ޚަބަރު

މިފަހަރު ވޯޓުލުމަށް 203 މަރުކަޒު އިތުރަށް ޤާއިމުކުރާނެ - އިލެކްޝަންސް


ކޯވިޑް-19ގެ ހާލަތުގައި ވޯޓުލުން ކުރިއަށްގެންދާތީ މިފަހަރު ވޯޓުލުމަށް އިތުރު 203 މަރުކަޒު ޤާއިމުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން 2 ފަހަރެއްގެ މަތީން ފަސްކުރުމަށްފަހު އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ކޯވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވޯޓުލުން ކުރިއަށް ގެންދިއުމަށް ވޯޓުލާ އިތުރު މަރުކަޒުތަކެއް ޤާއިމްކުރަން ނިންމާފައިވާކަމަށެވެ.

މިދިޔަ އަހަރު އިންތިޚާބު ބާއްވަން ނިންމިއިރު ވޯޓުލުމަށް އިއުލާންކުރީ 532 ވޯޓުލާ މަރުކަޒުކަމަށާއި، އެހެން ނަމަވެސް މިފަހަރު އިންތިޚާބު ބާއްވާއިރު މާލެ ސަރަޙައްދުގައި ވޯޓުލާ އިތުރު 68 މަރުކަޒު ޤާއިމްކުރަން ޖެހޭއިރު ރިޒޯޓްތަކުގައިވެސް ވޯޓުލާ މަރުކަޒު އިތުރުވެގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

"މިފަހަރު ވޯޓުލާ މަރުކަޒުތައް ހަދަން މާލެއަކުން އެހުރިޙާ ޖާގައެއް ނުލިބޭ. އެހެންވީމަ ގާތްގަނޑަކަށް ސާޅީހަކަށް މަރުކަޒު އަޅުގަނޑުމެން ހުސްބިންތަކުގައި ޓެންޓުޖަހައިގެން، މިސާލަކަށް ހެންވޭރު ދަނޑުގައާއި ދަރުމަވަންތަ ހުރިތަނުގައާއި މާފަންނު ސްޓޭޑިއަމްގެ ޓާފް ދަނޑުތަކުގެ އިތުރުން ކާނިވާ ސަރަޙައްދުވެސް ހިމެނޭގޮތަށް ގާތްގަނޑަކަށް 40 މަރުކަޒެއް ޓެންޓު ޖަހައިގެން ވޯޓުލުން ކުރިއަށް ގެންދާނަން" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޕެންޑަމިކާއި ގުޅިގެން ކޮންމެ ވޯޓުފޮއްޓަކަށްވެސް އެންމެ ގިނަވެގެންވެސް ވޯޓުލެވޭނީ 550 މީހުންނަށްކަމަށެވެ. ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަކުރުމައްޓަކައި 550އަށްވުރެ ގިނައިން މީހުން ވޯޓުލާ ފޮށިތައް ދެބަޔަކަށް ބަހައި އަދި އެއައްވުރެ އަދަދު މަދުކޮށްފައިވާނެކަމަށްވެސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން އިންތިޚާބު ނުބޭއްވޭނެކަމަށް ވިދާޅުވެ އިންތިޚާބު ބޭއްވުމަށްޓަކައި އިތުރަށް ބޭނުންވާ ބަޖެޓް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.