ޚަބަރު

ކޯވިޑް-19 : ބާރަށުން އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެ


ހއ.ބާރަށުން އިތުރު 4 މީހަަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

މި 4 މީހުންގެ ސާމްޕަލް ޕޮޒިޓިވުވެފައިވަނީ ބާރަށުގައި ކަރަންޓީނުގައިހުރި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ އޭނާއާ ބައްދަލުވި 6 މީހެއްގެ ސާމްޕަލް ތަކުގެ ތެރެއިން 4 މީހުންގެ ސާންޕަލް ޕޮޒިޓިވްވެގެންނެވެ.

ބާރަށު ކައުންސިލުން ވިދާޅުވީ މިއަދު ޕޮޒިޓިވްވި، 4 މީހުންނަކީވެސް އެއް ގެއެއްގައި ދިރިއުޅެމުންއައި 4 މީހުން ކަމަށެވެ. އެމީހުން މިހާރު ތިބީ ވަކިން ކޮޓަރިއެއްގައި އެކަހެރި ކޮށްފައެވެ.

ބާރަށުގައި ހޯމް ކަރަންޓީނު ފުރިހަމަކުރި 9 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ. އެމީހުންނާ އެރަށުގެ ބައެއް މީހުންނާ ކޮންޓެކްޓްވެފައިވާކަމަށް އެ ރަށު ކައުންސިލުގެ ނައިބު ރައީސް އަލީ ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޝަމީމް ވިދާޅުވީ މިއަދު ޕޮޒިޓިވްވި 4 މީހުންނާއެކު ޖުމްލަ 13 މީހުން މިހާރު އެރަށުގައި ކޯވިޑް-19އަށް ޕޮޒިޓިވުވެފައިވާކަމަށެވެ. އަދި އަލަށް ޕޮޒިޓިވްވި 4 މީހުންނާއި ކޮންޓެކްޓުވި މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.

އިއްޔެ އެރަށުން ޕޮޒިޓިވްވި 9 މީހުންގެ ތެރޭގައި ހައިރިސްކު މީހެއް ހިމެނޭ ކަމަށް އެއަތޮޅު ހޮސްޕިޓަލުންވަނީ ވިދާޅުވެފައެވެ. އެމީހާ މިހާރު ށ.އަތޮޅު ފުނަދޫގައި ހުންނަ ކޯވިޑް ފެސިލިޓީއަށް ބަދަލު ކޮށްފައިވާކަމަށް އެހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

ބާރަށުން ފެނުނު މި ޕޮޒިޓިވް ކޭސްތަކާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އެރަށަށް އަރައި ފޭބުން މަނާކޮށްފައެވެ.