ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން މިއަދުވެސް ފަސް ހާހަށްވުރެ ގިނަ މީހުންނަށް ޖަހާފައިވާއިރު، ވެކްސިން ޖެހި މީހުންގެ ޖުމުލަ ޢަދަދު ބައިލައްކައަށްވުރެ މައްޗަށް އަރައިފިއެވެ. ރާއްޖޭގައި މިވެކްސިން ޖަހަން ފެށީ މިމަހުގެ ފުރަތަމަދުވަހުއެވެ.
ހެލްތު ޕްރޮޓެކްޝްން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި މާލެއާއި އަތޮޅުތައް ހިމެނޭހެން 6،230 މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެސަރަޙައްދުން ވެކްސިން ޖެހި 4،020 މީހުންނާއި، އަތޮޅުތެރޭގައި ވެކްސިންޖެހި 2،090 މީހުންނެވެ. އަދި ރިސޯޓްތަކުން ވަނީ 120 މީހަކު ވެކްސިން ޖަހާފައެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 50،047 އަށް އަރާފައެވެ.
މާލެ ސަރަޙައްދުން މިހާތަނަށް ވެކްސިން ޖަހާފައިވަނީ 39،309 މީހުންނެވެ. އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދަކީ 10،519 އެވެ. ރިސޯޓްތަކުން މިހާތަނަށް 219 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.
މިހާރު ދެމުންދަނީ އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ 100،000ޑޯޒް ރާއްޖެއަށް ހަދިޔާކުރީ އިންޑިއާއިންނެވެ. މިހާރު ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޮފާމްގެ 5000 ވެކްސިން ޑޯޒްވެސް ރާއްޖެއަށްވަނީ ލިބިފައެވެ. ސަރުކާރުގެ އަމާޒަކީ 6 މަސްތެރޭގައި، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމެވެ. ވެކްސިން ދިނުމުގެ މަސައްކަތް މާލޭ ސަރަޙައްދުގެ 8 ސެންޓަރަކާއި، އަތޮޅުތަކުގެ 66 ސެންޓަރުގައި ދަނީ ޖަހަމުންނެވެ.