ރިޕޯޓް

ހަތިޔާރުތައް! ރާއްޖޭގެ ތާރީހުގައި ހިނގި މިފަދަ ފުރަތަމަ ހާދިސާ


ރައީސުލްޖުމްހޫރިއްޔާ
އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ދިން ނާކާމިޔާބު ހަމަލާއަށްފަހު
ފުޅާދާއިރާއެއްގައި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ ތަހްގީގުގައި
ފޮރުވާފައި ހުއްޓައި ކަނޑުއަޑިން ފެނުނު ހަތިޔާރުތަކަކީ ރާއްޖޭގެ ތާޜީޚްގައިވެސް
ފެންމަތިވި މިފަދަ އެންމެ ބޮޑު 
މައްސަލައެވެ.



މިހަތިޔާރުތައް
އެތެރެކުރި ބަޔަކު ހަތިޔާރު އެތެރެކުރި މަގުސަދަކީ ކޮބައިކަން އަދި ނޭގުނަސް މިއީ
ރައީސް އަވަހާރަކޮށްލުމަށް އެމަނިކުފާނު ދަތުރުފުޅު ކުރެއްވި ފިނިފެންމާ
ލޯންޗްކޮޅުގައި ދިން ބޮމުގެ ނާކާމިޔާބު ހަމަލާގެ ތަހްގީގުގެތެރެއިން ފެނުނު
ހަތިޔާރުކަން ފާހަގަކުރެވެއެވެ. މިހަތިޔާރުތައް ރައްކާކޮށްފައިހުރީ ކަނޑުއަޑީގައި
ކަޅު ދެދަބަހުގައެވެ. އެންމެ ބޮޑު ސުވާލަކީ ރާއްޖޭގެ ދޮރާށި ތަކުން މިހާ
ގިނައަދަދެއްގެ ހަތިޔާރުތަކެއް އެތެރެވިގޮތެވެ.



މިމަހުގެ 25 ވަނަ ދުވަހު
ރައީސުލްޖުމްހޫރިއްޔާ ގައުމާއި މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި
އެމްއެމްޕީއާރްސީން ރާއްޖެއަށް ހަވާ ކޮންޓެއިނަރެއް އެތެރެކޮށްފައިވުމާއި އަދި
އެހަވާ ކޮންޓެއިނަރ އެތެރެކުރުމުގައި އަމަލުކޮށްފައިވާގޮތާއިމެދު ކަންބޮޑުވުން
ފާޅުކުރައްވާފައިވެއެވެ. އަދި އެހަވާ ކޮންޓެއިނަރުގެތެރޭގައި ހުރީ ކޮން
އެއްޗެއްކަން ބެލިފައިވާ މިންވަރާ މެދުވެސް އެމަނިކުފާނު ސުވާލު
އުފައްދަވާފައިވެއެވެ.



މިރޭ
ސިފައިންނާއި ފުލުހުން ގުޅިގެން ހޯދާފައިވާ ހަތިޔާރުތަކުގެތެރޭގައި ހަވާއެރުވުމަށް
ބޭނުންކުރާ ބައެއް ސާމާނު ހުރިކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް
މިހަތިޔާރުތަކަކީ ސީދާ ހަވާކޮންޓެއިނަރއާއި އެއްކޮށް އެތެރެކުރި
ހަތިޔާރުތަކެއްކަން ބުނަން އަދި މާ އަވަސްކަމަށް ސަލާމަތީ ބާރުތަކުގެ އޮފިޝަލުން
ވިދާޅުވެއެވެ. އަދިވެސް ތަހްގީގުދަނީ ކުރިއަށެވެ.



މިހަތިޔާރުތަކަކީ
ޔަގީނުންވެސް ރާއްޖޭގެ އުފެއްދުންތަކެއް ނޫންކަން ހާމަވެއެވެ. މީގެ ތެރޭގައި ޗައިނާއާއި
ޖަރުމަނުގައި އުފައްދާ ހަތިޔާރުތަކެއް އެބަހުއްޓެވެ. އެހެންކަމުން ހަތިޔާރު ރާއްޖެ
އެތެރެކޮށްފައިވާކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. ސުވާލު އުފެދެނީ އެތަކެތި
އެތެރެކުރެވިފައިވަނީ ކަނޑުމަގުންތޯ ނުވަތަ ވައިގެ މަގުންތޯއެވެ. ހަވާކޮންޓެއިނަރ
އެތެރެކުރީ ވައިގެ މަގުންކަމެއް ނުވަތަ ކަނޑުމަގުންކަމެއް މީޑިއާއަކަށް އަދި
ޔަގީނެއްނުވެއެވެ. އެހެންނަމަވެސް ބޮޑަށް ލަފާކުރެވެނީ ކަނޑުމަގުންކަމަށެވެ. ހަވާކޮންޓެއިނަރގެ
މައްސަލައަށްފަހު ކަސްޓަމުން ނެރެފައިވާ ބަޔާނެއްގައި ރާއްޖެ އެތެރެކުރެވޭ ތަކެތި
ދެނެގަތުމާއި ސަލާމަތީގޮތުން ބަލަހައްޓަންޖެހޭ ބެލެހެއްޓުން ކަސްޓަމުން އަބަދުވެސް
އެންމެ މަތީފެންވަރުގައި ބަލަހައްޓަމުންގެންދާކަމަށް ބުނެފައިވެއެވެ.

