ޚަބަރު

މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރަން މުހިންމު ފިޔަވަޅުތަކެއް


  • މަސްތުވާތަކެތި އެތެރެކުރިކަމަށް ސާބިތުވެއްޖެނަމަ މަރުގެ އަދަބު ވަނީ ކަނޑައަޅާފައި

  • ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްތައް ދަނީ ކުރަމުން

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާޢީ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ. އިޖުތިމާޢީގޮތުން ކުރިމަތިވާ ގިނަ ކަންކަމުގެ ފަހަތުގައިވަނީ މި ވަބާއާ ގުޅިގެން ކުރިމަތިވާ މައްސަލަތަކެވެ. އެހެންކަމުން މަސްތުވާތަކެތީގެ ވަބާއިން އަންނަން އޮތް ޖީލުތައް ރައްކާތެރިކުރުމަކީ ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ތެރޭގައި ނިސްބަތުން ގިނައީ ޒުވާނުންނެވެ. ބައެއް މައްސަލަތަކުގައި ކުޑަކުދިންވެސް ހިމެނެއެވެ. މިއީ ޤައުމުގެ ކުރިމަގަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ގޮތް ނޭނގޭ އެތައް ބާވަތެއްގެ މަސްތުވާތަކެތި ދައުރުވަމުން އަންނައިރު އެތަކެތި ބޭނުންކުރާ ޒުވާނުން ރާއްޖޭގައި އިތުރުވުމަކީ ޤައުމުގެ މުސްތަގުބަލު ފުން އަނދަވަޅަކަށް ވެއްޓޭނެ ކަމެކެވެ. މީގެ ކުރީގެ ޖީލުތައް އެ ވަބާއިން ސަލާމަތް ނުކުރެވުމުގެ ނަތީޖާ އަޅުގަނޑުމެންގެ މުޖުތަމަޢުން މިއަދު ދަނީ ފެންނަމުންނެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 1,874 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 23,249 މީހުންނާއި، 7,309 ތަންތަން ބަލައި ފާސްކުރިއިރު 144.341 ކިލޯގެ މަސްތުވާތަކެއްޗާއި 1,856 ފުޅި ބަނގުރާ އަތުލައިގަތެވެ. އަދި މި މުއްދަތުގައި 1,533 މައްސަލަ ތަހުގީގުކޮށް، 634 މައްސަލަ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ.

މިއީ ރާއްޖެފަދަ ކުޑަ މުޖުތަމަޢަކަށް ބަލާއިރު ވަރަށް ބޮޑެތި އަދަދުތަކެކެވެ. މި މައްސަލައަކީ އަވަސް އަދި ދާއިމީ ހައްލެއް ކޮންމެހެން ބޭނުންވާ މައްސަލައެކެވެ. މިކަން ހައްލުކުރުމަށް އަދުގެ ސަރުކާރުން ވަނީ މުހިންމު މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން ޤާނޫނުތަކަށް ގެނައި އިސްލާހުތަކަކީ ފާހަގަކޮށްލެވޭ އިސްލާހުތަކެކެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު!

ރާއްޖެއަށް އެކި ގޮތްގޮތުން މަސްތުވާތަކެތި އެތެރެކުރާތާ ޒަމާންތަކެއް ވަނީ ވެފައެވެ. ކަނޑުމަގުންނާއި ވައިގެ މަގުންވެސް އެތަކެތި އެތެރެކުރާއިރު އެކަން ހުއްޓުވުމަށް ކަމާބެހޭ އިދާރާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މި މަސައްކަތަށް ލިބިގެންދިޔަ އެންމެ ބޮޑު ކުރިއެރުމަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެ ގޮތަށް ޤާނޫނަށް ގެނައި އިސްލާހެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް މިއަހަރުގެ މާރިޗު މަހުން ފެށިގެން ގެނެސްފައިވާ އިސްލާހުގައިވާގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިފޯމިން އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރު މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފި މީހަކަށް މަރުގެ އަދަބު ދެވޭނެއެވެ.

އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން މަސްތުވާތަކެތި އެތެރެ ކުރާ މީހަކަށް މަރުގެ އަދަބު ދެވޭނީ، ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުން ޙުކުމް ކުރުމުންނެވެ. ނަމަވެސް އިއްތިފާޤުން މަރުގެ ޙުކުމް ކަނޑަނާޅުއްވާނަމަ އެ ހާލަތުގައި އެ މީހަކު އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި، 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ޤާނޫނުގައި ވަނީ ބަޔާންކުރައްވާފައެވެ.

މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކޮށްގެން މަރުގެ އަދަބު ނުވަތަ އުމުރު ދުވަހަށް ޖަލު ޙުކުމެއް އިއްވާ މީހަކަށް އަދަބު މަޢާފުކޮށް ނުވަތަ ލުއިކޮށް ނުދެވޭނެ ކަމަށްވެސް ޤާނޫނަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ޕެރޯލްގެ ދަށުން ދޫ ނުކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެެވެ.
މިއީ މަސްތުވާތަކެތީގެ މައްސަލަތައް ސާބިތުވެ، ޖަލަށްލާފައިވާ މީހުން އެނބުރި މުޖުތަމަޢަށް ނުކުތުމަށް އޮތް ދޮރުތައް ބަންދުކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުން!

