ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބްގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދާ ވިކްޓްރީ ސްޕޯޓްސް ކުލަބުން ފެށުން ރަނގަޅުކޮށްފިއެވެ.
މި ފަހަރުގެ ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވި އެއް ޓީމަކީ ވިކްޓްރީއެވެ. އެ ޓީމުން ވަނީ ސްކޮޑް ވަރުގަދަ ކުރުމަށް ތަޖުރިބާކާރު ގިނަ ކުޅުންތެރިންގެ ސޮއި ހޯދައިފައެވެ. އެއާއެކު އެ ޓީމު ވެގެން ގޮސްފައިވަނީ ލީގުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމަކަށެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނިޓްގައި ވިކްޓްރީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މިއީ ވިކްޓްރީގެ ހުސެއިން ޝަރީފް މުހައްމަދަށް ޓީސީގެ ކީޕަރު ޑެނިއެލް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން މިރްޖަލޯލް ކަސިމޯވް ކާމިޔާބުކޮށްދިން ގޯލެކެވެ. އެކަމަކު ވިކްޓްރީއަށް ފުރަތަމަ ހާފުގައި ލީޑުގައި އޮވެވުނީ މަދު އިރުކޮޅަކަށެވެ.
މެޗުގެ 10 ވަނަ މިނިޓްގައި ޓީސީގެ މާއިޒް ވަހީދު ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ ވިކްޓްރީގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ޓީސީގެ އަޝްރަފް މަހްމޫދު ހުރަސްކޮށްދިން ބޯޅައަކުން މާއިޒް ޖެހި ގޯލެކެވެ.
ދެވަނަ ހާފުގައި ވިކްޓްރީން ވަނީ އެ ޓީމުގެ އެޓޭކުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން ވިކްޓްރީގެ އަލްހާޖީ ގޭރޯއަށް ވަނީ ލަނޑުޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މެޗުގެ 66 ވަނަ މިނިޓްގައި ވިކްޓްރީގެ އަހުމަދު ހަސަން ވަނީ ގޯލު ޖަހައި ލީޑު ނަގައިދީފައެވެ. މިއީ ވިކްޓްރީގެ މިރްޖަލޯލް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި އަހުމަދު ޖެހި ގޯލެކެވެ. އަދި އޭގެ ހަތަރު މިނިޓް ފަހުން ވިކްޓްރީއަށް ލީޑު ފުޅާކޮށްދިނީ އަހުމަދު ރިޒްވާން (ރިޒޭ) އެވެ، މިއީ ވިކްޓްރީގެ އަލީ ސާމިސްގެ އެހީތެރިކަމާއެކު ރިޒްވާން ޖެހި ގޯލެކެވެ.
މެޗުގެ 86 ވަނަ މިނިޓްގައި ވިކްޓްރީގެ ތިންވަނަ ގޯލު ވެސް އެޓީމަށް ޖަހައިދިނީ ރިޒްވާންއެވެ. މިއީ ވިކްޓްރީގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) އަށް ޓީސީގެ އެރިއާ ތެރެއިން ކުރި ފައުލަކުން ދިން ޕެނަލްޓީއަކުން ރިޒްވާން ކާމިޔާބުކޮށްދިން ގޯލެކެވެ.
ވިކްޓްރީގެ ފަހު ގޯލު މެޗު ނިމެން ތިން މިނިޓަށްވެފައި ހުއްޓަ ޖެހީ ގޭރޯއެވެ. މިއީ ސާމިސް ނަގައިދިން ހުރަހަކަށް މުޅިން ހުސްކޮށް އަރައި ގޭރޯ ބޮލުން ގޯލުގެ މަތީ ކަނަށް ވައްދައިލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
މި ނަތީޖާއާއެކު ވިކްޓްރީން ފުރަތަމަ މެޗު ކާމިޔާބުކުރިއިރު، ލީގުގެ ދެވަނަ މެޗުގައި ވިކްޓްރީން އަންނަ ބުދަ ދުވަހު ނުކުންނާނީ ދިއްދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.