ރިޕޯޓް

ކަޅައިދޫގައި ތަރައްޤީކުރާ ހުނަރު ދަސްކޮށްދޭ މަރުކަޒާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި


ލ.ކަޅައިދޫގައި ތަރައްޤީކުރާ ތަޢުލީމާއި ހުނަރު ދަސްކޮށްދޭ މަރުކަޒާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ކަޅައިދޫގައި ތަރައްޤީކުރާ ތަޢުލީމާ ހުނަރު ދަސްކޮށްދޭ މަރުކަޒަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ސަލާމަތް ކުރުމަށް އެކުލަވައިލާފައިވާ ނޭޝަނަލް އެކްޝަން ޕްލޭންގެ ދަށުން، ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކޮށް، އެފަދަ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ޕުރޮގުރާމުތައް ހިންގުމަށް ބިނާކުރުމަށް ހަމަޖެހިފައިވާ ޚާއްޞަ މަރުކަޒެކެވެ.

މި މަރުކަޒުގައި ކުރިއަށްގެންދަން ރާވާފައިވާ ޚާއްޞަ ޕުރޮގުރާމުތަކާއި، އެ ތަން ޢިމާރާތްކުރުމަށް ހިނގާނެ ޚަރަދާއި، މަރުކަޒާ ގުޅޭ އިދާރީ ކަންކަން ރާވައި، ހިންގާނެ ގޮތާ ގުޅޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އަދި، މި މަރުކަޒާ ގުޅޭގޮތުން ސަރުކާރުގެ އެކި ވުޒާރާތަކާއި، އިދާރާތަކުން ފުރިހަމަ ކުރަންޖެހޭ ކަންކަމަށްވެސް މި މަޝްވަރާތަކުގައި އަލިއަޅުއްވައިލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ، ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް، ހަރުދަނާ ޒުވާނުންގެ ޖީލެއް ބިނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މުހިންމު މަޝްރޫޢެއް ކަމުގައެވެ. އަދި، މި މަރުކަޒު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމުގެ މުހިންމުކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވައިދެއްވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން މި އަހަރު ކުރުމަށް ރާވާފައިވާ ބައެއް މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން، އެ މަނިކުފާނު ވަނީ، ކަޅައިދޫގައި ބިނާކުރާ މަރުކަޒުގައި ތަޢުލީމާއި ހުނަރުގެ މުހިންމު ޕުރޮގުރާމުތަކެއް ހިންގޭނެ ކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީއާއި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދުދީދީ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެ ވަޑައިގެންނެވިއެވެ.