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން އެއިން މަންފާ ހޯދާ ބައެއް ފަރާތްތައް މީގެ ކުރިންވެސް ދެނެގަނެވިފައިވާކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ޤާނޫނުގެ ތެރެއިން އެ މީހުންނަށް އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް އެޅުމުގެ ފުރުޞަތު ފަހިވެފައި ނެތެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު އެކަމަށްވެސް ހައްލު ވަނީ ހޯދައިދީފައެވެ.

މި އިސްލާހުގައި ޤާނޫނުގެ ދަށުން މިހާރު ކޮންޓްރޯލް ކޮށްފައިވާ މަސްތުވާތަކެތީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތަޢާރަފު ކުރުމާއި، މަސްތުވާތަކެއްޗާގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި، ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި، ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާއި ގުޅޭ އުސޫލުތައް މުރާޖަޢާ ކުރުމަށް ވަނީ ހިމަނާފައެވެ.
އަދި ޤާނޫނުގެ 161ވަނަ މާއްދާއަށް ގެނައި އިސްލާޙުގެ ދަށުން މަސްތުވާތަކެތީގެ ކުށްތަކުގައި ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

މީގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށެއްގެ ޝަރީއަތުގައި ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތު ނުވިޔަސް، ވަކި ޝަރުތެއް ފުރިހަމަވާނަމަ، އެ ކުށަކާ ގުޅިފައިވާ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށް ކޯޓުން އަމުރު ކުރަން ވާނެކަމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މި މަސައްކަތުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކުތަކަށް އަމާޒުކޮށްގެން ޚާއްސަ އޮޕަރޭޝަންތައް ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ހިންގަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެފޭތަކުގެ ގޮތުގައި ހިންގަމުން އަންނަ މަސްތުވާތަކެތި ވިއްކާކަމަށް ބެލެވޭ ތަންތަން ބަންދުކުރުމުގެ މަސައްކަތްތައްވެސް އެ ޚިދުތަމަށް ޤާނޫނަށް ގެނައި އިސްލާހުތަކުން ލިބިފައިވާ ބާރުތަކާއެކު ދަނީ ކުރައްވަމުންނެވެ.

ފަރުވާގެ ނިޒާމު ހަރުދަނާކުރުން

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއެކު ރާއްޖޭގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތައް އެ ވަބާއިން ސަލާމަތްކުރުމަކީވެސް މުހިންމު ކަމެކެވެ. އެ ފަރާތްތަކަށް އެކަށީގެންވާ ފަރުވާދީ، ޤައުމާއި މުޖުތަމަޢަށް ބޭނުންތެރި މީހެއްގެ ގޮތުގައި އަނބުރާ މުޖުމަތަމަޢަށް ނެރުމަކީ ޚާއްސަ އިސްކަމެއްދޭންޖެހޭ ކަމެކެވެ.

ނޭޝެނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ވިދާޅުވާ ގޮތުގައި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމުގައި 1082 މީހުން ދަނީ ފަރުވާ ހޯދަމުންނެވެ. އަމިއްލައަށް އެދިގެން އަދި ކޯޓު އަމުރުގެ ދަށުން 533 މީހުން ފަރުވާ ހޯދަމުން އަންނައިރު މީގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިންވެސް ހިމެނޭކަމަށް އެ އެޖެންސީން މައުލޫމާތު ދެއްވައެވެ. އަދި ވެއިޓްލިސްޓުގައިވެސް އިތުރު މީހުން އެބަތިއްބެވެ.

މިހާރު ރާއްޖޭގައި 6 ޑްރަގް ރީހެބިލިޓޭޝަން ސެންޓަރު ހުންނައިރު އަތޮޅުތަކުގައި އެ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ޒަމާންތަކެއްވަންދެން އަޅުގަނޑުމެންގެ މުޖުތަމަޢަށް ދިމާވެފައިވާ މަސްތުވާތަކެތީގެ ވަބާއަށް ބޭނުންވަނީ ވަށައިޖެހޭ ހައްލެކެވެ. އެގޮތުން ވޭޕް ބޭނުންކުރުން ރާއްޖޭގައި މަނާކުރުމަކީ މިކަމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ފިޔަވަޅު ސަރުކާރުން އެޅުއްވީ މަސްތުވާތަކެއްޗަށް މީހުން ވެއްދުމަށް ގެންގުޅޭ އުކުޅެއްގެ ގޮތުގައި ވޭޕްގެ ތެރެއަށް މަސްތުވާތަކެތީގެ މާއްދާތައް ހިމެނުން އިތުރުވެފައި އޮތް ދަނޑިވަޅެއްގައެވެ.

މި ހުރިހާ ފިޔަވަޅުތަކާއެކު ކާމިޔާބު މަސައްކަތެއް ކުރެވިއްޖެނަމަ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތައް ވެގެންދާނީ މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވެފައިވާ ޖީލުތަކަކަށެވެ. މިއާއެކު އިޖުތިމާޢީ އެހެން މައްސަލަތަކަށްވެސް ހައްލު ލިބިގެންދާނެއެވެ.