ޚަބަރު

ކޯވިޑް-19 : ބަލީގައި ބޮޑުވަރުވެ ސަލާމަތްވީ ހަމަކިރިޔާ


ކޯވިޑް-19އަށް މީހުން ޕޮޒިޓިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ މަންޒަރު ފެންނާތީ އައިމަންވެސް އުޅުނީ ރައްކާތެރިކަމަށްޓަކާ ފިޔަވަޅުތައް އަޅައިގެންނެވެ. ބޭރަށް ދިޔުމުގައިވެސް އަދި ކޮފީތަކަށްވެސް އެރުން ވަރަށް ބޮޑަށް މަދުކޮށްލީއެވެ. އެހެންނަމަވެސް ބައްޔަށް ޕޮޒިޓިވްވީ މީހަކާއި ދިމާވެ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކޮށް ރިލީސް ސާމްޕަލް ނެގި ދުވަހަކީ ކޯވިޑް-19އާއެކު އައިމަންކުރި ބިރުވެރި ދަތުރުގެ ފެށުމެވެ.

ކޯވިޑަށް ޕޮޒިޓިވްވުމާއެކު އަމިއްލަ ގޭގައި ވަކިން ހުރި އެޕާޓްމަންޓްގައި އައިމަން އެކަހެރިވިއެވެ. އެހެންނަމަވެސް ބަލީގައި ބޮޑުވަރުވާން ފެށިއެވެ. އައިމަން އެދުވަސް ޤަބޫލުކުރަނީ ޙަޔާތުގައި އައި ޤަބޫލުކުރަން ދަތި ދުވަހެއްގެ ގޮތުގައެވެ. އައިމަން ބުނީ އެދުވަހު ނޭވާލާން ކޮންމެވެސް ވަރަކަށް އުނދަގޫވާން ފެށީކަމަށެވެ. އެހެންނަމަވެސް ގޭގައި އޮކްސިޖަން މޮނީޓަރކުރާ މެޝިނެއް ހުރުމުން އަމިއްލައަށް މޮނީޓަރކުރަމުންދިޔައީ އެކުވެރި ޑޮކްޓަރުންގެ އިރުޝާދާއެކުކަމަށެވެ.

ބިރުވެރި އެރޭގެ ހަނދާންތައް ޕީއެސްއެމްނިއުސްއާއި ހިއްސާކުރަމުން އައިމަން ބުނީ އެރޭ ދަންވަރު ހޭލެވުނީ ނޭވާ ނުލެވިގެންކަމަށެވެ. އެހާހިސާބުން އޮކްސިޖަން ދަށްވަމުންދިޔައީ ގަޑިއިރަކުން ގަޑިއިރަކުން ހައިރާންވާހާ އަވަހަށްކަން އައިމަން ފާހަގަކުރިއެވެ. އަދި އެބަދަލުވެގެންދިޔައީ އައިމަންގެ އެކުވެރި ޑޮކްޓަރުން ކަންބޮޑުކުރިވިކަމަކަށެވެ. އެހެންކަމުން ވަގުތުން އެޗްޕީއޭއަށް ގުޅުމަށް އެކުވެރިން ނަސޭޙަތްދިނެވެ.

"ރައްޓެހި ޑޮކްޓަރުންނަށް މެސެޖުކުރަމުންދިޔައީ އޮކްސިޖަން އަޕްޑޭޓް ދެމުން. ފަތިސްވާން ދިޔައިރު އޮކްސިޖަން ވަރަށް ބޮޑަށް ދަށަށް ދިޔައީ، ދެން ބުނެފި މާ ފިޓުކަމަށް ބަލައިގެން ނުހުންނާށޭ، އަވަހަށް އެޗްޕީއޭއަށް ގުޅާށޭ. އެޗްޕީއޭއިން އައިއްސި ބަލާ ގާތްގަނޑަކަށް 30 ވަރަކަށް މިނިޓުތެރޭ." އައިމަން ބުންޏެވެ.

