ކޯވިޑް-19

ކޯވިޑް-19 : ބަލި ފެތުރޭ މިންވަރު ދަށެއްނުވޭ، ޢަދަދުތައް 18،000 އިން މައްޗަށް އަރައިފި


ރާއްޖެއިން ކޯވިޑް-19އަށް އިތުރު 129 މީހަކު ޕޮޒިޓިވްވެއްޖެއެވެ. އެޗް.ޕީ.އޭގެ ފާއިތުވި 24 ގަޑިއިރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދު ދަށްވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 129 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 120 މީހުން ހިމެނެއެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 3 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 6 މީހަކު ވަނީ ޕޮޒިޓިވްވެފައިވެއެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 18،082 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 73 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 15،633 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،384 މީހުންނެވެ. މި ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ ޢަދަދު ރާއްޖޭގައި 200 އިން މަތީގައި ހުރުމަށްފަހު މިހާރު މިވަނީ މި ޢަދަދު ދަށަށްދާން ފަށާފައެވެ. އެގޮތުން މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 172 މީހަކަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 5،045 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 471،366 ސާމްޕަލްވަނީ ނަގާފައެވެ. ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 58 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 50 ދިވެހިންނާއި 8 ބިދޭސީންނެވެ.