ޚަބަރު

ކާފިއު ވަގުތު: މަޤުޞަދު ހާސިލްވޭބާ؟


2021 ވަނަ އަހަރު ފެށުނުއިރާއި މިހާރާއި އަޅާބަލާއިރު ކޯވިޑް-19 ޙާލަތު އަނެއްކާވެސް މިވަނީ ރާއްޖޭގައި ވަރަށް ބޮޑަށް ބަދަލުވެފައެވެ. އަހަރު ފެށުނުއިރު އަޑު އިވިގެންދިޔައީ ކޯވިޑް-19 ކޭސްތައް މަދުވާން ފެށި އަޑުތަކެވެ. މުޅި ޤައުމު ފުރަބަންދަކަށްގޮސް ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއެކު ބަލި ޖެހޭ މީހުންގެ އަދަދު މަދުވާން ފެށި ނަމަވެސް އޭގެ މަހެއްހާ ދުވަސްފަހުން ޙާލަތު އަނެއްކާވެސް މިވަނީ ބަދަލުވެފައެވެ.

ބަލި ޖެހޭ މީހުންގެ އަދަދު ނިސްބަތުން މަދުވާން ފެށުމާއެކު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭން ފެށުމުން ފެނިގެން ދިޔައީ ހިތާމަވެރި މަންޒަރުތަކެކެވެ. ޗުއްޓީއަށް އެކިތަންތަނަށް މީހުން ފުރައިގެން ދާން ފެށުމާއި ޕާޓީތަކާއި ހަފްލާތައް ބާއްވާ މަންޒަރުތަކެވެ. ނަތީޖާއަކަށްވީ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާންފެށުމެވެ. އެހެންކަމުން އަނެއްކާވެސް މިވަނީ ލުއިކޮށްފައިވާ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދުން ދުއްވުންވަނީ މަނާކޮށްފައެވެ. ނަމަވެސް ހިތާމައަކީ ރައްކާތެރިކަމުގެ ގޮތުން އަޅާ މިފަދަ ފިޔަވަޅުތަކަށް އިޙުމާލުވާ ފަރާތްތައް އަދިވެސް އިތުރުކަމެވެ. އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުތަކާއި ކާފިއު ގަޑީގައިވެސް މަގުތަކުގެ ހަލަބޮލިކަމަށް މާބޮޑު ބަދަލެއް އަންނަތަނެއް ނުފެނެވެ. ބައެއް މީހުންގެ ޢަމަލުތައް ހުންނަގޮތުން ބަލިމަޑުކަމެއް އުޅޭހެން ހީވެސް ނުވާކަހަލައެވެ.

ބައެއްފަހަރު އާއްމު ހާލަތުގައި މަގުތަކުގައި އުޅޭ މީހުންނަށްވުރެ އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑީގައި މަގުތަކުގައި މީހުން ގިނަހެން ހީވާކަހަލައެވެ. ފަހަރުގައި އެއީ އެއްގަމު އުޅަނދު މަދުވުމުގެ ސަބަބުންކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް މާލޭގެ އެންމެ ބާރު ބޮޑު މަޖީދީމަގުގެ އެކި ހިސާބުތަކަށް ނަޒަރު ހިންގާލިއިރު ފެނިގެންދަނީ މަގުގެ ދެ ފަރާތުގެ ޕޭވްމަންޓް ތޮއްޖެހިފައިވާ މަންޒަރެވެ. އެއް ފިހާރައިން އަނެއް ފިހާރަށް ވިޔަފާރިކުރުމުގައެވެ. މާސްކް އަޅައިގެން ތިބިކަމުގައި ވީނަމަވެސް އެއްވެސް ވަރަކަށް ގައިދުރު ކަމެއް ނެތެވެ. އެއްބަޔަކު ބާޒާރުކުރުމުގައި އަވަދި ނެތި އުޅޭ އިރު އަނެއްބަޔަކު ކޮންމެވެސް އެހެން ބޭނުމެއްގައި އުޅޭ މަންޒަރުތަކެވެ. އެޗް.ޕީ.އޭގެ ގައިޑްލައިންގައި ވާގޮތުން އެއްފަހަރާ 10 މީހުންނަށްވުރެ ގިނައިން އެއްނުވެވޭނެކަމަށް އޮތްނަމަވެސް ނުވަތަ ގުރޫޕް ހަދައިގެން އުޅުން މަނާކޮށްފައި އޮތަސް، ގައިޑްލައިން މަތިން ގިނަ ބަޔަކު ހަނދާންހުރި ހެނެއް ހިޔެއްނުވެއެވެ. މިގޮތަށް އެތައްބަޔަކު މަގުމަތީގައި ތޮއްޖެހިގެން އުޅުމަކީ މިވަގުތަށް އެއްގޮތަކަށްވެސް ރައްކާތެރި ކަމެއް ނޫނެވެ.

