ކޯވިޑް-19

ކޯވިޑް-19 : މަޖިލީހުގެ އިދާރާގައި ވެކްސިން ޖެހުން މާދަމާއިން ފެށިގެން ޢާއްމުކޮށް ހުޅުވާލަނީ


ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ކޯވިޑް-19ގެ ވެކްސިން ދިނުމުގެ ޙިދުމަތް މާދަމާއިން ފެށިގެން އާއްމުކޮށް ހުޅުވާލާގޮތަށް ހަމަޖައްސައިފިއެވެ.

މަޖިލީހުގެ އިދާރާގައި ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދަނީ ރައްޔިތުންގެ މަޖިލީހާއި، އޭ.ޑީ.ކޭ ހޮސްޕިޓަލް ގުޅިގެންނެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނީ މާދަމާއިން ފެށިގެން މާލޭ ސަރަޙައްދުގައި ދިރިއުޅޭ ޢުމުރުން 30 އަހަރުން މަތީގެ މީހުންނަށް މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުން ވެކްސިން ޖެހޭނެކަމަށެވެ. އަދި އާއްމުކޮށް ހުޅުވާލައިގެން ވެކްސިން ޖެހުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު 12 އަށް ކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މަޖިލީހުގެ އިދާރާއާއި، އެޗް.ޕީ.އޭ އަދި އޭ.ޑީ.ކޭ ހޮސްޕިޓަލް ގުޅިގެން ކޯވިޑް ވެކްސިން ޖެހުމުގެ އިންތިޒާމް މަޖިލީހުގެ އިދާރާގައި ހަމަޖައްސައި ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.


އެގޮތުން މަޖިލިސް އިދާރަގައި ވެކްސިން ޖެހުން ކުރިއަށްދަނީ ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން އިރުއޮއްސި 6:00 ޖެހުމާހަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އެންމެ ފުރަތަމަ ވެކްސިން ޖަހަން ފަށާފައިވަނީ ދިގުމުއްދަތަކަށް އެކިކަހަލަ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ. އަދި އެއަށްފަހު ސަރުކާރުގެ އެކި އެކި އިދާރާތަކާއި، މުއައްސަސާތައް އަދި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ޖެހުމުގެ ކަންކަންވެސް އެ އިދާރާގައި ކޮށްފައިވެއެވެ.

ރާއްޖޭގައި މިހާތަނަށް 75 ހާހަށްވުރެ ގިނަ މީހުން ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހާފައިވާއިރު، މިހާރު ހުރި ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް ހުސްވަންދެން ވެކްސިން ޖަހާނެކަމަށް އެޗް.އީ.އޯ.ސީން ވަނީ ހާމަކުރައްވާފައެވެ. މި ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރަންޖެހެއެވެ. އަދި ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުންނެވެ.