ޚަބަރު

ކޮޅުފުށީގައި އަޅާ 100 ހައުސިން ޔުނިޓްތަކުގެ ބިންގާ އަޅައިފި


މ.ކޮޅުފުށީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 100 ހައުސިން ޔުނިޓްތަކުގެ ބިންގާ އަޅައިފިއެވެ.

ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އެޅުމަށް އަމިއްލަ ދެ ކުންފުންޏެއްކަމަށްވާ ޕްރިސިޝަން އިންޖިނިއަރިން ސަރވިސަސް އާއި ޕީ.އީ.އެސް.މެރިން ސަރވިސަސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގައެވެ.

މި ހައުސިން ޔުނިޓްތައް އެޅުމަށްޓަކައި ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ޕްލޭނިން މިނިސްތްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑެޕިއުޓީ މިނިސްޓަރ ޚާލިސް ޝަރީފާއި ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޙަސަންއެވެ.

މި މަޝްރުޢޫގެ ދަށުން ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވަނީ އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ގެވަޅުތަކުގައި ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. 1100އަކަފޫޓުގެ ބިމުގައި އަޅާ މި ގެ ތަކަކީ މިނިސްޓްރީން ކަނޑައަޅާ ވަކި ޑިޒައިންތަކަށް ހަދާ ގެތަކެކެވެ. މިއިން ކޮންމެ ހައުސިން ޔުނިޓަކީ 3 ކޮޓަރިއާއި، 3 ފާޚާނައާއި ސިޓިންގ ރޫމާއި ބަދިގެއާއި، ދޮންނަ މެޝިން ބަހައްޓާ ތަނެއް ހިމެނޭ ގޮތަށް ހަދާ ގެތަކެކެވެ.

75 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް ކުރުމަށް އޭރު ހަވާލުކޮށްފައިވަނީ 11 މަހާއި 20 ދުވަހުން ނިންމާގޮތަށެވެ.

ކޮޅުފުއްޓަކީ މުލަކަ އަތޮޅުގެ އެންމެ ދެކުނުން އޮންނަ މީހުން ދިރިއުޅޭ ރަށެވެ. މި ރަށުގެ ބިމުގެ ބޮޑުމިނުގައި 76 ހެކްޓަރު ހުންނަ އިރު އެރަށުގެ އާބާދީއަކީ 1433އެވެ.