ޚަބަރު

ގެސްޓް ހައުސް ހިންގާ ރަށަކުން އުސޫލާ ޚިލާފަށް އޭދަފުއްޓަށް އެރިމީހަކު ޖޫރިމަނާކޮށްފި


ކޯވިޑް-19 އިގެ އުސޫލާ ޚިލާފަށް އޭދަފުއްޓަށް އެރި މީހަކު ޖޫރިމަނާކޮށްފިއެވެ. އޭދަފުށީ ކައުންސިލުން މަޢުލޫމާތުދިން ގޮތުގައި އެޗްޕީއޭގެ ލަފާގެމަތިން ޖޫރިމަނާކޮށްފައިވަނީ އެއަތޮޅުގައި ގެސްޓްހައުސް ހިންގާ ކަމަދޫގައި ދިރިއުޅޭ ފިރިހެނެކެވެ.

އޭދަފުށީ ކައުންސިލާއި ބ.އަތޮޅު ހޮސްޕިިޓަލް ގުޅިގެން މިމީހާ ކަރަންޓީން ކޮށް ކޯވިޑްއަށް ޓެސްޓްކުރިއިރު ނަތީޖާ ނެގެޓިވް ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. މިއީ ގެސްޓްހައުސް ހިންގާ ރަށަކުން އުސޫލާ ޚިލާފަށް އޭދަފުއްޓަށް ގޮސް އުޅެނިކޮށް މީހަކު ޖުރިމަނާކުރި ފުރަތަމަ ފަހަރެވެ.

ގެސްޓްހައުސް ހުންނަ ރަށްތަކުން ގެސްޓްހައުސް ނުހުންނަ ރަށްތަކަށް ދަތުރުކުރުމަށް ވަކި ޚާއްސަ އުސޫލެއް އެޗްޕީއޭއިންވަނީ ނެރެފައެވެ. އެއުސޫލު ބުނާގޮތުން ގެސްޓްހައުސް ހިންގާ ރަށަކުން ގެސްޓްހައުސް ނެތް ރަށަކަށް އެރޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށެވެ. ޒަރޫރީ ބޭނުންތަކަށް އޭދަފުށްޓަށް ދާ މީހުން އެރަށު ކައުންސިލްގައި ރަޖިސްޓްރީ ވާންޖެހެއެވެ.

ކޯވިޑް 19އަށް އަމަލުކުރުމަށް ހަދާފައިވާ އުސޫލުތަކާ ޚިލާފްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އޭދަފުށީ ކައުންސިލުން މީގެ ކުރިންވެސްވަނީ ބުނެފައެވެ.