ކަނޑުމަގުން
ހަތިޔާރު އެތެރެވިޔަސް ކަސްޓަމްސަށް އެގޭނެއެވެ. އެހެންނަމަވެސް
ރާއްޖެއަށް މަނާތަކެތި އެތެރެކުރުމުގައި ބައެއް ފަހަރު ވަރަށް އާދަޔާއި ޚިލާފްގޮތްގޮތްވެސް
ބޭނުންކޮށްފައި އެބަހުއްޓެވެ. ރާއްޖެއަށް ވަންނަ އާގުބޯޓްތައް ރާއްޖޭގެ ސަރަހައްދަށް
ވަނުމާއެކު ބަނދަރުތަކާއި ހަމައަށް އައުމުގެ ކުރިން މަސްތުވާތަކެތީގެ ވިޔަފާރި
ކުރާ މީހުން ލޯންޗްގައި ނުވަތަ ދޯނީގައި ބޭރަށް ނުކުމެ އެބޯޓްތަކުން
މަސްތުވާތަކެތި ނަގާފައިވާ ހާދިސާތަކެއް ފުލުހުންނަށް ފަޅާއަރާފައި އެބަހުއްޓެވެ. މިހެން މިކަން
އޮތަސް ހަވާކޮންޓެއިނަރއަކީ ވަރަށް ބޮޑަށް އެއަށް ޝައްކުކުރެވޭ ކަމެކެވެ. މިކޮންޓެއިނަރ އެތެރެކޮށްފައިވަނީ
ރާއްޖެއަށް އެތެރެކުރުން މަނާކުރުމުގެ ގާނޫނާއި ފުށުއަރާ ގޮތަށް ޑިފެންސް
މިނިސްޓަރ ދެއްވާފައިވާ ޚާއްސަ ހުއްދައެއްގެ ދަށުންކަމަށްވަނީ ވެފައެވެ.



ގާނޫންގައިވާ ގޮތުން  ހަނގުރާމަވެރި ހަތިޔާރާއި ބަޑިބޭހާއި
ގޮވާތަކެތި ރާއްޖެ އެތެރެކުރެވޭނީ ޑިފެންސް މިނިސްޓްރީއަށެވެ. އަދި އެތަކެތި
ގެންގުޅެންވާނީ ޑިފެންސް މިނިސްޓްރީން ކަނޑައަޅާ ބަޔަކު އެމިނިސްޓްރީން ހަދާފައިވާ
ގަވާއިދެއްގެ ދަށުންނެވެ. އެހެންނަމަވެސް ޑިފެންސް މިނިސްޓްރީން ހުއްދަދޭ ބަޔަކަށް
ހަވާއާއި ފަޓާސް އެތެރެކުރެވިދާނެއެވެ. ރާއްޖޭގައި ފަހަކަށްއައިސް ހަވާއެރުވުމުގެ ވަރަށް ގިނަ
ހަރަކާތްތަކެއް ގެންގޮސްފައިވެއެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ދެވުނު
ނަކާމިޔާބު ހަމަލާއާއި ހަމައަށް މިހަވާތައް ރާއްޖެ އެތެރެކޮށްފައިވަނީ
ކިހިނެތްކަމެއް އެއީ މީހުންގެ ހިތަށްވެސް ނާރާ ސުވާލެކެވެ. ނާއިބު ރައީސް
އަހުމަދު އަދީބުގެ ބެލުމުގެ ދަށުން ހިންގާ އެމްއެމްޕީއާރްސީން ހަވާ ނުވަތަ ބަޑިބޭހުގެ
ޝިޕްމަންޓްތައް ގެންނަން ހުއްދަދޭންޖެހޭ ސަބަބު އެއީ އެމްއެންޑީއެފްގެ އިސް ޖެނެރަލުންވެސް
އުފައްދަވާ ސުވާލެކެވެ. މިސުވާލު އެބޭފުޅުން އުފައްދަވަނީ މިވަރުގެ ނިންމެވުމެއް
ނިންމެވުމުގައި ސިފައިންގެ އިސް އޮފިސަރުންނާއި މަޝްވަރާ ކުރައްވާފައި ނުވާތީއެވެ.



ކޮންމެއަކަސް
ތަހްގީގުކުރާ ފަރާތްތަކުން އަދި ހާމަނުކުރިޔަސް މިހަތިޔާރުތަކާއި ބޮޑަށް މިގުޅެނީ ހަވާ
ޝިޕްމަންޓާއެވެ. މިމައްސަލައިގައި މިހާތަނަށް މިވަނީ ހަތްމީހަކު ހައްޔަރުކޮށްފައެވެ.
މިމީހުންނަކީ ކޮބައިކަމެއް އަދި އެމީހުން ބައިވެރިވަނީ ކޮންގޮތަކަށްކަމެއްވެސް
ސިފައިންނާއި ފުލުހުން އަދި ހާމައެއްނުކުރެއެވެ. ދިވެހިރާއްޖެއަށް
ގެނައުން މަނާތަކެތީގެ ގާނޫންގައިވާގޮތުން ހަނގުރާމަވެރި ހަތިޔާރާއި ބަޑިބޭހާއި
ގޮވާއެއްޗެހި ގާނޫނާއި ޚިލާފަށް ގެނެސްފި މީހެއްގެމައްޗަށް 10 އަހަރާއި 15 އަހަރާއި
ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.



ރައީސުލްޖުމްހޫރިއްޔާ
އަވަހާރަކޮށްލުމަށް ދެވުނު ނާކާމިޔާބު ހަމަލާއާއި ގުޅިގެން މިހާތަނަށް ސީދާ
އެމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ އެންމެ އިސް ފަރާތަކީ
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަހުމަދު އަދީބެވެ.