ކޯވިޑްގެ ދަތުރުގައި އައިމަން ގެއިން ބޭރަށް ފުރަތަމަ ފިޔަވަޅުއެޅީ ހުޅުމާލޭ ކޯވިޑް ފެސިލިޓީއަށް ދާށެވެ. މަދު ވަގުތުކޮޅެއްގެތެރޭގައި އެޗްޕީއޭގެ ޓީމުތަކުން އައިމަން ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ގެންދިޔައެވެ. އެހެންނަމަވެސް އެތަނަށް ގޮސް އައިމަންގެ ޙާލަތު ޑޮކްޓަރުން ބެލިބެލުމުން ލިބިގެންދިޔައީ ބިރުން ފިއްކަނޑައިގެންދާ ވަރުގެ ޚަބަރެކެވެ. އައިމަންގެ ޙާލަތު ވަރަށް ގޯސްކަމަށެވެ. ފެންނަ ފެނުމަށް ހުރި މިންވަރަށްވުރެ ޙާލަތު ގޯސްކަމާއި ވަގުތުން އައިސީޔޫއަށް ލާންޖެހޭކަމަށް ޑޮކްޓަރުން ބުނިބުނުމަކީ ލިބުނު ބޮޑު ޝޮކެއްކަމަށް އައިމަން ބުންޏެވެ. އަދި އެއީ ވަރަށް ހާސްވި ވަގުތެއްކަމަށްވެސް އައިމަން ބުންޏެވެ.

"މެޑިކަލް ފެސިލިޓީއަށް ގެންދިޔައިރު އިނގޭ ވަރަށް ބޮޑަށް ވަރުބަލިވެ ބަލިވާން ފަށާއިފިކަން. ނޭވާލާން ވަރަށް އުނދަގޫވި. ހީވަނީ މޫދުއަޑީގަ އޮވެވޭހެން. އެކަމަކު އިނގޭ އޮކްސިޖަން އެބަހުރިކަން، ހަމަ ނޭވާ ނުލެވެނީކަން." އައިމަން ބުންޏެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ގަޑިއިރެއްވުމަށްފަހު އައިމަންގެ ޙާލަތު ގޯސްވެ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާއަށް ބަދަލުކުރިއެވެ. އަދި އެތަނުން އައިމަން ބަދަލުކުރީ އައިސީޔޫއަށެވެ. އޮކްސިޖަން މާސްކާއެކު ފާޚާނާއަށް ދިޔުމާއި ކެއިންބުއިންވީ ވިސްނާލަންވެސް ނޭނގޭހާ ދަތިކަމަކަށެވެ. އެއާއެކު ޑޮކްޓަރުންގެ ކަންބޮޑުވުން އައިމަންއާއި ހިއްސާކޮށް ލަސްނުކޮށް ފަރުވާއަށް ގުޅުންވީ އައިމަންގެ ނަސީބުކަމުގައި ޑީއެޗް11ގެ ޑޮކްޓަރުން ވިދާޅުވިއެވެ. 6 ގަޑިއިރަށްވުރެ ލަސްވީނަމަވެސް އައިމަން ވެންޓިލޭޓަރަށް ލާންޖެހޭފަދަ ޙާލަތަކަށް ދިޔައީސްކަމަށް ޑޮކްޓަރުން ވިދާޅުވުމުން ބަލީގެ ނުރައްކާތެރިކަން އައިމަންއަށް ނަގައިގަނެވުނެވެ. އައިމަންއަށް ޢާއިލާއާއި ވާހަކަދައްކާލެވުނީ 5 ދުވަސް ފަހުންކަމަށް އައިމަން ބުނީ އަސަރާއެކުގައެވެ. އެއީ އެއާއެކު އައިމަންގެ ހަނދާނާއި ގުޅިގެން ދިޔައީ "ޕޭޝަންޓް-51"އާއެވެ. އެއީ ހަނދާނުން ނުފޮހެވޭނެ ފަރާތެއްކަމަށް އައިމަން ބުންޏެވެ.

"ޕޭޝަންޓް 51އަކީ ދުވަހަކުވެސް ހަނދާން ނެތޭނެ ފަރާތެއް ނޫން. ޕޭޝަންޓް 51 ނިޔާވީ އައިމަން ރިލީޒް ކުރިދުވަހު. އެދުވަހުވެސް ވަރަށް ހަމަޖެހިގެން ޕޭޝަންޓް 51 ފެންވަރާ ނިމުނީމަ އައިމަން ހެނދުނު ފެންވެރީވެސް. އޭގެފަހުންވެސް ހަމަޖެހިފަ ހުރީ އެކަމަކު ގާތްގަނޑަކަށް ކަޑިއިރުވީ. ޕޭޝަންޓުގެ ހާލުބޮޑުވެގެން ޑޮކްޓަރުން މަސައްކަތް ކރުަންފަށައިފި. ފެނޭ ޑޮކްޓަރުން ފުރާނަ ސަލާމަތްކުރަން ކުރި މަސައްކަތް. އެކަމަކު ހަމަ ފުރާނަ ދިޔައީ ހަމަ ލޯކުރިމަތީގަ. ހިތަށްއެރީ އެއްވެސް ޢާއިލާ މީހަކަށްވެސް ނުފެންނާނޭ މިހެންވަކިވާއިރު. ޢައިލާއިން ވިސްނާނެވަރުވެސް ހިތަށް އެރިއެވަގުތު." އައިމަން ބުންޏެވެ.

