ޚަބަރު

ދާނުގައި ތިބޭ ބަލިމީހުގެ އެހީތެރިންވެސް ވެކްސިން ޖަހަން ހުޅުވާލައިފި


ދާނުގައި ތިބޭ ބަލިމީހުން ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ މީހުން ނުވަތަ އެފަދަ ބަލިމީހުންގެ އެހީތެރިންވެސް ވެކްސިން ޖެހުމަށް ހުޅުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢިއުލާންކޮށްފައިވާގޮތުގައި މިބައިގާ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ޢުމުރުން ދުވަސްވުމުގެ ސަބަބުން އެނދުމަތިވެެފައިވާ މީހުންނާއި ބައްޔެއްގެ ސަބަބުން ނުވަތަ ނުކުޅެއްދުންތެރިކަމެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުންގެ އެހީތެރިން ނުވަތަ އެމީހުން ބަލަހައްޓާ މީހުންނެވެ.

އެގޮތުން މިވަގުތު މާލޭގައި ތިބި މިފަދަ މީހުން ވެކްސިންޖެހުމަށް އާދިއްތަ ދުވަހުން ފެށިގެންވަނީ ހުޅުވާލާފައެވެ. މާލެ ސަރަޙައްދުގައި ވެކްސިންޖެހުމުގެ އިންތިޒާމު ހަމަޖައްސާފައިވާގޮތުން ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން ހަވީރު 16:30އަށް ވެކްސިން ދިނުމުގެ މަސައްކަތްކުރިއަށްގެންދާނެއެވެ. އަދި ވިލިމާލޭ ޔޫތް ސެންޓަރުގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން މެނދުރުފަހު 13:00އާ ހަމައަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށްގެންދާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ވެކްސިން ޖެހުމަށް ރަޖިސްޓަރވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އެގޮތުން ވެކްސިން ޖެހުމަށް ރަޖިސްޓަރވުމަށް my.health.mv މެދުވެރިވުމަށް ރަޖިސްޓަރވުމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މީގެ ދަށުން ރަޖިސްޓަރ ނުވާ މީހުން ވެކްސިން ޖެހުމަށް މަރުކަޒުތަކަށް ދިޔުމުން ރަޖސިްޓަރ ކުރުމުގެ ކަންކަން ހަމަޖެހިގެންދާނެކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ. އަދި މިކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް 1676 މެދުވެރިކޮށް އެހީތެރިކަމަށް އެދެވޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިމަހުގެ ފުރަތަމަދުވަހު ރާއްޖޭގައި ވެކްސިން ރަސްމީކޮށް ޖަހަންފަށާފައިވާއިރު މިހާތަނަށް ހަތްދިހަހާހަށްވުރެ ގިނަ މީހުން ވެކްސިންޖަހާފައިވެއެވެ.