ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓްކޮށް އަނެއްކާވެސް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިމަހުގެ 9ވަނަ ދުވަހުން 20ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް 1758 ޝަކުވާ ލިބިފައިވާކަމަށް، އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ. އަދި އޭގެ ތެރޭގައި އެންމެ ގިނައީ ރަށްވެހިކަން ބަދަލުވެފައިވާ މީހުން ޝަކުވާއާއި ނިޔާވެފައިވާ މީހުންގެ ނަން ލިސްޓުގައިހުރުމުގެ ޝަކުވާކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.
މި އަދު ޢާންމުކުރި ލިސްޓަށް ޝަކުވާ ހުށަހަޅާނީ މިފެށޭ މާރޗް މަހުގެ 11 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30އިން މެންދުރުފަހު 01:00އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00އިން ހަވީރު 05:00އަށެވެ.
2 މާޗުން ފެށިގެން 11 މާޗްގެ ނިޔަލަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވަނީ ވިދާޅުވިއެވެ.