ވިޔަފާރި

ރާއްޖެއާއެކު އިތުރު ދާއިރާތަކުން އިންވެސްޓްކުރުމުގެ ޝަޢުގުވެރިކަން އެބަހުރި - ޔޫ.އޭ.އީ


ރާއްޖެއާއެކު އިތުރު ދާއިރާތަކުން ގުޅުންބަދަހިކޮށް، އިންވެސްޓްކުރުމުގެ ޝަޢުގުވެރިކަން ގެންގުޅޭކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫ.އޭ.އީން ހާމަކޮށްފިއެވެ.

ޔޫ.އޭ.އީން މިކަން ހާމަކޮށްފައިވަނީ ރާއްޖޭއާއި ޔޫ.އޭ.އީއާއި ދެމެދު ކުރިއަށްދިޔަ ޖޮއިންޓް ކޮމިޓީ ބައްދަލުވުމުގައެވެ. މިއީ ދެ ޤައުމުގެ ދެމެދު ބޭއްވުނު މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގަތީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. ޔޫ.އޭ.އީގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގަތީ އެޤައުމުގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް އެޑްވާސްޑް ޓެކްނޮލޮޖީ ޑރ. ސުލްޠާން އަލް ޖަބީރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފުޑް އެންޑް ވޯޓަރ ސެކިއުރިޓީ މަރިޔަމް އަލް މުހައިރީއެވެ.

ވަރޗުއަލްކޮށް ކުރިއަށްދިޔަ މި ބައްދަލުވުން ޗެއަރކުރައްވާ ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ރާއްޖެއާއި ޔޫ.އޭ.އީއާއި ދެމެދު އޮތް ޒަމާންވީ ގާތްގުޅުން ފާހަގަކުރައްވާފައެވެ. އަދި ޚާރިޖީ ރޮނގުން ދެ ޤައުމުގެ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ބައިނަލްއަޤްވާމީ މަސްރަޙުގައި މިހާރަށްވުރެ ބޮޑަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރަން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހަމައެހެންމެ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރަން ބޭނުންވާކަންވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.


ރާއްޖެއާއި ޔޫ.އޭ.އީއާދެމެދު އުފެދިފައިވާ ގާތްގުޅުމުގެ އަސްލަކީ އެއް ޤައުމު އަނެއް ޤައުމަށްކުރާ އިތުބާރުކަން ފާހަގަކުރައްވާ، ފާއިތުވި ދުވަސްތަކުގައި ކުރެވުނު މަސައްކަތްކާއެކު ސަރަޙައްދީ ޖަމިއްޔާތަކާއި، އދ. ފަދަ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގައި ދެ ޤައުމު ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުވެފައިވާކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޔޫ.އޭ.އީގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް އެޑްވާސްޑް ޓެކްނޮލޮޖީ ޑރ. ސުލްޠާން އަލް ޖަބީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި އިތުރު ދާއިރާތަކުން އިންވެސްޓްކުރުމުގެ ޝަޢުގުވެރިކަން އެ ޤައުމުން ގެންގުޅޭކަން ވަނީ ފާހަގަކުރައްވާއެވެ. އަދި އެކި ދާއިރާތައް ތަރައްޤީކޮށް ކުރިއެރުވުމަށް ރާއްޖެއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދެ ޤައުމު ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރަން ބޭނުންވާކަމަށްވެސް ޑރ. ޖާބިރު ވިދާޅުވިއެވެ.

ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފުޑް އެންޑް ވޯޓަރ ސެކިއުރިޓީ މަރިޔަމް އަލް މުހައިރީވަނީ މި ބައްދަލުވުމުގައި ފުޑް ސެކިއުރިޓީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރުމަށް ހުރި ފުރުޞަތުތަކާގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އަދި ކައިރި މުސްތަޤުބަލެއްގައި ރާއްޖެއަށް ރަސްމީދަތުރުފުޅެއް ކުރެއްވުމުގެ ޝަޢުގުވެރިކަންވެސް އެކަމަނާ ވަނީ ފާޅުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރާއްޖެއާއި ޔޫ.އޭ.އީއާއި ދެމެދު މަޝްވަރާކުރެވުނު މައިގަނޑު ދާއިރާތަކުގެ ތެރޭގައި، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިކަން ހޯދުމާއި، ފުޑް ސެކިއުރިޓާއި، އިންވެސްޓްމަންޓާއި، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ހިމެނެއެވެ. އަދި ތިމާވެށި ހިމާޔަތްކުރުމާއި، ތަޢުލީމީ ދާއިރާއާއި ދަތުރުފަތުރުގެ ކަންކަން ކުރިއެރުވުމާއި، ޢުމްރާނީ ތަރައްޤީއާއި، ޑިފެންސް އެންޑް ސެކިއުރިޓީގެ ދާއިރާވެސް ހިމެނެއެވެ.

ޔޫ.އޭ.އީއާއި ރާއްޖެއާއި ދެމެދު ކުރިއަށްދިޔަ މި ޖޮއިންޓް ކޮމިޓީ ބައްދަލުވުމުގައި ދެ ޤައުމުގެ ސަރުކާރާއި ޕްރައިވެޓް ސެކްޓަރ ތަމްޞީލުކުރައްވާ މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދިވެހި ރާއްޖެއިން ޔޫ.އޭ.އީއާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 15 މާރިޗު 1978 ވަނަ އަހަރެވެ. މިއަހަރު މިގުޅުމަށް 43 އަހަރު ފުރިގެންދާނެއެވެ. ޔޫ.އޭ.އީން އަންނަނީ ރާއްޖެއަށް އެކި ދާއިރާތަކުން ފަންނީ އަދި މާލީގޮތުން ބޮޑެތި އެހީތަކެއްވަމުންނެވެ.