ކޯވިޑް-19

ކޯވިޑް-19 : މިދިޔަ 2 މަހަށްވުރެ ފާއިތުވި 2 ހަފްތާގައި ރާއްޖޭގައި ނިޔާވި މީހުންގެ ޢަދަދު އިތުރު


2020ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކުގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު ރާއްޖެއިންވެސް ދިޔައީ މި ބަލިން ރައްކާތެރިވުމަށްޓަކާ ތަފާތު އެކި ފިޔަވަޅުތައް އަޅަމުންނެވެ. ބަލީގެ އެންމެ ނުރައްކާތެރި ޙާލަތަށް ތައްޔާރުވަމުންނެވެ.

ނަމަވެސް މިދިޔަ މާރިޗުމަހު ކޯވިޑް-19ގެ ފުރަތަމަ ރާޅު ރާއްޖެއަށް ބިންދާލުމާއެކު، ޞިއްޙީ ޚިދުމަތްތެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަށްވީ، ޞިއްޙީ ނިޒާމަށް ނުތަކާވަރަށް ބަލިޖެހޭ މީހުންގެ ޢަދަދުތައް އިތުރުވެ، މުޅި ނިޒާމަށް ލޮޅުން އަރާފާނެކަމުގެ ބިރެވެ. ކޯވިޑް-19 ޖައްސާ ވައިރަހަަކީ އޭގެ ޒާތުގައި ވަރަށް ފަސޭހައިން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފޯރާ ވައިރަހެއްކަމުން ދުނިޔޭގެ ގިނަ ޤައުމުތެކެކޭ އެއްފަދައިން ރާއްޖޭގައިވެސް މި ބަލިޖެހޭ މީހުންގެ ޢަދަދުތައް ދިޔައީ އިސާހިތަކު އިތުރުވަމުންނެވެ.

ޙާލަތުގޯސްވެ، މުޅި ޤައުމު ފުރަބަންދުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމާއެކު މުޅި ޤައުމު ހުއްޓުމަކަށް އައެވެ. ރާއްޖޭގައި މި ބަލީގައި އެންމެ ފުރަތަމަ މީހަކު ނިޔާވީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރިގެންދިޔަ ޓްރެންޑަށް ބަލާއިރު އެންމެ ފުރަތަމަ މި ބައްޔަށް ގިނައިން ޕޮޒިޓިވާން ފެށީ ބިދޭސީންނެވެ. އަދި ބަލީގައި ނިޔާވި މީހުންގެ ތެރޭގައިވެސް ފުރަތަމަ ގިނަވީ ބިދޭސީންނެވެ. ނަމަވެސް ގްރެޓަރ މާލޭ ސަރަޙައްދުގައި އުފެދުނު ބޮޑެތި ކްލަސްޓަރތަކާއެކު މި ބައްޔަށް ޕޮޒިޓިވްވާ ދިވެހިންގެ ނިސްބަތް ބޮޑުތަނުން އިތުރުވެ، ބަލީގައި ނިޔާވާ ދިވެހިންގެ ޢަދަދުވެސް ދިޔައީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން ޖުމްލަ 58 މީހަކު މި ބަލީގައި ނިޔާވެފައިވާއިރު އޭގެ ތެރެއިން 50 މީހުންނަކީ ދިވެހިންނެވެ. އަދި ބާކީ 8 މީހުންނަކީ ބިދޭސީންނެވެ.

ކޯވިޑް-19ގެ ދެވަނަ ރާޅަކާއެކު ރާއްޖޭގެ ޙާލަތު އިތުރަށް ގޯސްވެގެންދިޔައީ މިދިޔައަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. އެދުވަސްވަރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 200 އިން މައްޗަށްވެސް އަރައިގެންދިޔަ ތަން ފެނުނެވެ. މި ބަލީގައި މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވެފައިވަނީވެސް 2020ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. އެމަހު އެކަނިވެސް ރާއްޖޭން 12 މީހަކުވަނީ މި ބަލީގައި ނިޔާވެފައެވެ. ދެން އެންމެ ގިނަ މީހުން މި ބަލީގައި ނިޔާވެފައިވަނީ މިދިޔަ ނޮވެމްބަރ މަހުގައެވެ. އެމަހު 8 މީހަކު މި ބަލީގައި ނިޔާވެފައިވެއެވެ.

2021ވަނަ އަހަރު އަޅުގަނޑުމެން ފެށީ ކޯވިޑް-19ގެ ކޭސްތައް ވަރަށް ބޮޑަށް ކޮންޓްރޯލްވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމުން، އެކަމުގެ ހިތްހަމަޖެހުމާއެކުއެވެ. އައު އާއްމު ޙާލަތަށް ވަރަށް ބޮޑަށް އަޅުގަނޑުމެން ފަރިތަވެގެންނެވެ. ސްކޫލުތަކާއި، ޓިއުޝަން ސެންޓަރުތަކާ ޤުރުޢާން ކްލާސްތައްވެސް ހުޅުވާލިއެވެ. ވިޔަފާރިކުރުމަށާއި ކެފޭ ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އިތުރުކުރިއެވެ. ކުޅިވަރު މުބާރާތްތަކާއި، ސިނަމާތައް އާއްމުކޮށް ހުޅުވާލުމުގެ ހުއްދަވެސް ދެވިގެންދިޔައެވެ.

