ދުނިޔޭގެ ވިޔަފާރި

ދުނިޔޭގެ އެންމެ ބޮޑު ޒޫ ހެދުމުގެ މަސައްކަތް އަމްބާނީގެ އާއިލާއިން ފަށައިފި


ދުނިޔޭގައި މިހާތަނަށް ހަދާ ޖަނަވާރުން ގެންގުޅޭ އެންމެ ބޮޑު ޒޫ ހެދުމުގެ މަސައްކަތް، އިންޑިއާގެ އެންމެ މުއްސަނދި މީހާގެ އާއިލާއިން ފަށައިފިއެވެ.

އިންޑިއާގެ އެންމެ މުއްސަނދި މީހާކަމަށްވާ މުކޭޝް އަމްބާނީއަކީ، ދުނިޔޭގެ 12 ވަނައަށް އެންމެ މުއްސަނދި މީހާއެވެ. ބޮޑެތި އެކި ވިޔަފާރިތައްކުރާ ރިލަޔަންސް ކުންފުނީގެ ވެރިޔާގެ މިލްކިއްޔާތުގެ އަގު 78.3 ބިލިއަން ޑޮލަރަށް އަރައެވެ. އޭނާގެ އާއިލާކަމަށްވާ، އަމްބާނީ އާއިލާއިން ހިންގާ ރިލަޔަންސް އިންޑަސްޓްރީޒްގެ އަގުވެސް 168 ބިލިއަން ޑޮލަރަށް އަރައެވެ.

ޚަބަރުތައް ބުނާގޮތުން ތަފާތު އެކި ދާއިރާތަކުން އިންވެސްޓްކުރާ އަމްބާނީ އާއިލާއިން ވަނީ ދުނިޔޭގެ އެންމެ ބޮޑު ޒޫ ތަރައްޤީކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައެވެ. "ގްރީންސް ޒޫލޮޖިކަލް ރެސްކިޔު އެންޑް ރިހެބިލިޓޭޝަން ކިންޑަމް"ގެ ނަމުގައި މި ޒޫ ތަރައްޤީކުރާނީ 280 އޭކަރުގެ ބޮޑު ބިމެއްގައެވެ. މިތަން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ގުޖުރާތުގެ ޖަމްނާގަރު ސިޓީގައި ހުންނަ ރިލަޔަންސްގެ ރިފައިނަރީއެއް ކައިރީގައެވެ.

ޚަބަރުތައް ބުނާގޮތުން މިމަޝްރޫޢުގައި އިސްކޮށް ހަރަކާތްތެރިވާނީ މުކޭޝް އަމްބާނީގެ ހަގު ފިރިހެން ދަރިފުޅު، އުމުރުން 25 އަހަރުގެ އަނަންތު އަމްބާނީއެވެ. އޭނާއަކީ ރިލަޔަންސްގެ ޓެލެކޮމް ކުންފުނި، ޖިއޯގެ ބޯޑު މެމްބަރެކެވެ.

މި ޒޫގައި 100 އަށްވުރެ ގިނަ ވައްތަރުގެ ޖަނަވާރާއި ދޫންޏާއި، ރެޕްޓައިލްސް ގެންގުޅޭނެކަމަށް ޚަބަރުތައް ބުނެއެވެ. އޭގެ ތެރޭގައި އެފްރިކަން ލަޔަންސް، ޕީގްމީ ހިޕޯ، ބެންގާލް ޓައިގާރސް އަދި ކޮމޯޑޯ ޑްރެގަންސް ހިމެނެއެވެ. ޒޫ ތަރައްޤީކުރާއިރު، އެތަނުގެ އެކި ސަރަޙައްދުތަކަށްވެސް ތަފާތު ނަންތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ފްރޮގް ހައުސް، ޑްރެގަންސް ލޭންޑް، އަކުއާޓިކް ކިންޑަމް، އިންޑިއަން ޑެސާޓް އަދި އެކްސޯޓިކް އައިލެންޑް ހިމެނެއެވެ. ޚަބަރުތައް ބުނާގޮތުން 2023 ވަނަ އަހަރަށް މި ތަން ތަރައްޤީކޮށް ނިންމޭނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ޒޫ ތަރައްޤީކުރުމުގެ މަސައްކަތް އާމްބާނީގެ އާއިލާއިން ފަށާފައިވާއިރު، އެކަމަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އޭގެ ތެރޭގައި ސިޔާސީ ފަރާތްތަކާއި ޖަނަވާރު ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތައް ހިމެނެއެވެ.

މިދިޔަމަހު ރިލަޔަންސް އިންޑަސްޓްރީން ވަނީ އަސްސާމްގެ ސްޓޭޓް ޒޫގައި އޮތް ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ 2 ބްލެކް ޕެންތަރ އަމްބާނީގެ ޕްރައިވެޓް ޒޫއަށް ހޯދުމަށް އެއްބަސްވުމަކަށް އައިސްފައެވެ. މި އެއްބަސްވުމުގެ ދަށުން ބްލެކް ޕެންތަރގެ ބަދަލުގައި، އިސްރާއިލުން ގެނެސްފައިވާ 2 ޒިބްރާ ރިލަޔަންސުން ވަނީ އަސްސާމްގެ ސްޓޭޓް ޒޫއަށް ދީފައެވެ. މިކަމާއި ގުޅިގެން މިދިޔަ އާދީއްތަދުވަހު އެކްޓިވިސްޓުން ވަނީ މުޒާހަރާކޮށް ނުރުހުން ފާޅުކޮށްފައެވެ. އެކްޓިވިސްޓުން ބުނާގޮތުން ދައުލަތުގެ ހިމަޔާތުގައި ހުންނަ ޖަނަވާރުތަކަށްވެސް ބޮޑެތި ފައިސާވެރި ކުންފުނިތަކުގެ ކިބައިން ސަލާމަތެއް ނެތްކަން ދަނީ ހާމަވަމުންނެވެ.

އުމުރުން 63 އަހަރުގެ މުކޭޝް އަމްބާނީއަކީ ވޭތުވެދިޔަ 2 އަހަރެއްހާ ދުވަސް ވަންދެން އޭޝިޔާގައިވެސް ހުރި އެންމެ މުއްސަނދި މީހާއެވެ. ނަމަވެސް މިދިޔަ ޑިސެމްބަރުމަހު އޭޝިޔާގެ އެންމެ މުއްސަނދި މީހާގެ މަޤާމު ވަނީ ޗައިނާގެ ބިލިއަނަރު ޒޮންގ ޝަންޝާންއަށް ލިބިފައެވެ. އަމްބާނީގެ އާއިލާއިން އަގުބޮޑު ދިރިއުޅުމެއް އުޅެމުން އަންނައިރު، އެ އާއިލާ ދިރިއުޅޭ "އަނިޓިލިއާ" ނަމަކަށް ކިޔާ 27 ބުރީގެ އިމާރާތުގެ އަގު 1 ބިލިއަން ޑޮލަރަށް އަރައެވެ.

މުކޭޝް އަމްބާނީގެ ރިލަޔަންސް އިންޑަސްޓްރީޒްއަކީ އިންޑިއާގެ އެންމެ އަގުބޮޑު ކުންފުންޏަށްވާއިރު، އެކުންފުނިން ހަކަތައާއި، ޓެލެކޮމް، ރީޓެއިލް، ޕެޓްރޯކެމިކަލްސް އަދި އެހެން ދާއިރާތަކުން ދަނީ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންނެވެ.