ޚަބަރު

މުލަކަތޮޅުގައި މަޝްރޫޢުތައްދަނީ ފަތުއަޑުކިޔާފައި ބޮޑުތަން ކުރިއަށް - މެންބަރު އިކްރާމް


ކުރީގެ ސަރުކާރުތަކުން ނުގެންނަ އެތައް ކުރިއެރުމެއް މި ސަރުކާރުން މުލަކަތޮޅަށް ގެންނަމުންދާ ކަމަށް އެއަތޮޅުގެ ރައްޔިތުން މިއަދު ޤަބޫލުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

މ. އަތޮޅުގައި ތަރައްޤީކުރާ ފުރަތަމަ އެއަރޕޯޓު މުލީގައި ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު އޭގެ ސަބަބުން މ.އަތޮޅަށް އަންނާނެ ތަރައްޤީއާ ގުޅޭގޮތުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވީ މުލީ އެއަރޕޯޓުގެ ސަބަބުން އަތޮޅަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ.

މެންބަރު އިކްރާމް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުގައި މ. އަތޮޅުގެ މެންބަރުކަން ކުރައްވާ ފަރާތްތައް އިސްމަޤާމުތަކެއް ފުރުއްވައި، މެންބަރުންގެ ގޮތުގައިވެސް ނުފޫޒުގަދަ ފަރާތްތައް ތިބިއިރު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކުރިއެރުން އެއަތޮޅަށް އައިސްފައި ނުވާކަމަށެވެ. ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މ. އަތޮޅުގައި ކުރިއަށްގެންދަން ނިންމި ތަރައްޤީގެ މަޝްރޫޢުތައް ފަށައި، މިހާރުވެސް ފަތުއަޑުކިޔައި ކުރިއަށްދާކަމަށް މެންބަރު ވިދާޅުވިއެވެ. އެގޮތުން އެއަރޕޯޓުގެ މަޝްރޫޢުގެ ސަބަބުން ލިބިގެންދާނެ ކުރިއެރުން ގިނަކަން މެންބަރުވަނީ ފާހަގަކުރައްވާފައެވެ.

"މިއެއަރޕޯޓް މ. އަތޮޅަށް އައުމުން ރިސޯޓުތަކަށް ދަތުރުކުރާ ފަތުުރުވެރިންނަށް މިހާރަށްވުރެ އަގުހެޔޮކޮށް ދަތުރުކުރެވޭނެ، ލޯކަލް ޓޫރިޒމަށް ވަރަށްބޮޑު ކުރިއެރުމެއް އަންނާނެ. އަދި މިއާގުޅިގެން ލޯކަލް ޓޫރިޒަމް ތަރައްޤީވެގެން ދާ ދިއުމަކީ މުހިއްމުކަމެއް. އެހެންވީމަ އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިއެއަރޕޯޓުގެ ސަބަބުން މ. އަތޮޅަށް ބޮޑު އިންގިލާބެއް ގެނުވާނެ." ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވިއެވެ.

މުލީ އެއަޕޯޓުގެ ޢަމަލީ މަސައްކަތް 40 ދުވަހުގެ ތެރޭގައި ފަށާނެކަމަށާއި އެއްއަހަރު ދުވަހުގެ ތެރޭގައި އެއަރޕޯޓުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. އެއަރޕޯޓުގެ އިތުރުން މ. އަތޮޅުގެ އެކި ރަށްރަށުގައި ކުރިއަށްގެންދާ ބަނދަރު ހެދުމާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި މަސް ބަނދަރުގެ މަސައްކަތާއި އެނޫންވެސް އެތައް މަޝްރޫޢެއް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށާއި ރައްޔިތުން އެމަޝްރޫޢުތައް ބަލައިގަންނަކަމަށް ދިއްގަރުދާއިރާގެ މެންބަރު ވިދާޅުވިއެވެ.