ޚަބަރު

ކޯވިޑް-19 : 9 މީހަކު ޕޮޒިޓިވެ ބާރަށް މޮނިޓަރިންއަށް


ހއ.ބާރަށުން 9 މީހަކު ޕޮޒިޓިވް ވުމާގުޅިގެން އެރަށް މޮނިޓަރިންއަށް ލައިފިއެވެ.

އެރަށް މޮނިޓަރިންއަށް ލާފައި ވަނީ މިއަދު އެރަށުން ހޯމް ކަރަންޓީންގައި ތިބި 9 މީހުން ޕޮޒިޓިވް ވުމާއި ގުޅިގެންކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ. އަދި މިއަދު ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ވެފައިވާ ބައެއް މީހުން ބާރަށުގައި ތިބުމުގެ ސަބަބުން އެރަށަށް މީހުން އަރާ ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ މަނާކޮށްފައެވެ.

ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން ބާރަށު ކައުންސިލްގެ ނައިބު ރައީސް ޢަލީ ޝަމީމް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާހިސާބަށް ކުރެވުނު މަސައްކަތުން މިއަދު ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓުން ގޮތުގައި 100 އެއްހައި މީހުން ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި މި ފަރާތްތަކުގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށްޓަކައި (އެޗްޕީއޭ)އިން އެރަށް މޮނިޓަރިންއަށް ލާފައި ވަނީ މިއަދު މެންދުރު ފަހު 3:15ހާއިރުކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ބާރަށުން މިއަދު ޕޮޒިޓިވްވި 9 މީހުންނަކީ އެއް ގެއެއްގައި ކަރަންޓީންގައި ތިބިމީހުންނެވެ. މިމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވުމާ ގުޅިގެން އިއްޔެ ނެގި ރިލީޒް ސާމްޕަލުންނެވެ.

ޕޮޒިޓިވްވި 9 މީހުންގެ ތެރޭގައި ހައިރިސްކު މީހެއް ހިމެނޭ ކަމަށް އެއަތޮޅު ހޮސްޕިޓަލުންވަނީ ބުނެފައެވެ. އަދި އެމީހާ މިހާރު ށ.އަތޮޅު ފުނަދޫގައި ހުންނަ ކޯވިޑް ފެސިލިޓީއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.