ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.މޫސާ ޙުސެއިން ފާޅުކުރައްވައިފިއެވެ. އަދި މިހާރު ޑޮކްޓަރުންނާއި ނަރުހުންގެ ޓީމު ވަރުބަލިވެއްޖެކަމަށް ޑރ.މޫސަ ވިދާޅުވިއެވެ.
ޑރ.މޫސަ މިހެން ވިދާޅުވީ ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގައި ކޯވިޑް-19 ފެތުރެންފެށިތާ އަހަރެއްވީއިރުވެސް ރާއްޖޭގެ ޙާލަތު ރަނގަޅުނުވެ އިތުރަށް ގޯސްވަމުން ދިޔުމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ކޯވިޑް އޮޕަރޭޝަންސްގެ ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.މޫސާ ޙުސެއިން ވިދާޅުވީ ރާއްޖެއިން ފުރަތަމަ ކޭސް ފެނުމާއެކު އެޅި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ޞިއްޙީ ދާއިރާއިން ކިޔަވަމުންދިޔަ އެކި ދަރިވަރުން ރާއްޖެއަށް އައިސް ޚިދުމަތުގައި ބައިވެރިވެފައިވާކަމަށެވެ. އެހެންނަމަވެސް މިހާރު ދުނިޔޭގެ އެކި ޤައުމުތަކުގައި ތަޢުލީމީ ދާއިރާ ހިނގައިގަތުމާ ގުޅިގެން ރާއްޖޭގައި ތިބި ދަރިވަރުން މިހާރު ފުރާފައިވާކަމަށެވެ.
އެހެންކަމުން މިވަގުތު ކޯވިޑް-19އަށް ފަރުވާދިނުމުގައި ޙަރަކާތްތެރިވަނީ މަދުބައެއްކަން ޑރ.މޫސަ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އިތުރުވަމުން އަންނަ ކޭސްތަކުގެ ކަންބޮޑުވުން ޑރ.މޫސަވަނީ ފާޅުކުރައްވާފައެވެ. މިބައްޔާށާއި އެހެން ބަލިތަކަށްވެސް ފަރުވާ ދިނުމުގައި ތިބީ އެއްބައެއްކަން ޑރ.މޫސަ ފަހަގަކުރެއްވިއެވެ. ކުރިއރުމެއް ނުލިބި މިބަލިމަޑުކަމުގައި މަސައްކަތްކުރައްވަމުންގެންދަވާ ޑޮކްޓަރުން ވަރުބަލިވެފައިވާކަން ޑރ.މޫސަ ފާހަގަކުރެއްވިއެވެ.
ވެކްސިން ނުޖައްސަވާ މީހުން ވީހާވެސް އަވަހަށް ވެކްސިން ޖެއްސެވުމަށް ބާރުއަޅުއްވަމުން ޑރ.މޫސަ ވިދާޅުވީ ވެކްސިންގެ ސަބަބުން ބަލީގައި ބޮޑުވަރުވާ އިންސައްތަ ދަށްކޮށްދޭކަމަށެވެ. އެހެންކަމުން ގެއްލޭ ފުރާނަ މަދުކުރެވިގެންދާނެކަން ޑރ.މޫސަ ފާހަގަކުރެއްވިއެވެ. ކޯވިޑް-19އިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަމަށް ސަމާލުވުމަށްވެސް ޑރ.މޫސަވަނީ ނަސޭޙަތްތެރި ވެވަޑައިގެންފައެވެ. އެގޮތުން ގިނަ ގިނައިން އަތް ދޮވުމަށާއި މާސްކު ރަނގަޅަށް އެޅުމަށާއި ގައިދުރުކަން ވީހާވެސް ބޮޑަށް ކަށަވަރުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޯވިޑް-19ގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނުތާ އެއް އަހަރުވެފައިވާއިރު ވޭތުވެދިޔަ އެއްއަހަރު ތެރޭގައި ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 2،500އަށްވުރެ ގިނަ މީހުންނަށް ވަނީ އެޑްމިޓްކޮށްގެން ފަރުވާ ދީފައެވެ. މީގެ ތެރެއިން 92 މީހުންގެ ޙާލު މާބޮޑަށް ގޯސްވުމާއި ގުޅިގެން ފަރުވާދީފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11ވަނަ ފަންގިފިލާގައެވެ. މީގެ ތެރެއިން 21 މީހަކު ވަނީ ވެންޓިލޭޓަރަށް ލާފައެވެ. އަދި ވެންޓިލޭޓަރުން ނަގާ ބަލިން ރަނގަޅުވެފައިވަނީ 5 މީހެކެވެ. އަދި ވެންޓިލޭޓަރަށް ލީ މީހުންގެ ތެރެއިން 16 މީހަކުވަނީ ބަލީގައި ނިޔާވެފައެވެ. މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލްގެ 11ވަނަ ފަންގިފިލާގައި އެކަކަށް އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ 16ވަނަ ފަންގިފިލާގައި 3 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.