ޚަބަރު

ކޯވިޑް-19 : ދަރިވަރުންގެ މުޅި ޙަޔާތަށް، ބޮޑު ގެއްލުމެއް


ކޯވިޑް-19ގެ ސަބަބުން އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވި އެއްދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ. މުދައްރިސުން އެތައް ޤުރުބާނީއެއްވެގެން ކުދިންގެ ކިޔެވުން ހުއްޓުނަ ނުދީ ކުރިއަށްގެންދިޔުމަށް އެތައް މަސައްކަތެއްވަނީ ކޮށްފައެވެ. އޭގެ ސަބަބުން ކުދިންގެ ކިޔެވުން ނުހުއްޓުނު ނަމަވެސް އޮންލައިން ވަޞީލަތްތައް ބޭނުންކޮށްގެން ކިޔެވުމަކީ ކުދިންނަށް އެންމެ ރަނގަޅު ގޮތެއް ނޫންކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރައްވައެވެ.

ސްކޫލްތަކަކީ ކުދިންގެ ކިޔެވުމުގައި ބޮޑު ޙިއްސާއެއް އޮންނަ އަދި ކުދިންގެ ހެދި ބޮޑުވުމުގައިވެސް މުހިއްމު ރޯލެއް އަދާކުރާ އެކުދިންގެ ދިރިއުޅޭ އެންމެ މުހިންމު އެއް މާޙައުލެވެ. އެހެންނަމަވެސް ކޯވިޑް-19ގެ ސަބަބުން މިވޭތުވެދިޔަ އަހަރު ސްކޫލަށް ކުދިން ގޮސްގެ ކިޔަވާފައިވަނީ އެންމެ މަސްދުވަހަކުއެވެ. ބައެއް ސްކޫލްތަކަށް ކިޔަވައިދޭން ފެށިނަމަވެސް މާލޭގައި ދަރިވަރުން ސްކޫލަށް ގޮސްގެން ކިޔެވުން ކުރިއަށްގެންގޮސް ވަނީ މަތީ ގުރޭޑުތަކަށެވެ.

އަހަރެއްފަހުން އަނެއްކާވެސް ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ގުރޭޑަކަށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައި ކިޔަވައިދޭން ފެށީ މިމަހުގެ 10ވަނަ ދުވަހުއެވެ. އެހެންނަމަވެސް ކިޔަވައިދޭން ފެށިތާ ހަފްތާއެއް ނުވަނީސް އަނެއްކާވެސް ކޯވިޑްގެ ޙާލަތު ގޯސްވެ މާލެ ސަރަޙައްދުގައި ފިޔަވަޅުތައް ވަރުގަދަކޮށް ގުރޭޑު 6އިން ދަށުގެ ދަރިވަރުންނަށް ކުރިއަށް އޮތް 2 ހަފްތާގައި ކިޔަވައިދޭން ނިންމާފައިވަނީ އޮންލައިންކޮށެވެ.

މިނިންމުމަކީ ޙާލަތުން އަރައިގަތުމަށް ކަމާގުޅޭ ދާއިރާތަކުގެ ހުރިހާ ބޭފުޅުންގެ މަޝްވަރާތަކާއެކު އަޅުއްވާފައިވާ ފިޔަވަޅެކެވެ. އެހެންނަމަވެސް މިއާއެކު ނުކުންނާނެ އިތުރު މައްސަލަތަކެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނުންވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުން ވުމުގެ ބޮޑު ބިރުވެރިކަމެއް އޮތްކަމަށް މިނިސްޓްރީން ފާހަގަކުރައްވައެވެ. ހަމައެއާއެކު ކުދިން ކިޔެވުމާ ދުރުގައި ހޭދަކުރާ މުއްދަތު ދިގުލައިގެން ދިޔުމުގެ ސަބަބުން ކިޔެވުންމަތިން ކުދިން ފޫހިވުމުގެ ފުރުސަތު ވަރަށްބޮޑުކަމަށް އެޑިއުކެޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާތިޔާ ނަސީރު ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ވަރަށްބޮޑު ކަންބޮޑުވުމެއް މިއީ، ކުދިން ސްކޫލަށް ނުގޮސްތިބެންޖެހޭ ދުވަސްތައް ގިނަވުމަކީ. އޭގެ ސަބަބުން ކުދިން ކިޔެވުންމަތިން ފޫހިކޮށްލާނެ އަދި ކުދިން ވަރަށް ބޮޑަށް މާޔޫސްވެ މޮޅިވެރިވެ ޑިޕްރެޝަންގެ ޙާލަތަށް ދިޔުމަކީ ވަރަށް ގާތްތަކަމެއް. މިއީ އަޅުގަނޑުމެނަށް ފެންނަމުންދާ މަންޒަރުތައް." އާތިޔާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ކުދިންގެ ދިރިއުޅުމުން ފޫނުބެއްދޭނެ ގެއްލުމެއް ވަމުން އަންނައިރުވެސް މާލޭގެ މަގުތަކަށް ބަލާލުމުން އެކަމާ މެދު ވިސްނާ ބަޔަކު ނުފެނެއޭ ދެންނެވޭހާ ވެއެވެ. މަގުމަތީގައި ކާރޫބާރޫ ބޮޑުވެ އެތައް ބަޔަކު މަގުތަކުގައި ހޭލަ މޭލަވަނީއެވެ. ސްކޫލަށް ނުދެވި ތުއްތުކުދިން ތިބެންޖެހުނީ ގޭގައެވެ. މިއީ ދެރަކަމެކެވެ.

އަޅުގަނޑުމެން އެންމެންވެސް ޢާއްމު ޙާލަތަށް ރުޖޫޢަވާން ބޭނުމެމެވެ. އަޅުގަނޑުމެންނާ އެއްވަރަށް ކުޑަ ކުދިންވެސް އެކުދިންގެ ޢާއްމު ދިރިއުޅުމަށް ދާންބޭނުންވާނެކަމާމެދު ވިސްނަވާށެވެ. ތިމާގެ ދަރިންނާއި ކޮއްކޮއިންނަށްޓަކައި މިދުވަސްވަރު ގޭގައި މަޑުކޮށްދެއްވާށެވެ. މިޙާލަތުން އަރައިގަނެވޭނީ ކޯވިޑް ވައިރަސް ފެތުރުން ހުއްޓުވިގެންނެވެ. އެކަން ކުރެވޭނީ އަޅުގަނޑުމެން ޒިންމާ އަދާކޮށްގެންނެވެ.