ޚަބަރު

ޤާޟީ ޙަސަން ސަޢީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ


ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލަން ނެރުނު އަމުރާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ސައީދުގެ ސުލޫކީ މައްސަލައެއް ތަޙުޤީޤުކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޤަޟިއްޔާތަކެއްގައި ދަޢުވާލިބޭ ފަރާތް ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާޠިލުކުރުމަށް ޤާޟީ ޙަސަން ސަޢީދު އަމުރު ނެރުމުގައި، ފާޅުކަންބޮޑުގޮތެއްގައި ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ކަނޑައެޅިފައިވާ އިޖުރާއަތުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށެވެ.

އަދި އެ އަމުރު ނެރުމުގައި ދަޢުވާލިބޭ ފަރާތުގެ މައްޗަށް ޤާނޫނު ހިންގުމަށް ހުރަސްއެޅޭގޮތަށް އަދި ޖިނާއީ ދަޢުވާލިބޭ އެހެން ފަރާތްތަކާ މެދު ޢަމަލުކުރާ ގޮތާ ތަފާތުގޮތަކަށް ކަންކޮށްފައިވުމާއި، އެ އަމުރު ނެރުމުގައި ޢަދުލުއިންސާފު ޤާއިމްކުރުމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ދަޢުވާލިބޭ ފަރާތަށް ނާޖާއިޒް މަންފާ ހޯދައިދިންކަމަށް ބެލެވޭކަމަށެވެ.

އެހެންކަމުން ސުލޫކީ މައްސަލައެއް ތަޙުޤީޤުކުރުމަށް ޖޭއެސްސީގައި އޮންނަ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ"އިން ނިންމާފައިވާކަމަށާއި، މިމަހުގެ 17ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި މި މައްސަލަ ތަޙުޤީޤުކުރުމަށް ތަޙުޤީޤު ކޮމިޓީ އެކުލަވައިލާފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތުކޮށް ހަތް ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުއްވި ފަނޑިޔާރު ޙަސަން ސަޢީދުގެ މައްސަލަ ޖޭއެސްސީސީއަށް ހުށަހެޅުއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރަން ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށާއި، އެ އަމުރު ނެރުމުގައި ކޯޓުން އަމަލުކުރީ އެފަދަ އަމުރު ނެރުމުގައި އަމަލުކުރަމުންއައި އުސޫލްތަކާ ޚިލާފަށް ކަމަށް ޕީޖީއޮފީހުންވަނީ ހާމަކުރައްވާފައެވެ.