ކޯވިޑް-19

ކޯވިޑް-19 : ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށްވެސް ވެކްސިންދޭން ފަށަނީ


ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ކޯވިޑް-19ގެ ވެކްސިން ދިނުމަށްޓަކާ އެމީހުން ރަޖިސްޓްރީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ދިވެހި ރެޑް ކްރެސެންޓުން ވިދާޅުވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ރެޑް ކްރެސެންޓުގެ ސެކެޓްރީ ޖެނެރަލް ފާތުމަތު ހިމްޔާ ވިދާޅުވީ، ރާއްޖޭގައި ވޯކްޕަރމިޓްގައި މަސައްކަތްކުރާ ބިދޭސީންނެކޭ އެއްފަދައިން ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދާ ބިދޭސީންނަށްވެސް ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރާ އާބާދީއަކީވެސް ނިސްބަތުން ގިނަ އާބާދީއެއްކަމުން، އެ ފަރާތްތަކަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ދިވެހި ރެޑް ކްރެސެންޓުގެ ބެނިފިޝަރީ ސިސްޓަމްގައި އެފަރާތްތައް ރަޖިސްތްރީކޮށްގެންކަމަށް ހިމްޔާ ވިދާޅުވިއެވެ. އަދި މިކަން ކުރުމުގައި މައިގަނޑު ވިސްނުމަކީ އެޕޮއިންޓްމަންޓް އުޞޫލުން ދުވާލަކު 250 މީހުން ރަޖިސްޓްރީކުރުންކަމަށް ހިމްޔާ ވިދާޅުވިއެވެ. ހިމްޔާ ވިދާޅުވީ އެފަދަ ފަރާތްތަކަށް ރަޖިސްޓްރީވުމަށް މިމަހުގެ 16 ވަނަ ދުވަހު ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މާލޭ ގޮފީގެ މައިގްރެންޓް ސަރޕޯޓް ސެންޓަރުގެ ހޮޓްލައިނަށް ގުޅައިގެން ރަޖިސްޓަރވުމުން އަޅުގަނޑުމެން އެޕޮއިންޓްމަންޓް މިދެނީ ސިސްޓަމްގައި ރަޖިސްޓަރވުމަށް އެފަރާތްތަކުން އައުމަށް. އެޗް.ޕީ.އޭގެ މިންގަނޑުތަކާ އެއްގޮތަށް އެއްތަނަކަށް ވީހާވެސް މީހުން އެއްވުން މަދުކުރުމަށްޓަކާ އެޕޮއިންޓްމަންޓް ސިސްޓަމަކަށްދާން މިޖެހެނީ. މައިގްރެންޓް ސަރޕޯޓް ސެންޓަރަށް ގުޅޭނެ ހޮޓްލައިންތަކަކީ 9114584 ނުވަތަ 9114512" ހިމްޔާ ވިދާޅުވިއެވެ.

ހިމްޔާ ވިދާޅުވީ، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސިންނަށް ރަޖިސްޓްރޭޝަންގެ ކަންކަމާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވާކަމަށެވެ. އަދި ބިދޭސީން ގެންގުޅޭ ކުންފުނިތައް މެދުވެރިކޮށްގެވެސް ޑޮކިއުމެންޓޭޝަން ނެތި އުޅޭ ފަރާތްތަކަށްވެސް ރަޖިސްޓްރީވެވޭނެކަމަށާއި، ވެކްސިން ޖެހޭނެކަން އަންގަމުންދާކަމަށް ހިމްޔާ ވިދާޅުވިއެވެ.

ދުވަސްތަކަކަށްފަހު އަނެއްކާވެސް ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ގޯސްވާން ފަށާފައިވާއިރު، މި ބަލިމަޑުކަމުގެ ސަބަބުން ދިމާވާ ނަފްސާނީ ކަންތައްތަކުން އަރައިގަތުމަށް ސައިކޯ-ސޯޝަލް ސަޕޯޓުގެ ޙިދުމަތް ކުރިއެކޭވެސް އެއްގޮތަށް މިހާރުވެސް ލިބެމުންދާނެކަމަށް ހިމްޔާ ވިދާޅުވިއެވެ. އެގޮތުން އެފަދަ އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ އެކަމަށް ޚާއްސަކޮށްފައިވާ ހޮޓްލައިން 1425 ގުޅުވުއްވުމަށްވެސް ހިމްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.