މާލޭގައި ކާފިއު ހިންގަނީވެސް ވީހަވެސް ބޮޑަށް އާއްމުން ބޭރުގައި އުޅޭ ވަގުތުތައް މަދުކޮށް ބަލި ކޮންޓްރޯލް ކުރުމަށްޓަކައެވެ. އެ ސަބަބަށްޓަކައި އިރުއޮއްސި 18:00 އިން ހެނދު 6:00 އަށް އެއްގަމު އުޅަނދު ދުއްވުމާއި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ފައިމަގުގައި އުޅުމަކީވެސް މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި މިވަގުތުތަކުގައި ބޭރުގައިވެސް އުޅެވޭނީ ހުއްދަ އޮތް ފަރާތްތަކަށެވެ. ނަމަވެސް ހުއްދަ އޮތް ފަރާތްތައްވެސް އެ ހުއްދަ ނަހަމަގޮތުގައި ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ.

މިކަން ތަންފީޒްކުރުމަށްޓަކައި މަގުތަކުގައި ފުލުހުން ފޯރިމަރަމުން އަންނައިރު ކޮންމެ މީހެއްގެ ފަހަތުގައި ފުލުހެއް ހުރުމަކީވެސް ފަސޭހަކަމެއް ނޫނެވެ. މާލޭގެ އެކި ސަރަޙައްދުތަކުގައި ފުލުހުން ޗެކް ޕޮއިންޓްތައް ޖަހައިގެން މަނާ ވަގުތުތަކުގައި ވެހިކަލް ދުއްވާ ފަރާތްތަކާއި ސުވާލުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ފުލުހުން ވަނީ މިފަހަރު ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅޭ ފަރާތްތައް ނަސޭހަތެއް ދިނުމަކާ ނުލާ 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަން ހާމަކޮށްފައެވެ.

ކޯވިޑް-19 އެންމެ ފުރަތަމަ މާލޭގައި ފެތުރެން ފެށި ދުވަސްވަރުވެސް އެންމެ މުހިއްމު ފިޔަވަޅެއް ގޮތުގައި އަޅާފައި ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތަކުގައި އާއްމުން ނުކުމެއުޅުން މަނާ ވަގުތުތަކެއް ކަނޑައެޅުމެވެ. ނަމަވެސް އޭރުވެސް ކާފިއު ގަޑި ފެށެން 30 ހަކަށް މިނިޓެށް ވުމުން މަގުމަތީގެ ހަލަބޮލިކަން އިންތިހާއަށް ފެނިގެންދިޔައެވެ. ކާފިއު ގަޑި ހަމަވުމާއެކު، ހިނިހޮރަކުން ހިނިތަކެއް ނުކުމެގެންދާ ފަދައިން މާލޭގެ މަގުތައް އަނެއްކާވެސް ފުރާލައެވެ.

މިއަދުވެސް އަޅުގަނޑުމެންނަށް ފެނިގެން ދަނީ ހަމަ އެ މަންޒަރެވެ. ވެހިކަލްތައް ދުއްވުން މަނާވަގުތުގައިވެސް މަގުމަތީގައި އުޅޭ މީހުންގެ އަދަދު ގިނަ މަންޒަރެވެ. ސުވާލަކީ ކާފިއުއިން ޙާޞިލުކުރަން ބޭނުންވާ މަޤްޞަދު އޭގެ އެންމެ ފުރިހަމަގޮތުގައި ޙާޞިލުވޭބާއޭ؟ އެއްބަޔަކު ބަލި ކޮންޓްރޯލްކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލަމުން އަންނައިރު އަނެއްބަޔަކު ކަނޑައަޅާފައިވާ އުޞޫލާ މިދަނީ ޚިލާފުވަމުންނެވެ.

ރާއްޖެ މިހާރު ދެކެމުން މިދަނީ ކޯވިޑްގެ އެންމެ ނުރައްކާތެރި ރާޅެވެ. ދުވާލެއްގެ މައްޗަށް 100އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހެމުން އަންނައިރު ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް އަންނީ އިތުރުވަމުންވެ. ޑޮކްޓަރުންނާއި ނަރުހުން ވަރުބަލިވާއިރު ހޮސްޕިޓަލްތައް އަންނަނީ ފުރެމުންނެވެ. ޑޮކްޓަރުން މިހާވަރަށް އާދޭސްކުރަމުން އަންނައިރު އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އެކަންކަމަށް ބީރު ކަންފަތެއް ދެނީ ކީއްވެ ހެއްޔެވެ؟ މިއީ އަޅުގަނޑުމެން ގޭގައި މަޑުކުރަންވީ ވަގުތެއް ނޫންހެއްޔެވެ؟ މަގުމަތީގެ އެތަން މިތަނުގައި އުޅެ، ބަލި ހިފައިގެން ގޮސް ގޭގައި ތިބި މުސްކުޅި މައިންބަފައިނާއި ލޯބިވާ މީހުންނަށް ބަލި ޖައްސާބަޔަކަށް އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ވާން ބޭނުންތޯއެވެ؟ މިއީ މީގެ ކުރިން ދެއްކި ރީތި ނަމޫނާ އަނެއްކާވެސް ދައްކަންވީ ވަގުތު ނޫންހެއްވެ؟