ދީން

ފަޤީރުންގެ ދަފްތަރު އެކުލަވާލުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރ ބައެއް ކައުންސިލްތަކާއި ބައްދަލުކުރައްވައިފި


2021 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، ބައެއް ރަށު ކައުންސިލްތަކުގެ ރައީސުންނާއި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުންތައް ކުރިއަށްގެންގޮސްފައިވަނީ ވަރޗުއަލްކޮށް ދެ ގަޑިއަކަށް ބަހާލައިގެންނެވެ.

އެގޮތުން އޮންލައިންކޮށް ބޭއްވި ފުރަތަމަ ބައްދަލުވުން އޮތީ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއެކުއެވެ. މިބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރާއި ފުވައްމުލަކު ސިޓީގެ ޑެޕިޔުޓީ މޭޔަރ ބައިވެރިވެވަޑައިގެންފައިވާއިރު، އެ ދެ ކައުންސިލުގެ ޓީމެއް މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު ޑރ.އަޙްމަދު ޒާހިރު ޢަލީއާއި، މިނިސްޓަރ އޮފް ސްޓޭޓް އައްޝައިޚް އިލްޔާސް ޖަމާލު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ މި ދުވަސްވަރަކީ ކޯވިޑް-19ގެ ސަބަބުން މި ދެ ސިޓީ މޮނިޓަރިންގެ ޙާލަތުގައި އޮތް ދުވަސްވަރަކަށް ވުމާއެކު ފަޤީރުންގެ ދަފްތަރު އެކުލަވާލުމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކާމެދުއެވެ. އަދި މިކަންކަން ހައްލުކުރާނެ ގޮތްތަކާއި، މި ޙާލަތުގައ ވެސް ކައުންސިލުތަކުން ރައްޔިތުންނަށް އެއްބާރުލުންދީ، މިކަމުގައި ކައުންސިލުތަކުން އަދާކުރަންޖެހޭ ދައުރުގެ މުހިންމުކަން ފާހަގަކޮށް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މިނިސްޓްރީން ހިއްސާކުރާ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށް ދިނުމަށާއި، މިހާރަށްވުރެވެސް ކައިރިން މިނިސްޓްރީއާއި ކައުންސިލްތަކާއި ގުޅިގެން މަސައްކަތް ކުރުމުން ދިމާވާ ދަތިތައް ހައްލުކުރެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ފަހަރު ފޯމަށް ގެނެވިފައިވާ މުހިއްމު ބަދަލުތަކާބެހޭ ގޮތުންވެސް މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. ޒަކާތްނެގުމާއި ބެހުމުގެ މަސައްކަތަކީ ދީނީ މުހިއްމު ޝިޢާރެއްކަން ފާހަގަކޮށް މި މަސައްކަތުގައި ކައުންސިލްތަކާއި މިނިސްޓްރީ ގުޅިގެން މަސައްކަތްކުރުމާއި، ކުރިޔަށް އޮތްތަނުގައި މިފަދަ ކަންކަން ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރުމުގެ މުހިއްމުކަން ސްޓޭޓް މިނިސްޓަރ އައްޝައިޚް އިލްޔާސް ޖަމާލު ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ދަފްތަރު އެކުލަވާލުމުގައި ދިމާވެފައިވާ ބައެއް ގޮންޖެހުންތައް ހިއްސާކުރައްވަމުން، މޮނީޓަރިންގެ ހާލަތުގައި ދެ ސިޓީ އޮތް ނަމަވެސް މި އަހަރު ދަފްތަރު އެކުލަވާލުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އައްޑޫ ސިޓީގެ މޭޔަރުގެ އިތުރުން ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރ ވަނީ ދެއްވާފައެވެ.

މި ބައްދަލުވުމުގެ އިތުރުން، ރާއްޖޭގެ ހުރިހާ އަތޮޅުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި އެކުވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައިގައިވެސް ވޭތުވެދިޔަ އަހަރުތަކުގައި ދަފްތަރު އެކުލަވާލުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި، ކުރިމަގުގައި ކަންކަން އިޞްލާޙުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ފޯމު ފުރުމުގައި އާންމު ފަރާތްތަކަށް ދިމާވާ ދަތިތަކާމެދު މަޝްވަރާކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

1442 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ލިސްޓް އަލުން އެކުލަވާލުމަށްޓަކާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު މިމަހުގެ 21 އިން އަންނަމަހުގެ 21 ގެ ނިޔަލަށް ބަލައިގަންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މާލެ ސިޓީގައި [email protected] އީމެއިލް މެދުވެރިކޮށް ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވާއިރު، ރަށްރަށުގައި ފޯމު ބަލައިގަންނާނީ އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.