އެހެންނަމަވެސް ކޯވިޑްގެ ތިންވަނަ ރާޅަކާއެކު އަނެއްކާވެސް ރާއްޖެމިވަނީ ނާޒުކު ޙާލަތަކަށް ވެއްޓިފައެވެ. ނުރައްކަލުގެ ރަގަބީލުގެ އަޑު މިވަނީ އަލުން ގަދަވާން ފަށާފައެވެ. ކޯވިޑް-19ގެ އައު ވޭރިއެންޓަކާއެކު ބަލި ފެތުރޭ މިންވަރު އިތުރުވެއްޖެއެވެ. ފެބްރުއަރީ އެކަކުން ފެށިގެން ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފެށުމަކީ ލިބުން ކުޑަނަމަވެސް ހިތްހަމަޖެހުމެކެވެ. ނަމަވެސް ކަންބޮޑުވާ އެހެންކަމެއް އެބައޮތެވެ. އެއީ ބަލީގައި ޙާލުދެރަވެގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވެ، ބަލީގައި ނިޔާވާ މީހުންވެސް އިތުރުވުމެވެ.

އެޗް.ޕީ.އޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 2 މަހަށްވުރެ، ފާއިތުވި 2 ހަފްތާ ތެރޭގައި ރާއްޖޭގައި މި ބަލީގައި ނިޔާވި މީހުންގެ ޢަދަދު ގިނައެވެ. އެގޮތުން ޑިސެމްބަރާއި ޖެނުއަރީމަހު ޖުމްލަ 5 މީހުން ނިޔާވެފައިވާއިރު، ފެބްރުއަރީމަހުގެ ފުރަތަމަ 2 ހަފްތާގައި އެކަނިވެސް 7 މީހުން ވަނީ ރާއްޖޭގައި ނިޔާވެފައެވެ. މިއީ އަޅުގަނޑުމެން އެންމެންވެސް ކަންބޮޑުވާންޖެހޭކަމެކެވެ.

މިބަލީގެ ނުރައްކާތެރިކަން ރާއްޖެއަށް ބޮޑުވަނީ ހަމައެކަނި ބަލި ފެތުރޭ ގޮތަކުން އެކަންޏެއްނޫނެވެ. ރާއްޖެއަކީ މިފަދަ ބައްޔަކަށް އެކަށީގެންވާ ވަރަށް ވަސީލަތާއި، ފަރުވާދޭން ތިބި މީހުންވެސް ނިސްބަތުން މަދު ޤައުމެކެވެ. މިހާރުވެސް އޮތީ މިބިރުވެރިކަމެވެ. ބަލިމީހުން ބައިތިއްބާނެ ތަނެއްނެތި ގޭގޭގައި ކަރަންޓީން ކުރަންޖެހިދާނެ ކަމުގެ ބިރުވެރިކަމެވެ. އެއްފަހަރާ އެތައް ބަޔަކަށް ބަލިޖެހި ގިނަ ބަޔަކަށް ޞިއްޙީ ޚިދުމަތްތެރިން ފަރުވާ ދޭންޖެހިއްޖެނަމަ އެކަން އެންމެ އެކަށީގެންވާ ގޮތަށް ނުވެދާނެކަމުގެ ވާހަކަ ހުއްޓުމެއްނެތި ޞިއްޚީ ޚިދުމަތްތެރިން އެދަނީ ކިޔައިދެމުންނެވެ. އެހެންކަމުން މުޅި މުޖުމައުގެ ރައްކަލަކަށްޓަކައި ތިމާގެ ފަރުދީ ޒިންމާ އަދާކުރަން އެބަޖެހެއެވެ.

ކޯވިޑް ބަލިމަޑުކަމުގެ ތެރެއިން ދިވެހިން ކުރި ތަޖުރިބާއަކީ ހިތްދަތި އުނދަގޫ ތަޖުރިބާއެކެވެ. އަމިއްލަ އާއިލާއާއި، ދަރިންނާއި ދިމާނުވެ، ޤައުމީ ޚިދުމަތުގައި އަމިއްލަ ފުރާނަ ނުރައްކަލަށް ލައިގެން މަސައްކަތް ކުރަމުންދާ އެތައް ޚިދުމަތްތެރިންނެއް މިވަގުތުވެސް ހަރަކާތްތެރިވަމުން އެބަދެއެވެ. އެއްބަޔަކު ބަލި މީހުންނަށް ފަރުވާދީ ވެކްސިން ޖެހުމުގައެވެ. އަނެއް ބަޔަކު އަސާސީ ޙިދުމަތްތައް ފޯރުކޮށްދިނުމުގައެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައެވެ.

ކޯވިޑް-19 އާއެކު އަޅުގަނޑުމެން އެންމެންގެ ދިިރިއުޅުމަށް ގެންނަން މަޖުބޫރިވި ބަދަލުތަކަކީ ފަސޭހަކަންކަމެއް ނޫނެވެ. ނަމަވެސް ބަލިން އަރައިގަތުމަށްވެސް މިއަށްވުރެ ވަކި ފަސޭހަގޮތެއްނެތެވެ. މާސްކް އެޅުމާއެކު ގައިދުރުކަން އިސްކުރަންވީއެވެ. ގިނަގިނައިން އަތްދޮވެ އާއްމު ސާފުތާޙިރުކަމަށް ސަމާލުކަންދޭންވީއެވެ. ބަލިން އަރައިގަނެވޭނީ އަޅުގަނޑުމެން އެންމެން މިގޮތުގައި ގުޅިގެން ކުރެވޭ މަސައްކަތުންކަން ޔަޤީނެވެ.