ޚަބަރު

ބްރޯޑްކޮމްގެ މެންބަރު ކަމަށް ފަޒީން އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި


މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް މުޙައްމަދު ފަޒީން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ރާއްޖެ ޓީވީގެ ނޫސްވެެރިޔާ ފަޒީން އައްޔަންކުރަން ފާސްވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް 11 ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިއިރު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކުރި ނަންތަކުގެ ތެރެއިން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންގެ ނަމާއި، ވީޓީވީގައި މަސައްކަތް ކުރައްވާފައިވާ ޝިފްޒާ މުސްތަފާގެ ނަމެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ފަޒީން އައްޔަންކުރުމާއެކު އެކޮމިޝަންގެ 7 މެންބަރުން ހަމަވީއެވެ. އެކޮމިޝަންގައި ފަޒީންގެ އިތުރުން ހިމެނެނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ނައިބު ރައީސް އަޙްމަދު ގައިސް އާއި، މެންބަރު އާމިނަތު ސަރާޙަތު ޢިއްޒަތު އާއި، މެންބަރު އަމްޖަދު ވަހީދު އާއި، މެންބަރު ޢަލީ ޔޫސުފް އާއި މެންބަރު އާމިނަތު އަމީނާއެވެ.