ބަލީގައި ބޮޑުވަރުވެ ވެންޓިލޭޓަރަށް މީހުން ލީތަން އައިމަންވަނީ ދެކެފައެވެ. މިބަލީގައި ބޮޑުވަރުވީ މީހުންނާއި ނިޔާވި މީހުން އައިމަންވަނީ ދެކެފައެވެ. އެގޮތުން ކޯވިޑްބަލީގައި އައިމަން އެންމެ ލޯބިވާ ބައްޕަވެސް ވަނީ މިދުނިޔެއަށް ޢަލްވަދާޢުކިޔާފައެވެ.

"ބައްޕަވެސް ގޭގައި ވަރަށް ގިނަ ދުވަހު ކެތްކުރި. ފޫހިވާތީ ބޭރަށް ނުކުތީ. ނިކުތުމުން ބަލި ހުރި މީހަކާ ބައްދަލުވެ ބަލިއެރީ. އައިމަން ހިތަށް އަރާ އައިމަން ފަރާތުން ބައްޕައަށް ބަލިޖެހުނުނަމަ ގިލްޓީވާނެވަރު. މުޅި އުމުރަށް ހުންނާނެ ގިލްޓެއްކަމަށްވާނެދޯ؟" އައިމަން ބުންޏެވެ.

އައިމަންވަނީ މިބަލީގައި ހިތި ދަތުރެއްކޮށްފައެވެ. އައިމަންއަށް ކުރެވުނު ތަޖުރިބާއާއެކު އައިމަންގެ އޮތީ އެންމެ މެސެޖެކެވެ. އެޗްޕީއޭއިން އެދައްކަވާ ވާހަކަތަކާއި ދެއްވާ އިރުޝާދުތަކަކީ ސަމާސާއަކަށް ދައްކަވާ ވާހަކަތަކެއް ނޫންކަމެވެ. މިއީ ހަގީގީ ބައްޔެއްކަމަށާއި މިކަމުން އަރައިގަނެވޭނީ އެންމެ ގުޅިގެންކަންވެސް އައިމަންވަނީ ފާހަގަކޮށްފައެވެ.

"އެޗްޕީއޭއިން އެދައްކަވަނީ ރަނގަޅުވާހަކައެއް. އައިމަން މެންކުރިމަތީ އެއް ޕޭޝަންޓަށް ޓްރީޓްކުރަން ބޮޑު ޓީމެއް މަސައްކަތްކުރީ. އެތައް ބަޔަކު ކްރިޓިކަލްވެ އެންމެނަށް އެއްފަހަރާ ފަރުވާންދޭންޖެހިއްޖިއްޔާ އެތައް ބަޔަކު ހަމަ މަރުވެގެން ހިނގައިދާނެ. ހަމަ ލޯމަރާލާފަ ހުޅުވާލާހާ ގާތުގައިވާ ޙާލަތެއްއެއީ." އައިމަން ބުންޏެވެ.

އައިމަންކުރި ކޯވިޑްގެ ދަތުރުގައި އެންމެ ބޮޑު ބާރަކަށްވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ޙަރަކާތްތެރިވި ޓީމުކަން އައިމަން ފާހަގަކޮށް އެޓީމަށް އައިމަން ހިތުގެ އަޑިން ޝުކުރުއަދާކުރިއެވެ. މިއީ އައިމަންގެ ވާހަކައެވެ. ބޮޑު ބައްޔެއް ނެތް ޒުވާން އައިމަން ސަލާމަތްވީ މަރުގެ ތުންފަތްމަތިންނެވެ. އައިމަން އެދޭގޮތަށް ހުރިހާ ފަރާތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވާށެވެ.

ކޮޅި

الحمداللہ