ތަރައްްޤީ

ހަނިމާދޫ ބަނދަރު ޖޫންމަހަށް ނިންމާލެވޭނެ: އެމްޓީސީސީ


ހދ. ހަނިމާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އަންނަ ޖޫންމަހަށް ނިންމާލެވޭނެކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

ހަނިމާދޫ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

ހަނިމާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ 68 އިންސައްތައާއި ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތުގެ 90 އިންސަައްތަ ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި މުޅި މަޝްރޫޢުގެ މަސައްކަތުގެ 30 އިންސައްތަ މިހާރު ނިމިފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ހަނިމާދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ގެނައުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 53،522.50 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމާއި، 31،575.50 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުން ހިމެނެއެވެ. އަދި 355 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

އެމް.ޓީ.ސީ.ސީން މައުލޫމާތު ދެއްވާގޮތުގައި ހަނިމާދޫ ބަނދަރަށް އަލަށް އިތުރުކުރާ ބައި 700 ފޫޓު ދިގު އަދި 50 މީޓަރު ފުޅާވާނެއެވެ. އަދި މަސައްކަތްތައް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާނަމަ މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ބަނދަރުގެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެކަމަށްވެސް އެކުންފުނިން ވިދާޅުވެފައިވެއެވެ. މިމަޝްރޫޢުގެ މަސައްކަތަށް 57.1 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ގިނަ ރަށްތެކެކޭ އެއްފަދައިން ހދ. ހަނިމާދޫ ރައްޔިތުންނަކީވެސް ލަފާފުރުމާއި ބަނދަރުގެ ދަތިކަން އިހްސާސްކުރަމުންދާ ބައެކެވެ. އާބާދީގައި 2000 އަށްވުރެ ގިނަ މީހުން އުޅޭ ހަނިމާދޫގައި ލަފާފުރުމަށް 70 އަށްވުރެ ގިނަ އުޅަނދު ބޭނުންކުރެއެވެ. އަދި ދުވާލެއްގެ މައްޗަށް އެހެން ރަށްރަށުގެ އުޅަނދުފަހަރުތަކާއެކު ގާތްގަނޑަކަށް 100 އަށްވުރެ ގިނަ އުޅަނދު އެރަށަށް ލަފާފުރައެވެ. ބަނދަރެއް އޮތްނަމަވެސް އެ ބަނދަރަކީ އެރަށުގެ އޮޑިދޯނިފަހަރަށާއި ލަފާފުރުމަށް ބޭނުންކުރަން ރައްކާތެރި ބަނދަރެއް ނޫނެވެ.

މިހާރު ހަނިމާދޫގައި ބޭނުންކުރަމުންދާ 500 ފޫޓް ދިގު 250 ފޫޓް ފުޅާ ބަނދަރަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި އެރަށުގައި ތަރައްގީކޮށްފައިވާ ބަނދަރެކެވެ.

މިހާރު ބޭނުންކުރަމުންދާ ބަނދަރު ތިލަވުމާއި ވާޓަރު ހަލާކުވެފައިވުމުން ބަނދަރު ބޭނުންކުރުމުގައި ވަރަށްބޮޑެތި ދަތިތަކެއް ކުރިމަތިވާކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ. އަދި ހާއްޞަކޮށް ހުޅަނގު މޫސުމުގައި ހަނިމާދޫ ބަނދަރަށް ލަފާފުރުމާއި އުޅަނދުތައް އަޅާފައި ބޭއްވުމަކީ އެއްވެސް ރައްކާތެރިކަމެއް ނެތްކަމެކެވެ. ހަނިމާދޫ ކައުންސިލުން ވިދާޅުވީ، ހަނިމާދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ނިމުމުން މިހާރު ބަނދަރު ބޭނުންކުރުމުގައި ދިމާވެފައިވާ ދަތިތަށް ހައްލުވެ، މީހުންނަށާއި އުޅަނދުތަކަށް ރައްކާތެރިކަން ލިބިގެންދާނެކަމަށެވެ. އަދި ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ މި މަޝްރޫއު ނިމުމުން އެރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށްވެސް އުއްމިދީ ހައްލެއް ލިބިގެންދާނެކަމަށް ކައުންސިލުން ޤަބޫލުކުރެއެވެ.